ގާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ އިމްތިހާނުތައް ހާޒިރުވެގެން ހަދަންޖެހޭ ގޮތަށް ބާ ކައުންސިލުން ގެނައި ބަދަލަށް އިސްލާހެއް ގެނައުމާ މެދު ގޮތެއް ނިންމޭނީ، ރައްޔިތުންގެ މަޖިލީހުގެ ލަފާ ރަސްމީކޮށް ލިބުމުން ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރުމަށްފަހު ކަމަށް އެ ކައުންސިލުން ބުނެފިއެވެ.
މި މައްސަލައިގައި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އިއްޔެ ނިންމާފައިވަނީ، މިހާރު ކިޔަވަމުންދާ ދަރިވަރުން އެ އުސޫލުން އިސްތިސްނާކޮށް، އޮންލައިންކޮށް އިމްތިހާނު ހެދުމުގެ ފުރުސަތު ދިނުމަށް ބާ ކައުންސިލަށް އެންގުމަށެވެ. މިކަމާ ގުޅޭގޮތުން ބާ ކައުންސިލުގެ ނައިބު ރައީސް އިބްރާހީމް ޝަމީލް ވިދާޅުވީ، ކޮމިޓީގެ ނިންމުން ރަސްމީކޮށް ލިބުމުން އެކަމާ މެދު މަޝްވަރާކޮށް އިތުރު ނިންމުމެއް ނިންމާނަމަ އެކަން އާންމުކުރާނެ ކަމަށެވެ.
ގާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ އިމްތިހާން ހާޒިރުވެގެން ހަދަންޖެހޭ ގޮތަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުން ގެނައި ކުއްލި ބަދަލާއެކު ކިޔަވަމުންދާ ދަރިވަރުން ކަންބޮޑުވުންފާޅުކޮށް އެ ނިންމުމާ ދެކޮޅަށް އޮންލައިންކޮށް ގާނޫނީ ދާއިރާއިން ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުން ވަނީ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފައެވެ.
ޒިކްރާ އިންޓަނޭޝަނަލް ކޮލެޖާ، ވިލާ ކޮލެޖްގެ އިތުރުން އެވިޑް ކޮލެޖްގެ ދަރިވަރުން ހުށަހެޅި މި ޕެޓިޝަނުގައި ކަންބޮޑުވުން ފާޅުކޮށްފައިވަނީ ބުނެފައިވަނީ، ދަރިވަރުން ކޯހާ ގުޅުނީ އޮންލައިންކޮށް އިމްތިހާނު ދެވޭނެކަމުގެ ހުއްދަ އޮތް ނިޒާމެއްގެ ތެރެއިން ކަމަށެވެ. އެހެންކަމުން، ކޯހުގެ މެދުތެރެއިން މިފަދަ އަސާސީ ޝަރުތެއް ބަދަލުކުރުމަކީ އިދާރީ ގާނޫނުން ދަރިވަރުންނަށް ލިބިދޭ ހައްގު ގެއްލިގެންދާ ކަމެއް ކަމަށް ދަރިވަރުން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ގިނަ އަދަދެއްގެ ދަރިވަރުންނަކީ މާލެއިން ބޭރުގައި ދިރިއުޅެމުންދާ ދަރިވަރުންކަމަށްވާއިރު އިމްތިހާނަށް މާލެ އައުމާ، މާލޭގައި ތިބުމަށް ގިނަ ހަރަދުތަކެއް ހިނގާނެކަމެއްކަން ފާހަގަކޮށް ދަރިވަރުން ހުށަހެޅި ޕެޓިޝަނާ ގުޅިގެން މީގެ ކުރިން ބާ ކައުންސިލުން ބުނީ ކޮލިފައިން ލޯ ޑިގްރީ އިމްތިޙާނުތައް މަރުކަޒުތަކަށް ހާޒިރުވެގެން ހަދަންޖެހޭ ގޮތަށް އިސްލާހު ގެނައި ނަމަވެސް، އިމްތިހާނު ހެދުމަށްޓަކައި ދަރިވަރުން މާލެއަށް ނުވަތަ އެހެންވެސް ވަކި ރަށަކަށް ދަތުރުކުރުން ލާޒިމު ނޫންކަމަށެވެ.
