ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކަސްޓަމަރުންނަށް ހާއްސަކޮށްގެން އަގުހުރި ފައިސާގެ އިނާމުތަކަކާއެކު "ސްވައިޕް. ސްޕެންޑް. ވިން." ގެ ނަމުގައި އާ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަނަކީ ބީއެމްއެލްގެ ކަސްޓަމަރުން ކުރާ އެކި ވިޔަފާރިތަކަށް 'ސްވައިޕް' ވޮލެޓް މެދުވެރިކޮށް ފައިސާ ދެއްކުމަށް ބާރުއެޅުމަށާއި، ކަސްޓަމަރުންނަށް ފައިސާގެ އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.

ބީއެމްއެލް އިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ޕްރޮމޯޝަން ކުރިއަށްދާނީ 1 ނޮވެންބަރުން ފެށިގެން 1 ޑިސެންބަރު 2026 ގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި، ޕްރޮމޯޝަންގައި ބައިވެރިވާ މާޗަންޓްތަކުން ވިޔަފާރިކޮށް ސްވައިޕް މެދުވެރިކޮށް ފައިސާ ދައްކާ ފަރާތްތަކުގެ މެދުގައި ކޮންމެ ހަފުތާއަކު ގުރުއަތު ނެގޭނެއެވެ. އަދި މީގެ އިތުރުން، މުޅި ޕްރޮމޯޝަން ނިމުމުން ހޮވޭ ބޮޑު އިނާމު (ގްރޭންޑް ޕްރައިޒް) ގެ ނަސީބުވެރިޔާއަށް 25,000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

ކޮންމެ ހަފުތާއަކު ކުރިއަށްދާ ގުރުއަތުލުމުގައި ފަސް ނަސީބުވެރިން ހޮވުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ފަރާތަކަށް 1,000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭނެއެވެ. ޖުމްލަ ހަތަރު ހަފުތާގެ މަތިން ކުރިއަށްދާ މި ގުރުއަތުލުންތަކުގައި 20 ފަރާތަކަށް ހަފުތާގެ އިނާމު ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށް ބޭންކުން ބުނެއެވެ. އަދި ހަފުތާގެ އިނާމު ލިބޭ ފަރާތްތަކަށްވެސް ކުރިއަށް އޮތް ހަފުތާތަކުގެ ގުރުއަތުލުމުގައާއި، 25،000 ރުފިޔާގެ ބޮޑު އިނާމުގެ ގުރުއަތުގައި ބައިވެރިވެވޭނެއެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ، ޕްރޮމޯޝަންގައި ހިމެނޭ މާޗަންޓެއްގެ އަތުން ސްވައިޕް ބޭނުންކޮށްގެން އެއްފަހަރާ މަދުވެގެން 500 ރުފިޔާ ނުވަތަ އެއަށްވުރެ މަތީ އަދަދެއްގެ މުއާމަލާތެއް ކޮށްގެންނެވެ.

މި ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތާއި، ޕްރޮމޯޝަންގައި ބައިވެރިވާ މާޗަންޓުންގެ ފުރިހަމަ ލިސްޓު ބޭންކް އޮފް މޯލްޑިވްސްގެ ރަސްމީ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށް އެ ބޭންކުން ވަނީ ހާމަކޮށްފައެވެ.