ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށަށް ގޮސް، ތަކެތީގެ އަގު އުފުލެމުން ދަނީ ސަރުކާރުގެ ނާގާބިލުކަމާއި ދަރަނި މެނޭޖްކުރުމުގެ ހަރުދަނާ ސިޔާސަތެއް ނެތުމުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިރޭ ޓީވީ ޗެނަލަކަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ، މި ފަހުން އެމަނިކުފާނު ރާއްޖޭގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުތަކުން ފެނިވަޑައިގަތީ ރައްޔިތުން އިންތިހާއަށް މާޔޫސްވެފައި ތިބި މަންޒަރު ކަމަށެވެ. އޭގެ މައިގަނޑު ސަބަބަކީ ރަށްރަށުގައި ހިންގަމުންދިޔަ މަޝްރޫއުތައް ހުއްޓިފައި އޮތުން ކަމަށާއި، ގިނަ ރައްޔިތުންގެ ވިސްނުން މިހާރު ހުރީ އަމިއްލަ ރަށް ދޫކޮށް މާލެ ސަރަހައްދަށް ދިރިއުޅުން ބަދަލުކުރުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކޮވިޑަށްފަހު ފާއިތުވި ތިން އަހަރަކީ ރާއްޖޭގެ އިގްތިސާދީ ދުވެލި އެންމެ މަޑުޖެހި، އިގްތިސާދީ ހަރަކާތްތައް އެންމެ ބޮޑަށް ހީނަރުވި އަދި އެންމެ ތަދު ތިން އަހަރު ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ތަކެތީގެ އަގު އުފުލެނީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ކަމަށް ސަރުކާރުން ބުނާ ވާހަކައަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލުތަކުގެ އަސަރު ކޮންމެވެސް ވަރަކަށް ކުރި ނަމަވެސް، މައްސަލައިގެ 90 އިންސައްތަ ގުޅިފައިވަނީ ސަރުކާރުގެ ނާގާބިލުކަމާ ކަމަށެވެ.
ދިމާވެގެން އުޅޭ އެންމެ ބޮޑު މައްސަލައަކީ ޑޮލަރުގެ އަގު 23 ރުފިޔާއަށް ވުރެ މައްޗަށް އުފުލިގެން ދިއުން ކަމަށާއި، އެކަން އެގޮތަށް ދިމާވީ ދަރަނި އަލުން އެކުލަވާލުމުގެ ހަރުދަނާ ސިޔާސަތެއް ސަރުކާރުގައި ނެތުމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ހަމަ އެހެންމެ ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު އައިއެމްއެފްއާއެކު ދަރަނި އަލުން އެކުލަވާލުމުގެ ޕްރޮގްރާމަކަށް ދިއުމަށް މަޝްވަރާކުރި ނަމަވެސް އެ މަގުން މަސައްކަތް ނުކުރި ކަމަށާއި ތިމާވެށީގެ ދަރަނި ބަދަލުކުރުމަށް (އެންވަޔަރަންމަންޓް ސްވޮޕް) ކުރި މަސައްކަތާއި ކްލައިމެޓް ވަލްނަރަބަލް ފޯރަމް މެދުވެރިކޮށް ކުރި މަޝްވަރާތައް ވެސް ސަރުކާރަށް ކާމިޔާބު ނުކުރެވުނު ކަމަށް ވިދާޅުވެ ނަޝީދު ވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.
މީގެ އިތުރުން ކެޕިޓަލް މާކެޓުން ދަރަނި ނުނެގުމުގެ ސަބަބުން، ހުރިހާ ޑޮލަރެއް ހޭދަކުރަން ޖެހުނީ ދަރަނި ދެއްކުމަށް ކަމަށާއި، ބާޒާރުން ޑޮލަރު މަދުވެ އަގު އުފުލުނީ އެ ސަބަބާ ހުރެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ޑޮލަރުގެ މައްސަލައިގެ އިތުރުން، ވިޔަފާރި ބަނދަރު ތޮއްޖެހުމާއި ލޮޖިސްޓިކްސްގެ މައްސަލަތަކުގެ ސަބަބުން ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ނަޝީދު ވިދާޅުވިއެވެ. ބޯޓުތައް ގާތްކުރާނެ ޖާގަ ނެތުމުން މުދާ ހިފައިގެން އަންނަ ކޮންޓެއިނަރުތައް އަނބުރާ ސްރީލަންކާ ނުވަތަ ސިންގަޕޫރަށް ގެންދަން ޖެހުމުގެ ސަބަބުން ވިޔަފާރިވެރިންނަށް ލިބޭ ގެއްލުން ފޫބެއްދުމަށް ތަކެތީގެ އަގު ބޮޑުކުރަން މަޖުބޫރުވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މަރުކަޒީ ބޭންކު (އެމްއެމްއޭ) ގެ ގަވަރުނަރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ނަޝީދު ވިދާޅުވީ، ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ގަވަރުނަރު މަސައްކަތް ކުރައްވަނީ ތަހުގީގީ (އިންވެސްޓިގޭޓިވް) އުސޫލަކުން ކަމަށެވެ. ފައިސާ ފަހާ ދުވަން ފަށައިފިނަމަ ފައިސާ ގެންގުޅޭ މީހުން އެ ފޮރުވާނެ ކަމަށާއި، އެހެންކަމުން ގަވަރުނަރު ވެސް "އަނގަމަޑުން ލައިގެން ހުންނަންޖެހޭ" ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
