ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ޒުވާނުންނަށް ހާއްސަކޮށްގެން ތައާރަފްކޮށްފައިވާ "ޔޫތު އެންޓެޕްރެނިއާޝިޕް ފައިނޭންސިން" ގެ ދެވަނަ ފިޔަވައްސަށް އެޕްލިކޭޝަން ބަލައިގަންނަން މިއަދު ފަށައިފިއެވެ.
މި ފައިނޭންސިން ފެސިލިޓީއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ހުނަރުވެރި ޒުވާނުންގެ ވިޔަފާރި ހިޔާލުތައް ހަގީގަތަކަށް ހަދައިދިނުމަށާއި، އެ ޒުވާނުން ބާރުވެރިކުރުވައި، ވިޔަފާރި ފެށުމަށް ބޭނުންވާ މާލީ އެހީތެރިކަން ލުއިފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުމުގެ މަގުސަދުގައި އެކުލަވާލާފައިވާ ހާއްސަ ސްކީމެކެވެ.
މި ފުރުސަތު ހުޅުވާލާފައިވަނީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. މި ފެސިލިޓީގެ ދަށުން އެއްވެސް ރަހުނަކާ ނުލައި އަދި އަމިއްލަ އަތުން އެއްވެސް ހަރަދެއް ކުރަން ނުޖެހޭ ގޮތަށް 150،000 ރުފިޔާއާ ހަމައަށް ފައިނޭންސިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަހަރަކު 7 ޕަސެންޓްގެ ކުޑަ ފައިދާ ރޭޓެއްގައި ދޫކުރާ މި ފައިނޭންސިން އަނބުރާ ދެއްކުމަށް 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބޭނެއެވެ. އަދި ފައިސާ އަނބުރާ ދެއްކުމަށް ޖުމްލަ 5 އަހަރުގެ ދިގު މުއްދަތެއް ލިބިގެންދާނެއެވެ.
މި ފިޔަވަހީގެ ދަށުން ފައިނޭންސަށް އެދި ހުށަހެޅުމުގެ ކުރިން، ޒުވާނުން މާލީ ކަންކަމަށް އަހުލުވެރިކުރުވުމަށް ހާއްސަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން ވިޔަފާރީގެ މާލީ ހިސާބުތައް ބަލަހައްޓާނެ ގޮތް ދަސްކޮށްދިނުމަށާއި، ލިބޭ ފައިސާގެ އެހީތެރިކަމާއެކު ވިޔަފާރި ހިންގުމުގައި ސަމާލުކަން ދޭންޖެހޭ މުހިންމު ކަންކަން އުނގަންނައިދިނުމަށް އޮންލައިންކޮށް ފުރިހަމަކުރަންޖެހޭ މާލީ ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ވަނީ އެކުލަވާލާފައެވެ. އެޕްލިކޭޝަން ހުށަހެޅޭނީ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް މި ޕްރޮގްރާމް ފުރިހަމަކުރުމަށްފަހުގައެވެ. މި ޕްރޮގްރާމް ނިންމުމުން، މި ފިޔަވައްސަށް ކަނޑައަޅާފައިވާ ޖުމްލަ އަދަދު ހަމަވަންދެން 'ބީއެމްއެލް ސްވައިޕް' އެޕް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް ބޭންކުން މައުލޫމާތުދެއެވެ.
ޔޫތު އޮންޓްރަޕްރިނާޝިޕް ފައިނޭންސިންއާ ގުޅޭ ގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، އަލަށް ތައާރަފު ކުރި މި ފައިނޭންސިންެ ފުރަތަމަ ފިޔަވައްސަށް އުއްމީދުކުރި ވަރަށްވުރެ ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކަމަށެވެ.
ކާމިޔާބުކަމާއެކު ނިންމާލެވުނު މި ސްކީމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި 3،000 އަށް ވުރެ ގިނަ ޒުވާން ވިޔަފާރިވެރިންނަށް 300 މިލިއަން ރުފިޔާއަށް ވުރެ އިތުރު އަދަދެއްގެ ފައިނޭންސިން ވަނީ ފޯރުކޮށްދީފައެވެ. މި ސްކީމަކީ ރާއްޖޭގެ އިގްތިސާދުގައި ޒުވާނުންގެ ހިއްސާ އިތުރުކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.
