ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުން ރާއްޖޭގައި ދާއިމީކޮށް ވަޒަންވެރިވުމާ ގުޅޭގޮތުން އިބްރާ ނަމަކަށް ކިޔުނު ފަރާތަކުން ސޯޝަލް މީޑިއާގައި ފާޅުކުރި ކަންބޮޑުވުންތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައްދުދެއްވައިފިއެވެ.

ސޯޝަލް މީޑިއާގައި ނަޝީދު މި ރައްދުދެއްވީ، އެ މަޝްރޫއުގެ ސަބަބުން އެހެން ދީންތަކާއި ނަސްލުތަކުގެ މީހުންނަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ހުޅުވިގެންދާނެތޯ އިބްރާ ސުވާލުއުފެއްދުމުންނެވެ.

މިކަމާ ގުޅޭގޮތުން އިބްރާ ކުރި ޕޯސްޓެއްގައި ބުނީ “ސުވާލަކީ އެހެން ދީންތަކުގެ މީހުނަށް ހާއްސަތޯއެއް ނޫނެވެ.” އޭނާ އިތުރަށް ބުނެފައިވަނީ “ސުވާލަކީ ރަސްމާލެ ޕްރޮޖެކްޓުން، މިރާއްޖޭގައި އެހެން ދީންތަކުގެ މީހުނާ އެހެން ނަސްލުތަކުގެ މީހުނަށް ދާއިމީ ގޮތަކަށް މިރާއްޖޭގައި ވަޒަންވެރިވުމުގެ މަގު ހުޅުވޭތޯ ނުވަތަ ނޫންތޯއެވެ” އަދި “ވަކީން ހާއްސަކޮށް ސަހްޔޫނީން” ކަމަށެވެ.

އިބްރާގެ އެ ވާހަކަތަކަށް ރައްދުދެއްވަމުން ނަޝީދު ވިދާޅުވީ، ކުރިއަށް އޮތް 50 ނުވަތަ 99 އަހަރުގެ ތެރޭގައި ވެދާނެ ނުވަތަ ނުވެދާނެ ކަމެއް ކަށަވަރުކޮށް ބުނަން ނޭނގޭ ކަމަށާއި، ނަމަވެސް ތާރީހަށް ބަލައިގެން ކަންކަން ވަޒަންކުރެވިދާނެ ކަމަށެވެ.

އެގޮތުން 1800ގެ އަހަރުތަކުގެ މެދުތެރޭގައި ބޯރާ ވިޔަފާރިވެރިން މާލޭގައި ވަޒަންވެރިވި ކަން ފާހަގަކުރައްވައި، އޭގެ ސަބަބުން މާ ބޮޑު ބަދަލެއް އައިތޯ ނަޝީދު ސުވާލުކުރެއްވިއެވެ. އަދި އެ ބަދަލު ނާންނަ ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި، ރާއްޖޭގެ އެކި ރަށްރަށުގައި ވެސް އެހެން މީހުން ވަޒަންވެރިވެފައިވާއިރު، އޭގެ ސަބަބުން ދިވެހިންނަކީ މުސްލިމުން ނޫން ބަޔަކަށް ބަދަލުނުވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންކަން ވެސް ކުރައްވާ ނަޝީދު މީގެ ކުރިން ވެސް ވަނީ ވާހަކަދައްކަވާފައެވެ. އެ މަޝްރޫއާ ދެކޮޅުހެދުމަކީ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫން ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ބޭރު މީހުންނަށް ރާއްޖޭގައި ދިރިއުޅެވޭނެ ރެސިޑެންސީ ޕްރޮގްރާމެއް ތައާރަފުކުރުމަކީ އުސޫލެއްގެ ގޮތުން ރަނގަޅު ވިސްނުމެއް ކަމަށާއި، އެންމެ ރަނގަޅު ގޮތަކީ އެ އެއްބަސްވުން ރައްޔިތުންގެ މަޖިލީހަށް ފޮނުވުން ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.