ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޖުމްލަ އެސެޓް 60 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެއްޖެއެވެ.

މިކަން ހާމަވެފައި ވަނީ ބީއެމްއެލް އިން އާންމުކުރި މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ނަތީޖާއިންނެވެ. މި ނަތީޖާ ދައްކާ ގޮތުން، މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި އެ ބޭންކަށް ވަނީ ރެކޯޑު މިންވަރެއްގެ ފައިދާއެއް ލިބިފައެވެ. މި ކުއާޓަރު ހިންގުމުގެ ފައިދާގެ ގޮތުގައި 879 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކްސް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 631 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި މިއީ ފާއިތުވި 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 27 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. އަދި ބޭންކުގެ 43 އަހަރުގެ ދިގު ތާރީހުގައި މިއީ އެންމެ ކާމިޔާބު އެއް ކުއާޓަރު ކަމަށާއި، މިއީ ބޭންކުގެ ވިޔަފާރި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ.

އާމްދަނީ އާއި އެސެޓަށް އައި ކުރިއެރުން

ބޭންކުގެ މާލީ ހިސާބުތައް ދައްކާ ގޮތުން، ފުރަތަމަ ކުއާޓަރުގައި ބޭންކުގެ ޖުމްލަ އާމްދަނީ ވަނީ 1.24 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މި ކުރިއެރުން މައިގަނޑު ގޮތެއްގައި ގުޅިފައިވަނީ ލޯނުތަކުން ލިބުނު އިންޓަރެސްޓާއި، ފީ އަދި ކޮމިޝަނުން ލިބުނު އާމްދަނީ އިތުރުވުމާއެވެ.

އެގޮތުން އިންޓަރެސްޓް އާމްދަނީގެ ގޮތުގައި 796 މިލިއަން ރުފިޔާ ލިބިފައިވާއިރު، ފީ އާއި ކޮމިޝަނުން 332 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ބޭންކުގެ ހިންގުމުގެ ހަރަދުތައް ވަރަށް ބޮޑަށް ކޮންޓްރޯލްކުރެވިފައިވާއިރު، އާމްދަނީއާ އަޅާބަލާއިރު ހަރަދުގެ ނިސްބަތް (ކޮސްޓް-ޓު-އިންކަމް ރޭޝިއޯ) ހުރީ 24 އާއި 25 އިންސައްތައާ ދެމެދުގައެވެ. މިއީ ބައިނަލްއަގްވާމީ މިންގަނޑުތަކާ އަޅާބަލާއިރުވެސް ވަރަށް ރަނގަޅު ނިސްބަތެކެވެ.

މީގެ އިތުރުން، ބޭންކުގެ ޖުމްލަ އެސެޓް ވަނީ 60.6 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ގާތްގަނޑަކަށް 4.8 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. ކަސްޓަމަރުން ޑިޕޮސިޓްކޮށްފައިވާ ފައިސާގެ އަދަދު 40.7 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، ބޭންކުގެ ޖުމްލަ އިކުއިޓީ ވަނީ 27.6 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއާއެކު ބޭންކުގެ ރައުސްމާލުގެ ފުދުންތެރިކަން ހުރީ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލާޒިމުކުރާ މިންވަރަށްވުރެ މާ މަތީގައެވެ.

ލޯނު ދޫކުރުމާއި ބޭރު ފައިސާގެ މުއާމަލާތްތައް

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ބީއެމްއެލްއިން ވަނީ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް 4.6 ބިލިއަން ރުފިޔާގެ އާ ލޯނު ދޫކޮށްފައެވެ. އަދި އޭޕްރީލް މަހުގެ 15 ވަނަ ދުވަހާ ހަމައަށް އިތުރު 488 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެއެވެ. މިއާއެކު ބޭންކުގެ ޖުމްލަ ލޯނު ޕޯޓްފޯލިއޯ ވަނީ ފާއިތުވި އަހަރާ އަޅާބަލާއިރު 4.8 ބިލިއަން ރުފިޔާއިން އިތުރުވެފައެވެ. މިއީ ރާއްޖޭގެ އިގްތިސާދީ ހަރަކާތްތަކަށް ބޭންކުން ދެމުންގެންދާ އެއްބާރުލުން ހާމަކޮށްދޭ ކަމެކެވެ.

ރާއްޖެއަށް ދިމާވެފައިވާ ބޭރު ފައިސާގެ ތާށިކަމާއެކުވެސް، ބޭންކުން ވަނީ ބޭރު ފައިސާގެ މުއާމަލާތްތަކަށް ބޮޑު އަދަދެއް ދޫކޮށްފައެވެ. އިމްޕޯޓަރުންނާއި ވިޔަފާރިތަކަށް 106.2 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 35.4 މިލިއަން ޑޮލަރެވެ.

ހަމައެހެންމެ، ކްރެޑިޓް ކާޑާއި ޑެބިޓް ކާޑު މެދުވެރިކޮށް ރާއްޖެއިން ބޭރުގައި ކުރެވުނު މުއާމަލާތްތަކަށް 119.9 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 40 މިލިއަން ޑޮލަރެވެ. ޖުމްލަ ގޮތެއްގައި ވިޔަފާރިތަކަށާއި އާންމު ފަރުދުންނަށް ވިއްކާފައިވާ ޑޮލަރުގެ އަދަދު 226 މިލިއަން ޑޮލަރަށްވުރެ ގިނަކަން ބޭންކުން ފާހަގަކުރެއެވެ. އަދި އޭޕްރީލް މަހުގެ ފުރަތަމަ 15 ދުވަހު އެކަނިވެސް 22 މިލިއަން ޑޮލަރު ވަނީ ވިއްކާފައެވެ.

މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމަށް ބީއެމްއެލްއިން ކުރަމުންދާ މަސައްކަތުގެ ދަށުން، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ވަނީ އައު އޭޓީއެމްތަކެއް ބަހައްޓާފައެވެ. މިހާރު ރާއްޖޭގެ 70 ރަށެއްގައި ބޭންކުގެ 90 އޭޓީއެމް ވަނީ ބަހައްޓާފައެވެ. މި އާ ހިދުމަތްތައް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. މި އޭޓީއެމް ވިއުގަ މެދުވެރިކޮށް ފުރަތަމަ ކުއާޓަރުގައި 253 މިލިއަން ރުފިޔާ އަދި 86 މިލިއަން ޑޮލަރުގެ މުއާމަލާތް ވަނީ ކޮށްފައެވެ.