މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަށް 1،356 ޓަނަށް ވުރެ ގިނަ މަސް ކިރާފައިވާ ކަމަށާއި، މަސްވެރިންނަށް 30 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިފްކޯއިން އާންމުކޮށްފައިވާ އޮކްޓޯބަރު މަހުގެ ރިޕޯޓުގެ ހިސާބުތަކަށް ބަލާއިރު، ޖުމްލަ 462 ދޯންޏަކުން ވަނީ 1،356.00 ޓަނުގެ މަސް އެ ކުންފުންޏަށް ކިރުވާފައެވެ. އަދި އެ މަހަށް ވާ ފައިސާގެ ގޮތުގައި މަސްވެރިންނަށް ޖުމްލަ 30،038،039.00 ރުފިޔާ ވަނީ ދޫކޮށްފައެވެ.

މި މުއްދަތުގައި އެންމެ ގިނައިން ކިރާފައި ވަނީ ކަޅުބިލަމަހެވެ. އެގޮތުން 462 ދޯންޏަކުން 1،354.77 ޓަނުގެ ކަޅުބިލަމަސް ކިރާފައިވާއިރު، އެ މަހަށްވާ 30،007،339.00 ރުފިޔާ ވަނީ މަސްވެރިންނަށް ދޫކޮށްފައެވެ. ކަންނެލީގެ ބާވަތްތަކަށް ބަލާއިރު، 10 ކިލޯއިން މަތީގެ ކަންނެލި އެއްވެސް ދޯންޏަކުން ކިރުވާފައި ނުވި ނަމަވެސް، 15 ކިލޯއިން މަތީގެ 1.23 ޓަނުގެ ކަންނެލި 5 ދޯންޏަކުން ވަނީ ކިރުވާފައެވެ. މި ކަންނެއްޔަށް ވާ 30،700.00 ރުފިޔާ ވެސް މަސްވެރިންނަށް ވަނީ ހަވާލުކޮށްފައެވެ.

ފާއިތުވި މަސްތަކުގައި މަސްވެރިންނަށް ދޫކުރި ފައިސާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ޖޫން މަހު މިފްކޯއިން ދޫކޮށްފައި ވަނީ 11.3 މިލިއަން ރުފިޔާއެވެ. ނަމަވެސް ޖުލައި މަހު މި އަދަދު ބޮޑުތަނުން އިތުރުވެ 50 މިލިއަން ރުފިޔާ ދޫކުރިއިރު، އޮގަސްޓް މަހު 29.99 މިލިއަން ރުފިޔާ އަދި ސެޕްޓެމްބަރު މަހު 27 މިލިއަން ރުފިޔާ ވަނީ މަސްވެރިންނަށް ދޫކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން 2023 ވަނަ އަހަރު ވެރިކަމާ ހަވާލުވި އިރު، މަސްވެރިންނަށް ނުދައްކާ އޮތް 250 މިލިއަން ރުފިޔާގެ ބެކްލޮގް މިހާރު ވަނީ އެއްކޮށް ދައްކާ ހަލާސްކޮށްފައެވެ. އަދި ސަރުކާރުގެ ވައުދާ އެއްގޮތަށް ކިރާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރަން ފެށި ފަހުން، މިއަހަރުގެ އޮގަސްޓު މަހުގެ 27 ވަނަ ދުވަހާ ހަމައަށް މިފްކޯ މެދުވެރިކޮށް މަސްވެރިންނަށް 2.2 ބިލިއަން ރުފިޔާ ވަނީ ދޫކުރެވިފައެވެ. މީގެއިތުރުން، މަސްވެރިންނަށް މަހުގެ ހަމަ އަގު ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މިހާރު މަސް ގަންނަ އަގު ވަނީ 22 ރުފިޔާއަށް ބޮޑުކޮށްފައެވެ.

މިފްކޯއިން ހާމަކުރި ގޮތުގައި، ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ މަސްވެރިން ބާނާ މަހަށް ވީހާވެސް އަވަހަށް ފައިސާ ފޯރުކޮށްދިނުމެވެ. އަދި ފައިސާ ދޫކުރުމުގައި ދެފުށް ފެންނަ ނިޒާމެއް ގާއިމުކޮށް، މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ގަވާއިދުން ލިބޭނެ އިންތިޒާމުތައް އިތުރަށް ހަރުދަނާ ކުރުމަށް މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާ ކަމުގެ ޔަގީންކަން އެ ކުންފުނިން ދެއެވެ.