ތައުލީމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ތެރެއިން ހޯމް ސްކޫލިން ފޯރުކޮށްދިނުމަށް ނިންމާފައިވަނީ ތައުލީމީ ނިޒާމުގެ ތެރެއިންކަަމަށާއި އެއީ ހަރުކަށި ފިކުރަށް ނުވަތަ ވަކި ކަހަލަ ނޭދެވޭ ކަންކަމަށް ޖާގަ ދިނުމުގެ ގޮތުން ކުރާ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކް ވިދާޅުވެއްޖެއެވެ.
މި ބިލާ ގުޅޭގޮތުން މަޖިލީހުގައި ބަހުސްކުރައްވަމުން ހުސްނީ މިހެން ވިދާޅުވެފައިވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ހޯމް ސްކޫލިން ތައާރަފްކުރުމަށް ހުށަހަޅާފައިވާ އިސްލާހަށް ފާޑުވިދާޅުވެ، އެއީ އަންހެން ކުދިން ތައުލީމުން އެކަހެރިކުރުމުގެ ހީލަތްތެރި ރޭވުމެއް ކަމަށް ސިފަކުރެއްވުމާ ގުޅިގެންނެވެ.
ނަޝީދުގެ މިވާހަކައާއި ގުޅުވާ ހުސްނީ ވިދާޅުވީ ހޯމް ސްކޫލިން ދިނުމަކީ އެއްވެސް ހާލެއްގައި އަންހެން ދަރީން ތައުލީމުން އެކަހެރިކޮށް ގޭގައި ބައިތިއްބައިގެން ވަކި ގޮތަކަށް ތަރުބިއްޔަތުކުރުމަށް ފުރުސަތު ދިނުމެއް ނޫން ކަމަށެވެ. ހޯމް ސްކޫލިން ތައާރަފްކުރުމަށް ތައުލީމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ޖާރިޔާއިން އުފެއްދުމުގެ ހީލަތްތެރި ރޭވުމެއް ކަމަށް ނަޝީދު ވިދާޅުވި ވާހަކަ ހުސްނީ ވަނީ ކުށްވެރިކުރައްވާފައެވެ.
ހޯމް ސްކޫލިން ދިނުމަކީ ސްކޫލެއްގައި ރަޖިސްޓްރީ ނުކުރެވި ނުވަތަ ނިޒާމުގެ ބެލެހެއްޓުމުގެ ބޭރުން ކުރާ ކަމެއް ނޫން ކަމަށް ހުސްނީ ފާހަގަކުރެއްވިއެވެ. އަދި މިއީ އެއްވެސް ހާލެއްގައި ހަރުކަށި ފިކުރަށް ނުވަތަ ޖާރިޔާއިން އުފެއްދުމަށް ކުރާ ކަމެއްގެ ގޮތުގައި ސިފަނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ބިލުގައި ހިމަނާފައިވާ ކަންކަމުގެ ތަފްސީލު ހާމަކުރައްވަމުން ހުސްނީ ވިދާޅުވީ މި ޕްރޮގްރާމްގެ ދަށުން ކިޔެވުމުގެ ފުރުސަތު ދެވޭނީ ދަރިވަރުގެ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމެއް ހުރުން ނުވަތަ އެ ނޫންވެސް ހާއްސަ ހާލަތެއް މެދުވެރިވެފައިވާނަމަ ކަމަށް ބިލުގައި ބަޔާންކޮށްފައިވާކަމަށެވެ. އަދި ހޯމް ސްކޫލިން ދިނުމަށް ބެލެނިވެރިން މާލީ ގޮތުން ގާބިލު ބަޔަކަށް ވާންޖެހޭ ގޮތަށް ޝަރުތުކޮށްފައިވުމުން ގިނަ ސުވާލިތަކެއް އަމާޒުވިކަން ފާހަގަކޮށް ހުސްނީ ވިދާޅުވީ ބިލުގައި ހުރި މިފަދަ ކަންކަން ކޮމިޓީ މަރުހަލާގައި އިސްލާހުކުރެވިގެންދާނެ ކަމަށެވެ.
އިތުރަށް ހުސްނީ ވިދާޅުވީ ޒަމާނުއްސުރެ ޗުއްޓީ އޮތް ގޮތަށް ބަދަލުކުރުމުން ދަރިވަރުންނަށް ޓެސްޓުތަކަށް ތައްޔާރުވުން ފަދަ ކަންކަމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވިކަމަށެވެ. އެހެންކަމުން، ދިރާސީ އަހަރު ވަކި ގޮތަކަށް ކަނޑައެޅުން ގާނޫނުގައި ހިމެނުމަކީ ވަރަށް ރަނގަޅު ބަދަލެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
