ރާއްޖޭގެ އެކި މުއައްސަސާތަކުން ވާދަކުރި އުރީދޫ ނޭޝަން އިންޓަ އޮފީސް އީސްޕޯޓްސް ޗެމްޕިއަންޝިޕް 2026، އުރީދޫ މޯލްޑިވްސްއިން ނިންމާލައިފިއެވެ.
އުރީދޫ ނޭޝަންގެ ދަށުން އިންތިޒާމުކުރި މި މުބާރާތަކީ ވަޒީފާ އަދާކުރާ ފަރާތްތަކަށް އެ ފަރާތްތަކުގެ ގޭމިން ހުނަރު ދައްކާލުމަށާއި، ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ރޫހު ވަރުގަދަކުރުމުގެ އިތުރުން ރާއްޖޭގައި ފުޅާވަމުން އަންނަ އީސްޕޯޓްސް މުޖުތަމައުއާ ގުޅުން ބަދަހިކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ މުބާރާތެއްކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.
އެކި މުއައްސަސާތަކުން ޖުމްލަ 26 ޓީމު ވާދަކުރި މި މުބާރާތުގައި 30،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށަހަޅާފައެވެ. މި އަހަރުގެ މުބާރާތުގައި މަގުބޫލު ތިން އީ ސްޕޯޓްސް ގޭމެއް ހިމަނާފައިވެއެވެ. އެއީ ޕަބްޖީ މޮބައިލް (ޕަބްޖީއެމް)، މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) އަދި އީއޭ ސްޕޯޓްސް އެފްސީ (އީއޭއެފްސީ) އެވެ. މިއިން ކޮންމެ ގޭމަކަށް ފައިސާގެ އިނާމުގެ ގޮތުގައި 10،000 ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
ފޯރިގަދަ މެޗުތަކަކަށް ފަހު، މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް ކެޓަގަރީން އެއްވަނަ ހޯދައި ޗެމްޕިއަންކަން ކާމިޔާބުކުރީ ޔުނައިޓެޑް ބީއެމްއެލްއެވެ. މި ކެޓަގަރީން ދެވަނަ އެމްއޭސީއެލް ހޯދިއިރު، ތިންވަނަ ހޯދާފައިވަނީ އެޗްޑީސީ ލެޖެންޑްސްއެވެ. ޕަބްޖީ މޮބައިލް ކެޓަގަރީގެ ޗެމްޕިއަންކަން ކްލަބް އެޗްޑީސީން ހޯދިއިރު، ދެވަނަ ހޯދީ ކްލަބް އޭވީސެކްއެވެ. އަދި ތިންވަނަ ހޯދާފައިވަނީ އައިލެންޑް އޭވިއޭޝަން އައިއެފްއެސްއެވެ.
މީގެ އިތުރުން އީއޭ ސްޕޯޓްސް އެފްސީ މުބާރާތުގެ ޗެމްޕިއަންކަން ހިވިން އިންވެސްޓްމަންޓްސްގެ ހުސައިން ޔައިޝް ހޯދިއިރު، ދެވަނަ ހޯދީ ލޮނުހިރި ޕްރައިވެޓް ލިމިޓެޑްގެ ހަސަން ފައުޒާނެވެ. އަދި ތިންވަނަ ހޯދާފައިވަނީ ޕޮލްކޯގެ އަރްފާއުއެވެ.
ޕަބްޖީ މޮބައިލް އަދި މޮބައިލް ލެޖެންޑްސް، ބޭންގް ބޭންގް ކެޓަގަރީން ޗެމްޕިއަންކަން ހޯދި ކޮންމެ ޓީމަކަށް 5،000 ރުފިޔާ ދީފައިވާއިރު، ދެވަނައަށް ދިޔަ ޓީމުތަކަށް 3،000 ރުފިޔާ އަދި ތިންވަނައަށް ދިޔަ ޓީމުތަކަށް 1،500 ރުފިޔާ ވަނީ ދީފައެވެ. މީގެ އިތުރުން، މިއިން ކޮންމެ ކެޓަގަރީއަކުން އެންމެ މޮޅު ކުޅުންތެރިޔާ (އެމްވީޕީ) ގެ އެވޯޑަށް 500 ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އީއޭ ސްޕޯޓްސް އެފްސީ ކެޓަގަރީގެ ޗެމްޕިއަނަށް 5،000 ރުފިޔާ ދީފައިވާއިރު، ދެވަނަ އަދި ތިންވަނަ ހޯދި ފަރާތްތަކަށް ތަރުތީބުން 3،000 ރުފިޔާ އަދި 2،000 ރުފިޔާ ވަނީ ދީފައެވެ.
އިންޓައޮފީސް އީސްޕޯޓްސް ޗެމްޕިއަންޝިޕް ފަދަ ހަރަކާތްތައް މެދުވެރިކޮށް، އުރީދޫ ނޭޝަނުން ދަނީ ރާއްޖޭގެ އީ-ސްޕޯޓްސްއަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތުތައް ފުޅާކޮށްދީ، ވާދަވެރި ގޭމިންގައި ބައިވެރިވުމަށް ހިތްވަރުދެމުންނެވެ. އަދި ހަމައެއާއެކު، އެކި މުއައްސަސާތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ މެދުގައި އެއްބާރުލުމާއި، އެކުވެރި ވާދަވެރިކަމާއި ގުޅުންތައް އާލާކުރުމަށް މަސައްކަތްކުރަމުން އަންނައިރު އުރީދޫއިން ބުނީ ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް އެ ކުންފުނިން ކުރަމުންދާ ފުޅާ މަސައްކަތުގެ ދަށުން، ގޭމް ކުޅޭ ފަރާތްތަކަށް ވާދަކޮށް، ގުޅުން ބަދަހިކޮށް އަދި ހުނަރު ދައްކާލެވޭނެ ފަދަ އެންމެން ޝާމިލުވާ މަންސަތައް ގާއިމުކޮށްދީގެން، ރާއްޖޭގެ އީސްޕޯޓްސްގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވުމުގައި ދެމިއޮންނާނެކަމަށެވެ.
