މިއަހަރު އޯގަސްޓްމަހު 'ފްރެންޑް 4" ނަމަކަށް ކިޔާ ދޯނި އަޑިޔަށްދިޔަ ހާދިސާގައި ގެއްލުނު ގދ.ތިނަދޫ އޯޝަންމީޑްއާގެ، އިބްރާހީމް އަހްމަދުގެ މައްޗަށް ޣައިބަށް ކުރާ ކަށުނަމާދު ހުކުރުދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
މި ހާދިސާގައި ގެއްލުނުު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ސްޓާފް ސާޖަންޓް އިބްރާހީމް އަހްމަދުގެ ހަށިގަނޑު މިހާތަނަށް ފެނިފައި ނުވާއިރު، އޭނާގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހު ހުކުރު ނަމާދަށްފަހު މަސްޖިދުލް މަލިކި ސަލްމާން (ސަލްމާން މިސްކިތް) ގައެވެ.
ގެއްލުނު މީހަކު މަރުވެއްޖެކަމަށް ބަލައި ކަށުނަމާދު ކުރެވޭނީ، ހޯދުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމަށްފަހު އޭނާ ދިރިހުރުމުގެ އުންމީދު ކެނޑި، ޝަރުއީ ކޯޓަކުން ނުވަތަ ކަމާބެހޭ އިދާރާއަކުން އޭނާ މަރުވެފައިވާކަމަށް ރަސްމީކޮށް ކަނޑައެޅުމުންނެވެ. އެގޮތުން ކަނޑުމަތީގެ ހަދިސާއެއްގައި އުޅަނދެއް ބަންޑުންޖަހާލައިގެން ނުވަތަ ފެތުން ފަދަ ފުރާނަ ސަލާމަތްވުން ނާދިރު ހާލަތުގައި ގެއްލޭ މީހުން މަރުވިކަމަށް ކަނޑައެޅުމަށް ޝަރުއީ ގޮތުން އިންތިޒާރުކުރަންޖެހޭ އެންމެ ދިގު މުއްދަތަކީ ހިޖުރީ 4 އަހަރެވެ.
މި ހާދިސާ ހިނގާފައިވަނީ ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަ އާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި "ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއްގައި އޮގަސްޓް 5، 2026 ވަނަ ދުވަހުގެ ވަގުތެއްގައެވެ. އެ ދޯންޏައް ރާޅު އަރައި ދިޔަވަމުންދާތީ އެ އުޅަނދާއި އޭގައި ތިިބި މީހުން ސަލާމަތްކުރުމަށް ސިފައިންނާއި ފުލުހުން މަސައްކަތްކުރަމުން ދަނިކޮށް އެ ދޯނި އަޑިއަށްދިޔައެވެ.
އެ ދޯނި އަޑިއަށް ދިޔައިރު، އޭގައި އަށް މީހުން ތިބިއިރު އޭގެ ތެރެއިން އެކަކު ފިޔަވައި އެންމެން ވަނީ ސަލާމަތްކޮށްފައެވެ. މި ހާދިސާގައި ގެއްލިފައިވަނީ ދޯނީގެ ކެޕްޓަން ތ. މަޑިފުށި މުހައްމަދު ހަމްދޫން (35 އަހަރު)، އާއި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ޕޮލިސް ސާޖަންޓު އަލީ ނާފިއު (33 އަހަރު)، އަދި އެމްއެންޑީއެފްގެ ސާޖަންޓު އިބްރާހީމް އަހްމަދު (39 އަހަރު)އެވެ. މި ތިން މީހުން ހޯދުމަށް ސިފައިންނާއި ފުލުހުން ގުޅިގެން ބޮޑު ސަރަހައްދެއްވަނީ ބަލާފައެވެ.
ގދ. ތިނަދޫގައި ކުޅިވަރު މުބާރާތްތަކާއި ޒުވާނުންނާ ގުޅުންހުރި އެކި ހަރަކާތްތައް ހިންގާ ލޮކާސް ޖަމިއްޔާއިން އިބްރާހީމް އަހްމަދުގެ ހަނދާނުގައި 120 މީހުންގެ ޖާގަގެ މިސްކިތެއް ބަންގްލަދޭޝްގައި ބިނާކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު އޭނާގެ އާއިލާގެ މެންބަރަކު ވެސް ވަނީ، މި މަސައްކަތަށް ވީވަރަކުން އެހީތެރިވެދިނުމަށް އެދި ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައެވެ.
