ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ބަލައިގަނެވޭ ގޮތަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޕޭމަންޓް ގޭޓްވޭގެ ހިދުމަތަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު ރަސްމީކޮށް ހުޅުވާލައިފިއެވެ.

ގައުމީ ބޭންކުން މިއަދު ހާމަކުރި ގޮތުގައި، މި ފުރުސަތު ހުޅުވާލުމާއެކު ބައިނަލްއަގުވާމީ ބާޒާރުގައި މުދަލާއި ހިދުމަތް ވިއްކާ ދިވެހި އުފެއްދުންތެރިންނާއި ކުދި ވިޔަފާރިތަކަށް، ދުނިޔޭގެ ކޮންމެ ގައުމެއްގެ ކޮންމެ ތަނެއްގައި ތިބޭ ކަސްޓަމަރުންގެ އަތުންވެސް ފަސޭހަކަމާއެކު ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

މީގެއިތުރުން، މި ހިދުމަތުގެ ދަށުން ލިބޭ ޑޮލަރު ޖަމާކޮށްދޭ އެކައުންޓަށް ދޫކުރެވޭ ޔޫއެސްޑީ ޑެބިޓް ކާޑު ބޭނުންކޮށްގެން، އެކި ބާވަތުގެ އޮންލައިން ސަބްސްކްރިޕްޝަންތަކަށާއި ބައިނަލްއަގުވާމީ އެހެނިހެން މުއާމަލާތްތަކަށް އެއްވެސް ދަތިކަމެއް ނެތި ފައިސާ ދެއްކުމުގެ މަގުވެސް ތަނަވަސްވެގެންދާނެ ކަމަށް ބީއެމްއެލް އިން ވިދާޅުވިއެވެ.

މި ހިދުމަތަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ގެ ޕޯޓަލް މެދުވެރިކޮށެވެ. ބީސީސީ މެދުވެރިކޮށް ބޭންކަށް ރިފަރަލް ލިބުމުން، ވިޔަފާރިތަކާ ގުޅައިގެން ބޭނުންވާ ލިޔެކިޔުންތައް ހޯދުމާއި ރަޖިސްޓްރީ ކުރުމުގެ މަރުހަލާތައް ބީއެމްއެލް އިން ކުރިއަށްގެންދާނެއެވެ. އަދި މި މަސައްކަތްތައް ނިމުމާއެކު، ކަސްޓަމަރުންގެ އެކައުންޓާއި ޕޭމަންޓް ގޭޓްވޭ ގުޅުވައިދެވޭނެއެވެ.

މިއީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް އަދި ބީސީސީއާ ގުޅިގެން ސަރުކާރުގެ އިގުތިސާދީ ސިޔާސަތުގެ ދަށުން ފަށާފައިވާ މުހިންމު މަސައްކަތެކެވެ. މި ހިދުމަތުގެ މައިގަނޑު މަގުސަދަކީ ދުނިޔޭގެ ބާޒާރުތަކަށް މުދަލާއި ހިދުމަތް ފޯރުކޮށްދޭ ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް، ބޭރުގެ ކަސްޓަމަރުންގެ ފަރާތުން ސީދާ ބޭރުފައިސާ ލިބޭނެ ފަސޭހަ މަގުތަކެއް ތަނަވަސްކޮށްދީ، އިގުތިސާދީ ގޮތުން އެފަރާތްތައް ބާރުވެރިކުރުވުމެވެ.