ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވައި ނުސާފުވާ މިންވަރު އިތުރުވެ، ވެރިރަށް މާލެ ހިމެނޭހެން ބައެއް ރަށްތައް "ރެޑް އެލާޓް" އަށް އަރައިފިއެވެ.
އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމްތަކުގެ އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުން، ވައިގެ ނުސާފުމިން އެންމެ މަތީގައި ހުރީ ށ. ފުނަދޫގައެވެ. އެ ރަށުގެ އެއާ ކޮލިޓީ އިންޑެކްސް މިއަދު ހުރީ 184 ގައެވެ. މީގެއިތުރުން ހދ. ކުޅުދުއްފުށީގައި 163، ދ. ކުޑަހުވަދޫގައި 158 އަދި މާލޭގައި 156 ގައި އިންޑެކްސް ހުރުމުން މި ރަށްތައް ވަނީ ރެޑް އެލާޓްގެ ދަރަޖައިގައެވެ.
އާންމު މިންގަނޑުތަކަށް ބަލާއިރު، އެއާ ކޮލިޓީ އިންޑެކްސް 50 އިން މަތީގައި ހުންނަ ނަމަ އެއީ 'މޮޑަރޭޓް' ނުވަތަ މެދުމިންވަރެއްގެ ހާލަތެއް ކަމަށް ބެލެވުނު ނަމަވެސް، އެއީ ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންޖެހޭ ހާލަތެކެވެ. ނަމަވެސް، އިންޑެކްސް 100 އަށް ވުރެ މަތިވެއްޖެ ނަމަ ސިއްހީ ގޮތުން ހައި ރިސްކު މީހުންނަށް އޮންނަ ނުރައްކާ ބޮޑުވެއެވެ. އަދި އިންޑެކްސް 150 އިން މައްޗަށް ދިއުމަކީ އާންމު އެންމެންގެ ސިއްހަތަށް ވެސް ނުރައްކާ އޮތް ހާލަތެކެވެ. އެހެންކަމުން މާލެ، ކުޑަހުވަދޫ، އަދި ކުޅުދުއްފުށީގެ އިތުރުން ފުނަދޫގެ މިންވަރު މިހާރު ހުރީ އާންމު އެންމެންނަށް ވެސް ސިއްހީ ގޮތުން ނުރައްކާވާ ފަދަ ދަރަޖައެއްގައެވެ.
ރެކޯޑުތަކަށް ބަލާއިރު އޮރެންޖް އެލާޓްގައި ހިމެނެނީ ޏ. ފުވައްމުލައް 132 އަދި އައްޑޫ 119 އެވެ.
ޔެލޯ އެލާޓްގައި ގިނަ ރަށްތަކެއް ވަނީ ހިމެނިފައެވެ. އޭގެ ތެރޭގައި ހއ. ދިއްދޫ 93، ނ. މަނަދޫ 90، ރ. އުނގޫފާރު 88، ވ. ފެލިދޫ 87، މާފުށި 86، ކ. ގުރައިދޫ 86، ހުޅުމާލެ 85، ޅ. ނައިފަރު 84، އދ. މަހިބަދޫ 82، މ. މުލި 81، ބ. އޭދަފުށި 79، ގދ. ތިނަދޫ 63 އަދި ގއ. ވިލިނގިލި 60 ހިމެނެއެވެ.
ވައި ނުސާފުވާ މިންވަރު ބަޔާންކުރާ ސަމާލުތަކަށް ބަލާއިރު:
ރަތް ސަމާލު (އިންޑެކްސް 151-200): މިއީ ސިއްހީ ގޮތުން ނޭދެވޭ އަސަރުތައް ކުރުމާއި، ފުއްޕާމެއާއި ހިތުގެ ބަލިތައް ބޮޑުވުމުގެ ނުރައްކާ ހުރިހާ އެންމެނަށް ވެސް އޮތް ހާލަތެކެވެ. އެހެންކަމުން ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންކަން މަޑުޖައްސާލުމަށާއި، ބޭރަށް ނުކުންނަން ޖެހޭ ހާލަތްތަކުގައި އެން95 ފަދަ ރައްކާތެރި މާސްކެއް އެޅުމަށް ވަނީ އިރުޝާދު ދީފައެވެ. އަދި ގޭތެރެއަށް ނުސާފު ވައި ނުވަންނާނެހެން ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި އެއާ ޕިއުރިފަޔާ ބޭނުންކުރުމަށް ވަނީ އެދިފައެވެ.
އޮރެންޖު ސަމާލު (އިންޑެކްސް 101-150): މި ހާލަތުގައި ތުއްތު ކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، މާބަނޑު މީހުން އަދި ނޭވާލާ ނިޒާމާއި ހިތުގެ ބަލި ހުންނަ ނާޒުކު ފަރާތްތަކުން ބޭރުގައި ހަރަކާތްތެރިވުން މަޑުޖައްސާލަންޖެހެއެވެ. އަދި ބޭރަށް ނުކުންނަން ޖެހިއްޖެނަމަ އެން95 މާސްކު އެޅުމަށް ސަމާލުކަން ދޭންވާނެއެވެ.
ރީދޫ ސަމާލު (އިންޑެކްސް 51-100): ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ ނާޒުކު ފަރާތްތަކަށް އަސަރުކޮށްފާނެތީ، އެފަދަ ފަރާތްތަކުން ބޭރުގައި ގިނަވަގުތު ނޫޅުމަށާއި ބޭރަށް ނުކުންނަނަމަ މާސްކު އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކުރި ގޮތުގައި، ދުންފުހުގެ ސަބަބުން އުތުރާއި މެދުރާއްޖެތެރޭގައި ދުރު ފެންނަ މިންވަރު މިހާރު ވަނީ 2 ކިލޯމީޓަރަށް ދަށްވެފައެވެ. އަދި ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް މި އަސަރު ދެމިގެންދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
އެހެންކަމުން، ބޭރުގައި އެކި ހަރަކާތްތަކުގައި ގިނަވަގުތު ހޭދަކުރާ ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް އެ އިދާރާއިން ވަނީ ބާރުއަޅައި އިލްތިމާސްކޮށްފައެވެ.
