ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިމަހުގެ ތެރޭގައި ޕާކިސްތާނަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެއެވެ. މިއީ ފާއިތުވި ގާތްގަނޑަކަށް 11 އަހަރާއި 5 މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ރައީސް ޑރ. މުއިއްޒު ޕާކިސްތާނަށް ވަޑައިގަންނަވާނީ މި ހިނގާ އޮކްޓޫބަރު މަހުގެ 20 އިން 23 އަށެވެ.

ޕާކިސްތާނުގެ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، މި ދަތުރުފުޅުގެ ތައްޔާރީތަކާ ގުޅޭގޮތުން ޕާކިސްތާނުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ހާރިޖީ ވަޒީރު، ސެނެޓާ މުހައްމަދު އިސްހާގު ދާރު ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފައެވެ. މި މަޝްވަރާތަކުގައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ފަރާތުންވެސް ވަނީ އެއްބަސްވެފައެވެ.

ރާއްޖޭގެ ރައީސަކު އެންމެ ފަހުން ޕާކިސްތާނަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާފައިވަނީ 2015 ވަނަ އަހަރުގެ މެއި މަހުގެ 6 އިން 7 އަށެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ. އެ ދަތުރުފުޅުގައި ކުޅިވަރާއި، ސިއްހަތާއި، ތައުލީމު އަދި މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމުގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި މުހިންމު ހަތަރު އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ.

ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ 26 ޖުލައި 1966 ގައެވެ. ރައީސް ޑރ. މުއިއްޒު ޕާކިސްތާނަށް ކުރައްވާ މި ދަތުރުފުޅަކީ، ދެ ގައުމުގެ ދެމެދުގައި މިހާރު އޮތް އެއްބާރުލުން މުރާޖައާކޮށް، އާ ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ލިބިގެންދާނެ މުހިންމު ފުރުސަތެއް ކަމަށް ސަރުކާރުގެ އޮފިޝަލުން ވިދާޅުވަމުން ގެންދަވައެވެ. ނަމަވެސް ރައީސް ޑރ. މުއިއްޒު ޕާކިސްތާނަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގެ ތަފްސީލެއް ދިވެހި ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ.