ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުވާފައިވާ އެކްސްޕެޓްރިއަޓް (ބޭރު މުވައްޒަފުންގެ) ޔޫއެސް ޑޮލަރު އެކައުންޓްތަކުން ކޮންމެ މަހަކު ނަގަމުން އައި މެއިންޓަނަންސް ފީ އުވާލައިފިއެވެ.
ބީއެމްއެލް އިން މިއަދު އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ، މި ބަދަލާއެކު އެކްސްޕެޓްރިއަޓް ޔޫއެސްޑީ އެކައުންޓް ބޭނުންކުރާ ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތަކަކާއި ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ.
ބީއެމްއެލްއިން އެކްސްޕެޓްރިއަޓް އެކައުންޓްތަކުން މަހުފީއެއްގެ ގޮތުގައި މަހަކު 5 ޔޫއެސް ޑޮލަރު ނަގަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.
އެ ދުވަސްވަރު ބޭންކުން ބުނެފައިވަނީ މިފަދަ އެކައުންޓްތައް ބެލެހެއްޓުމަށްޓަކައި އެޑްމިނިސްޓްރޭޓިވް އަދި އިންފްރާސްޓްރަކްޗާ ގޮތުން ބޮޑު ހޭދައެއް ކުރަންޖެހޭތީ ނަގާ ފީއެއް ކަމަށެވެ.
ބީއެމްއެލްގެ އެކްސްޕެޓްރިއަޓް އެކައުންޓްތަކަކީ އިސްލާމިކް އުސޫލުތަކަށް ތަބާވާ، ރާއްޖޭގައި މަސައްކަތްކުރާ ބޭރު ގައުމުތަކުގެ މީހުންނަށް ހާއްސަކޮށްގެން ހުޅުވޭ އެކައުންޓްތަކެކެވެ.
ސައްހަ ވާކް ވިސާ ނުވަތަ އެހެނިހެން ސައްހަ ވިސާއެއް އޮންނަ ކޮންމެ ބޭރު މީހަކަށްވެސް ބީއެމްއެލްގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް މިފަދަ އެކައުންޓެއް ހުޅުވުމުގެ ފުރުސަތު އޮވެއެވެ.
ބީއެމްއެލް އިން ބުނީ އެ ކުންފުނިން އަބަދުވެސް ދަނީ ކަސްޓަމަރުންނަށް ދެވޭ ހިދުމަތްތައް ހަރުދަނާކޮށް ބޭންކިން ހިދުމަތްތަކުން ނަގާ ފީތަކަށް އެކި މުރާޖާއާތައް ގެންނަމުންކަމަށެވެ.
