ރާއްޖޭގެ ކަށީގެ ބަލިތަކަށް ހާއްސަ ޑރ. އަލީ މުޒްނީ އާއި ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުން ދާ ވާހަކަތައް އޭނާ ދޮގުކުރައްވައިފިއެވެ.

ފާއިތުވި ދެ ދުވަހު ޑރ. މުޒްނީއަށް ތުހުމަތުކޮށް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވާހަކަތަކާއި ގުޅިގެން މިރޭ އޭނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއްވެސް ހަގީގަތެއް ނެތް ދޮގު ތުހުމަތުތަކެއް ކޮށްފައިވާތީ އެ ދޮގު ތުހުމަތުތައް ކުރި ފަރާތާއި ދެކޮޅަށް އަބުރުގެ ދައުވާކުރުމަށް ނިންމާފައިވާކަމަށެވެ.

މި ތުހުމަތުތަކާއި ގުޅިގެން ޕޮލިސް މީޑިއާ ގުރޫޕްގައި ތަކުރާރުކޮށް ނޫސްވެރިން ސުވާލުކޮށްފައިވާއިރު އެ ގުރޫޕްގައި މީޑިއާ އޮފިޝަލް ޝިޔާމް ވިދާޅުވީ ފުލުހުންނާ ސުވާލެއް ކުރުމުން އެ ސުވާލަކަށް ސީދާ ޖަވާބު ނުދެވޭ ސަބަބުތައްވެސް ހުންނާނެކަމަށެވެ. އަދި މައުލޫމާތު ހާމަކުރުން ބިނާވާނީ އެ މައްސަލައެއްގެ ބާވާތާ، އަދި ފުލުހުންގެ އަތުގައި ހުރި މައުލޫމާތުތަކުގެ މައްޗަށް ކަމުގައި ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން މައުލޫމާތެއް ޝާއިއުކޮށްފިނަމަ ގެއްލިދާނެ މުހިންމު ހެކިތަކާއި އެހެންވެސް އެތައް ސަބަބުތަކެއްގެ މައްޗަށް ބަލާކަން ފާހަގަކޮށް ޝިޔާމް ވިދާޅުވީ ވަގުތު ޖެހުމުން ހާމަކުރެވެން ހުރި މައުލޫމާތެއް ހާމަކުރާނެ ކަމަށެވެ.

ޑރ.މުޒްނީއަކީ ދިވެހިރާއްޖޭގައި ޖޮއިންޓް ރިޕްލޭސްމަންޓް ސާޖަރީ ތައާރަފުކޮށް ކުރިއެރުވުމުގައި އިސް ދައުރެއް އަދާކުރައްވާފައިވާ، އަދި މިހާތަނަށް 2,000 އަށްވުރެ ގިނަ ކަކުލާއި އުކުޅުވަޅުގެ އޮޕަރޭޝަން ކާމިޔާބުކަމާއެކު ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ ކުރިން 8 އަހަރަށްވުރެ ގިނަ ދުވަހު އައިޖީއެމްއެޗް ގެ އޯތޯޕީޑިކްސް ޑިޕާޓްމަންޓުގެ ވެރިޔާގެ މަގާމުވެސް ފުރުއްވާފައިވާ މުޒްނީ ވަނީ ޓްރީޓޮޕް ހޮސްޕިޓަލުގެ ސީނިއާ ކޮންސަލްޓަންޓެއްގެ ގޮތުގައިވެސް މަސައްކަތްކުރައްވާފައެވެ.