ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 70 ޑޮލަރު އޭޓީއެމް ހިމެނޭހެން 90 އޭޓީއެމް މިރޭ އިފްތިތާހުކޮށްފިއެވެ.
ބާސެލޯ ނަސަންދުރަ ގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މި އޭޓީއެމްރައް އިފްތިތާހުކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒުއެވެ.
މިގޮތުން މުޅިން އަލަށް 70 ރަށުގައި ޑޮލަރުގެ އޭޓީއެމްގެ ހިދުމަތް ފެށިއިރު، މިރޭގެ ނިޔަލަށް ރާއްޖޭގެ 79 ރަށެއްގައި 86 ޑޮލަރު އޭޓީއެމް ބަހައްޓާ ހިދުމަތް ދޭން ވަނީ ފަށާފައެވެ. މިއީ މުޅި ދުނިޔޭގައި ވެސް އެއްވަގުތެއްގައި އެހާ ގިނަ އޭޓީއެމްގެ ހިދުމަތް ދޭން ފެށި ފުރަތަމަ ފަހަރެވެ.
މިރޭ އިފްތިތާހުކުރި ދިވެހި ރުފިޔާގެ 20 އޭޓީއެމް ބަހައްޓާފައި ވަނީ ބޭންކުގެ ބްރާންޗްތައް މިހާރުވެސް ހިންގަމުންދާ ރަށްރަށުގައެވެ. 70 ރަށެއްގައި ބެހެއްޓި ޑޮލަރު އޭޓީއެމްތަކުގެ ތެރޭ ހިމެނެނީ:
- ހއ. އަތޮޅުގައި 5 ޑޮލަރު އޭޓީއެމް
- ހދ. އަތޮޅުގައި 5 ޑޮލަރު އޭޓީއެމް
- ށ. އަތޮޅުގައި 4 ޑޮލަރު އޭޓީއެމް
- ނ. އަތޮޅުގައި 4 ޑޮލަރު އޭޓީއެމް
- ރ. އަތޮޅުގައި 6 ޑޮލަރު އޭޓީއެމް
- ބ. އަތޮޅުގައި 5 ޑޮލަރު އޭޓީއެމް
- ޅ. އަތޮޅުގައި 3 ޑޮލަރު އޭޓީއެމް
- ކ. އަތޮޅުގައި 10 ޑޮލަރު އޭޓީއެމް
- އއ. އަތޮޅުގައި 3 ޑޮލަރު އޭޓީއެމް
- އދ. އަތޮޅުގައި 6 ޑޮލަރު އޭޓީއެމް
- ވ. އަތޮޅުގައި 3 ޑޮލަރު އޭޓީއެމް
- ފ. އަތޮޅުގައި 1 ޑޮލަރު އޭޓީއެމް
- މ. އަތޮޅުގައި 3 ޑޮލަރު އޭޓީއެމް
- ދ. އަތޮޅުގައި 1 ޑޮލަރު އޭޓީއެމް
- ތ. އަތޮޅުގައި 4 ޑޮލަރު އޭޓީއެމް
- ލ. އަތޮޅުގައި 3 ޑޮލަރު އޭޓީއެމް
- ގއ. އަތޮޅުގައި 3 ޑޮލަރު އޭޓީއެމް
- ގދ. އަތޮޅުގައި 3 ޑޮލަރު އޭޓީއެމް
- ޏ. އަތޮޅުގައި 1 ޑޮލަރު އޭޓީއެމް
- ސ. އަތޮޅުގައި 5 ޑޮލަރު އޭޓީއެމް
2025 ވަނަ އަހަރު ބޭންކުން ވަނީ "މުޅި ރާއްޖޭއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށްފައެވެ. މިރޭ އިފްތިތާހުކުރި އާ އޭޓީއެމްތަކާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާ ބީއެމްއެމްގެ އޭޓީއެމް ވިއުގަ އިތުރަށް ފުޅާވެ، ޖުމްލަ އޭޓީއެމްތަކުގެ އަދަދު 338 އަށް ވަނީ އަރާފައެވެ.
މި މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިމުނު އަހަރުތެރޭ އިއުލާނުކުރި މަޝްރޫއެކެވެ. މި މަސައްކަތް ބީއެމްއެލްއިން ނިންމާފައި ވަނީ، ނުވަ މަސް ދުވަހުގެ ތެރޭގައެވެ.
ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް މިރޭ ވިދާޅުވީ މިއީ މިހާތަނަށް، ކޭޝް ރިސައިކްލިން ކުރެވޭ (ފައިސާ ޖަމާކޮށް، ނެގޭ) އެންމެ ގިނަ އަދަދެއްގެ އޭޓީއެމް، ސިންކްރޮނައިޒްކޮށް އެއް ވަގުތެއްގައި ހިދުމަތް ދޭން ފެށޭ ފުރަތަމަ ފަހަރު ކަމަށެވެ.
މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއްދެއްވާ ކަމެކެވެ. އެގޮތުން މިދިޔަ އަހަރުގެ ތަފާސް ހިސާބަށް ބަލާއިރު މުޅި އޭޓީއެމް ނެޓްވޯކަށް މިދިޔަ އަހަރު 17.1 ބިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށާއި އޭޓީއެމްތައް މެދުވެރިކޮށް 8.4 މިލިއަން މުއާމަލާތްކޮށްފައިވާކަމަށް ބީއެމްއެލް އިން ބުނެއެވެ.
ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، ސެލްފް ސާވިސް ބޭންކިން، އޭޓީއެމް ގާއިމުކޮށް، އެ ހިދުމަތް ލާމަރުކަޒު ކުރުމުގެ ސަބަބުން، ރަށުގައި ތިބެގެން ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމާއި، ފައިސާ ޓްރާންސްފާ ކުރުމާއި އަދި ކްރެޑިޓް ކާޑާއި ލޯނުތަކަށް ފައިސާ ދެއްކުން ފަދަ ހިދުމަތްތައް، ފަސޭހައިން ލިބޭނެގޮތް މިހާރުވަނީ ހަމަޖެހިފައެވެ.
ބީއެމްއެލްގެ ބްރާންޗް އަދި އޭޓީއެމް ވިއުގަ ފުޅާކޮށް އިފްތިތާހުކުރުމަށް މިރޭ ކުރިއަށްދިޔަ ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، ބީއެމްއެލްގެ އިސްވެރީންނާއި މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
