ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިއްސާގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ގޮތުން، ހިއްސާދާރުންނަށް ބޯނަސް ހިއްސާ ދޫކުރުމަށް އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައި އާންމު ޖަލްސާއަށް ހުށަހަޅައިފިއެވެ.

ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، 'ރެކޯޑް ޑޭޓް' ކަމަށްވާ މިމަހުގެ 18 އާ ހަމައަށް ހިއްސާދާރުންގެ އަތުގައި ހުރި މޫނުމަތީ އަގުގެ 50 ރުފިޔާގެ ކޮންމެ 1 ހިއްސާއަކަށް 2 ބޯނަސް ހިއްސާ ދޫކުރުމަށް ވަނީ ނިންމާފައެވެ. ބޯނަސް ހިއްސާ ދޫކުރުމަކީ މިހާރު ތިބި ހިއްސާދާރުންގެ އަތުގައި ހުރި ހިއްސާގެ ނިސްބަތަށް ބަލައި، އެއްވެސް އަގަކާ ނުލައި އިތުރު ހިއްސާ ބެހުމެވެ.

މިސާލަކަށް 100 ހިއްސާ އޮތް ފަރާތަކަށް އިތުރު 200 ހިއްސާ ލިބި، ޖުމްލަ ހިއްސާގެ އަދަދު 300 އަށް އިތުރުވެގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މީގެ އިތުރުން، ބޭންކުން ވަނީ 1 އިޒްޓު 10 (1:10) ގެ ރޭޝިއޯ އިން ހިއްސާ ބައި ކުރުމަށް ވެސް ނިންމާފައެވެ. މިއީ ހިއްސާދާރުންގެ އަތުގައި މިހާރު ހުރި ހިއްސާގެ އަދަދު އިތުރުކޮށް، ހިއްސާއަކަށް ޖެހޭ އަގު ދަށްކުރުމަށް ގެންނަ ބަދަލެއް ކަމަށް ބީއެމްއެލް އިން ބުނެކެވެ. މި ރޭޝިއޯއިން ހިއްސާ ބައިކުރުމުން، ބޯނަސް ހިއްސާއާއެކު މިހާރު ހުރި ކޮންމެ ހިއްސާއެއް 10 ބަޔަށް ބައި ކުރެވޭނެ ކަަމަށް ވެސް އެ ބޭންކުން ބުނެއެވެ.

މި ބަދަލާއެކު، މިހާރު 100 ހިއްސާ އޮންނަ ފަރާތެއްގެ ޖުމްލަ ހިއްސާ 3،000 އަށް ބަދަލުވާނެއެވެ.އަދި މި ބަދަލާއެކު ކޮންމެ ހިއްސާއެއްގެ މޫނުމަތީ އަގު 50 ރުފިޔާއިން 5 ރުފިޔާއަށް ކުޑަވާނެއެވެ. ނަމަވެސް، މީގެ ސަބަބުން ހިއްސާދާރުންގެ ހިއްސާގެ ޖުމްލަ އަގަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބޭންކުން މި ބަދަލުތައް ގެނައުމުގެ މައިގަނޑު މަގުސަދުތަކަކީ:

  • އިންވެސްޓަރުންނަށް ބޭންކުގެ ހިއްސާ ކުޑަ އަގެއްގައި ހޯދުމަށް މަގުފަހިކޮށްދިނުން.
  • ހިއްސާގެ ބާޒާރުގައި އިންވެސްޓަރުންގެ ބައިވެރިވުން އިތުރުކުރުމަށް ހިތްވަރުދިނުން.
  • މާކެޓް ލިކުއިޑިޓީ އާއި ހިއްސާގެ ބާޒާރުގެ ހަރަކާތްތައް އިތުރުކުރުން.
  • މުސްތަގުބަލުގައި އިތުރު ހިއްސާ ދޫކުރަން ނިންމައިފި ހާލަތެއްގައި އެކަމަށް ތައްޔާރުވުން.

ބީއެމްއެލް އިން ބުނީ ހިއްސާގެ އަގު ކުޑަވުމާއެކު، މާކެޓުގައި އިންވެސްޓަރުން ބައިވެރިވުމަށް ހިތްވަރު ލިބި، ލިކުއިޑިޓީ އާއި ޓްރޭޑިން ހަރަކާތްތައް ކުރިއަށް އޮތް ތަނުގައި އިތުރުވެގެންދާނެ ކަމަށެވެ.