މިޔަންމާއާ ދެކޮޅަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މިއަދު އިއްވި ހުކުމަކީ ގަތުލުއާންމު ހުއްޓުވުމާ ބެހޭ މުއާހަދާ ނެގެހެއްޓުމަށާއި ބައިނަލްއަގުވާމީ އިންސާފު ގާއިމުކުރުމަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ގަތުލުއާންމު ހުއްޓުވުމާއި އެފަދަ ކުށްތަކަށް އަދަބު ދިނުމާ ބެހޭ މުއާހަދާ (ޖެނޮސައިޑް ކޮންވެންޝަން) ގެ ދަށުން ގެމްބިއާއިން މިޔަންމާއާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި އައިސީޖޭއިން ނިންމި ނިންމުމަށް މަރުހަބާ ވިދާޅުވެ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ސުލްހަވެރި އަދި ގާނޫނީ ނިޒާމުގެ ތެރެއިން ބައިނަލްއަގުވާމީ ގާނޫނީ އިލްތިޒާމުތައް ނެގެހެއްޓުމާއި ޖަވާބުދާރީކުރުވުން ކުރިއެރުވުމުގައި އެ ކޯޓުން އަދާކުރާ މުހިންމު ދައުރު މި ހުކުމުން ވަރަށް ބޮޑަށް ހާމަވެގެންދާ ކަމަށެވެ.

މި މައްސަލައިގެ ޝަރީއަތުގެ މަރުހަލާގައި އިންޓަވީންކުރި އެއް ގައުމުގެ ހައިސިއްޔަތުން، ގަތުލުއާންމު ހުއްޓުވުމަށާއި އެފަދަ ޖަރީމާތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތައް ކުރިއެރުވުމަށް ދިވެހިރާއްޖެއިން އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ އަލުން އާކުރައްވާފައެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެފަދަ ލާއިންސާނީ ޖަރީމާތައް ހުއްޓުވޭނީ ހަމައެކަނި ބައިނަލްއަގުވާމީ ގާނޫނީ އިލްތިޒާމުތަކަށް އިހުތިރާމްކޮށްގެން ނޫން ކަމަށާއި، އަނިޔާ ލިބޭ ފަރާތްތަކަށް އިންސާފު ހޯދައިދީ، ޒިންމާދާރުކުރުވުމަށް މުޅި ބައިނަލްއަގުވާމީ މުޖުތަމައު ގުޅިގެން މަސައްކަތްކޮށްގެން ކަމަށެވެ.

އެމަނިކުފާނުގެ މެސެޖު ނިންމަވާލައްވަމުން ވަނީ، ގަތުލުއާންމު ހުއްޓުވުމަށާއި، އިންސާފާއި ޖަވާބުދާރީކުރުވުން ކަށަވަރުކުރުމުގެ އިތުރުން އިންސާނީ ކަރާމާތް ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެއްބާރުލުން ދީ، ބައިނަލްއަގުވާމީ ގުޅުންތައް އިތުރަށް ވަރުގަދަކުރުމަށް ދުނިޔޭގެ ހުރިހާ ގައުމުތަކަށް ގޮވާލައްވާފައެވެ.

މި މައްސަލައަކީ 2017 ވަނަ އަހަރު މިޔަންމާގެ އަސްކަރިއްޔާއިން ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިންގި ލާއިންސާނީ އަމަލުތަކާ ގުޅިގެން، 2019 ވަނަ އަހަރު އޯއައިސީގެ ގައުމުތަކުގެ ތާއީދާއެކު ގެމްބިއާއިން އައިސީޖޭއަށް ހުށަހެޅި މައްސަލައެކެވެ.

މި މައްސަލައިގައި ރޮހިންޔާ މުސްލިމުންނަށް އިންސާފު ހޯދައިދިނުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން، ދިވެހިރާއްޖެއިން ވެސް ވަނީ 2020 ވަނަ އަހަރު މި މައްސަލައިގެ ތެރެއަށް ތަދައްޚުލުވެ، އައިސީޖޭގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށްފައެވެ.