ކުދި ޖަޒީރާ ގައުމުތަކުގެ ހައްގުގައި ބައިނަލްއަގުވާމީ މައިދާނުގައި ވަކާލާތުކުރުމުގެ ނިޒާމުތައް އިތުރަށް ހަރުދަނާކޮށް، އެ ގައުމުތަކަށް ފަސޭހައިން އަދި ކަށަވަރުކަމާއެކު ލިބޭނެ ދިގު މުއްދަތުގެ މާލީ އެހީތެރިކަން ފަހިކޮށްދިނުމަށް ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ގޮވާލައްވައިފިއެވެ.

މިނިސްޓަރު މިކަމަށް ގޮވާލެއްވީ، އެންޓީގުއާ އެންޑް ބާބިއުޑާގެ ސެއިންޓް ޖޯންސްގައި އާދީއްތަ ދުވަހު ކުރިއަށްދިޔަ ކޮމަންވެލްތު މިނިސްޓީރިއަލް މީޓިން އޮން ސްމޯލް ސްޓޭޓްސްގެ ކޯ-ޗެއަރުގެ ހައިސިއްޔަތުން ދެއްވި ތަގުރީރުގައެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިރުތިޝާމް ވިދާޅުވީ، ކުދި ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުއިން އަރައިގަތުމަށްޓަކައި "އެންޓީގުއާ އެންޑް ބާބިއުޑާ އެޖެންޑާ ފޯ އެސްއައިޑީއެސް" (އޭބީއޭއެސް) ފަދަ މިހާރު ހުރި ނިޒާމުތައް އިތުރަށް ހަރުދަނާކުރަންޖެހޭ ކަމަށެވެ. އަދި މޫސުމީ ވިލުންވެރިކަން އިތުރުކުރުމަށާއި، އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމަށާއި، ރައްކާތެރި މިންވަރެއްގައި ދަރަނީގެ މިންވަރު ދެމެހެއްޓުމާއި ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް އިންވެސްޓްމަންޓްތައް ފުޅާކުރުމަށްޓަކައި ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި، ތަރައްގީގެ ބައިވެރިންގެ އިތުރުން ޕްރައިވެޓް ސެކްޓަރާއެކު އޮންނަ ގުޅުން ވަރުގަދަކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ހަމައެއާއެކު، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ވެފައިވާ ވައުދުތައް ފުއްދުމަށް ބޭނުންވާ މާލީ އަދި ފަންނީ ވަސީލަތްތައް ފޯރުކޮށްދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ގައުމީ ފެންވަރުގައި ހޯދާފައިވާ ކާމިޔާބީތައް ފުޅާކޮށް، ފަންނީ އެހީތެރިކަން އިތުރުކުރުމާއެކު ގާބިލު މާހިރުންގެ ޚިދުމަތް ކަށަވަރުކުރުމަކީ ކުދި ގައުމުތަކުގެ ދެމެހެއްޓެނިވި ތަރައްގީއަށް މުހިންމު ކަމެއް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގެ "މޯލްޑިވްސް ފަސްޓް" ސިޔާސަތަށް އަލިއަޅުއްވާލައްވަމުން، ރާއްޖެއިން ބޭރުގެ ފަރާތްތަކާއެކު ގުޅުން ބަދަހިކުރާނީ ގައުމުގެ ސިޔާދަތަށާއި އިސްތިގުލާލަށް އިހްތިރާމްކުރުމާއެކު ގައުމީ މަސްލަހަތު އިސްކޮށްގެން ކަމުގެ ޔަގީންކަން ދެއްވިއެވެ.

ކޮމަންވެލްތުގެ ގުޅުން ބިނާވާންވާނީ ސާފު ލަނޑުދަނޑިތަކެއްގެ މައްޗަށާއި އެންމެންގެ ހިއްސާ އޮންނަ ޒިންމާދާރު އުސޫލުތަކަކަށް ކަމަށް ވިދާޅުވަމުން، މިނިސްޓަރު ވަނީ ބައިނަލްއަގުވާމީ ނިންމުންތައް ނިންމާ މައިދާންތަކުގައި ކުދި ގައުމުތަކުގެ ތަމްސީލުވުން އިތުރުކުރުމަށް ގޮވާލައްވާފައެވެ. މިގޮތުން، 2028 އިން 2030 އަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ މެންބަރުކަމަށާއި، 2033 އިން 2034 އަށް އދ. ގެ ސަލާމަތީ މަޖިލީހުގެ މެންބަރުކަމަށް ދިވެހިރާއްޖެއިން ކުރިމަތިލާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ކޮމަންވެލްތުގެ އިސްވެރިންގެ 28 ވަނަ ބައްދަލުވުމުގެ (ޗޮގަމް) ހަވާސާގައި ބޭއްވި މި ބައްދަލުވުމުގެ ކޯ-ޗެއާކަން މިނިސްޓަރު އިރުތިޝާމް ކުރެއްވީ އެންޓީގުއާ އެންޑް ބާބިއުޑާގެ ފޮރިން މިނިސްޓަރު އީ.ޕީ. ޗެޓް ގްރީންއާ އެކުގައެވެ. މި ބައްދަލުވުމުގައި އެންޓީގުއާގެ ބޮޑުވަޒީރު ގެސްޓަން ބްރައުން އަދި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޝާލީ ބޮޗްވޭ ވެސް ވާހަކަފުޅު ދެއްކެވިއެވެ.