ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ މަޝްހޫރު އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ" މަޝްރޫއަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅޫވީ، ރަސްމާލެ މަޝްރޫއާ ދެކޮޅަށް ސީދާ ހަރަކާތަށް ނުކުތުމަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅި ގަރާރާ ގުޅިގެން ރޭ ބޭއްވި ކުއްލި ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، އެ ބަހުސްގައި ބައިވެރިވެވަޑައިގަންނަވާ ގޮތަށް ކުރިން ނުވިސްނެވި ނަމަވެސް ބައެއް ބޭފުޅުން އެ މަނިކުފާނުގެ ނަން ގެންނެވުމުން ވާހަކަދައްކަވަން މަޖުބޫރުވީ ކަމަށެވެ. އަދި އެ މަޝްރޫއަށް އެ މަނިކުފާނު ފުރިހަމައަށް ތާއީދުކުރައްވާ ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.

އީގަލް ހިލްސްއަށް ރަސްމާލެއިން 99 އަހަރަށް ބިން ދޭތީ، އެ މުއްދަތު ހަމަވުމުން ވާނެ ގޮތަކާ މެދު ބައެއް މެމްބަރުން ފާޅުކުރެއްވި ކަންބޮޑުވުންތަކަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ ރާއްޖޭގެ ތާރީޚަށް ބަލާއިރު މީގެ 300 އަހަރު ކުރިން ވެސް ބޭރުން އައި މީހުން ހޯރަފުއްޓާއި ދުވާފަރު ފަދަ ރަށްރަށުގައި ވަޒަންވެރިވެފައިވާ ކަމަށެވެ. އަދި ގައުމީ މަޖިލީހުގައި ތިއްބެވި ހުރިހާ ބޭފުޅުންނަކީ ވެސް ބޭރު ގައުމުތަކުން އައިސް ރާއްޖޭގައި ވަޒަންވެރިވެގެން އުފެދިފައި އޮތް އާބާދީއެއްގެ "ފަހުރުވެރި ދިވެހި ދަރިން" ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެއިތުރުން، އެ މަޝްރޫއުގެ ދަށުން އެހެން ދީންތަކުގެ މީހުންނާއި ޒަޔަނިސްޓުން ރާއްޖޭގައި ވަޒަންވެރި ކުރުވުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް ބުނެ ބައެއް މެންބަރުން ދެއްކެވި ވާހަކަތަކާ މެދު ވެސް ނަޝީދު ހިތްހަމަނުޖެހުން ފާޅުކުރެއްވި އެވެ. އަދި ސާބިތު ނުހިފޭ ގޮތަށް މުސްތަގުބަލުގައި ވާން އޮތް ކަންކަމުގެ ވާހަކަ ނުދެއްކުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.

ގައުމީ މަޖިލީހަށް މި ގަރާރު ހުށަހެޅުމާ އެކު ނަޝީދު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވެސް ވަނީ އެމްޑީޕީގެ އަސްލު އުސޫލުތައް ދޫކޮށް، ހައްދުފަހަނައެޅި ގައުމިއްޔަތާއި ބޭރު މީހުންނާ މެދު ނަފުރަތު އުފެއްދުމުގެ ސިޔާސަތެއް އެ ޕާޓީން ގެންގުޅޭ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަދި ވަގުތީ ސިޔާސީ މަންފާއަށް ދީން ހަތިޔާރަކަށް ހެދުމާއި ބިރުވެރިކަން އުފެއްދުމަކީ ޕާޓީގެ އަސާސީ ސަޕޯޓަރުން ގެއްލި، އިތުބާރު ކުޑަވާނެ ކަމެއް ކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ އިންޒާރު ދެއްވާފަ އެވެ.

ރަސްމާލޭގައި ޔޫއޭއީގެ ކުންފުނިން ހިންގާ މި މަޝްރޫއާ ދެކޮޅަށް އެމްޑީޕީން ބަޔާން ނެރުމަށް މަޝްވަރާކުރި އިރު ވެސް، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމަށް ބަލައި އެ މައްސަލައިގައި ޕާޓީން ހިމޭނުން އޮތުމަށް ނަޝީދު އެދިވަޑައިގެންނެވި އެވެ. ނަމަވެސް، ނަޝީދުގެ މި ވިސްނުމާ ދެކޮޅަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ސަރުކާރާ ދެކޮޅަށް އެ މައްސަލައިގައި ކުރިއަށް ދިއުމަށް އިއްތިފާގުން ނިންމާފަ އެވެ. މި ނިންމުމާ އެކު، މީގެ ކުރިން ވެސް އެ ޕާޓީގެ ތެރޭގައި އުފެދުނު ފަދަ ބޮޑެތި ބައިބައިވުންތަކެއް އަލުން ފެންމަތިވެދާނެ ކަމަށް މިހާރު ވަނީ ބެލެވިފަ އެވެ.