މޯލްޑިވްސް އެކްސްޕޯ 2026 ގެ އޮފިޝަލް ބޭންކިން ޕާޓްނަރެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައި، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމާއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ވިޔަފާރިތަކާއި، އުފެއްދުންތެރިކަމުގެ އިތުރުން އީޖާދީ މަސައްކަތްތައް ކުރިއެރުވުމަށް އެ ބޭންކުން ދެމުންގެންދާ އެއްބާރުލުމާއި އަހައްމިއްޔަތުކަން ވަނީ އަލުން ހާމަކޮށްދީފައެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓަާ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން އިންތިޒާމުކުރާ މި ބޮޑު އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 25 އިން ނޮވެންބަރު މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ހަރަކާތް ކުރިއަށްދާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
ދިވެހިންގެ އަމިއްލަ އުފެއްދުންތެރިކަމާއި ފަންނުވެރިކަމުގެ ހުނަރުތައް އެއް ފުރާޅެއްގެ ދަށުން ދައްކާލުމަށް ބާއްވާ މި ހަރަކާތަކީ، ވިޔަފާރިވެރިންނާއި ކުދި އަދި މެދުފަންތީގެ އުފެއްދުންތެރިންގެ މަސައްކަތްތައް އިޝްތިހާރުކޮށް، އެ ފަރާތްތަކަށް ފަހި މާކެޓުތަކަކަށް ވާސިލުވުމަށް ލިބިގެންދާނެ އަގުހުރި ފުރުސަތެކެވެ.
ޤައުމީ ބޭންކުގެ ހައިސިއްޔަތުން، ދިވެހި ވިޔަފާރިތައް ބާރުވެރިކުރުވައި، ޒުވާނުންނާއި އަމިއްލަ ފަރުދުންގެ އީޖާދީ ވިސްނުންތަކަށް ހިތްވަރުދީ، ރާއްޖޭގެ އިގްތިސޯދީ ދުވެލި ހަލުވިކުރުމަށް މަގުފަހިކޮށްދޭ މިފަދަ ކޮންމެ ހަރަކާތަކަށް އެއްބާރުލުން ދިނުމުގައި ބީއެމްއެލް އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށް އެ ބޭންކުން ބުނެއެވެ.
މޯލްޑިވްސް އެކްސްޕޯ 2026 ގެ ބޭންކިންގ ޕާޓްނަރަކަށް ބީއެމްއެލް ހަމަޖެހިގެން ދިޔައިރު، މޯލްޑިވްސް އެކްސްޕޯ 2025 ގެ މެއިން ސްޕޮންސަރެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވެފައިވަނީ ބޭންކް އޮފް މޯލްޑިވްސްއެވެ. މިއީ ގައުމީ ފެންވަރުގައި ކުރިއަށްގެންދާ މިފަދަ މުހިންމު ހަރަކާތްތަކަށް ބީއެމްއެލްއިން ދެމުންގެންދާ ދެމެހެއްޓެނިވި އެއްބާރުލުމުގެ ހެއްކެކެވެ.
