ސަރުކާރުގެ ފުރަތަމަ 3 އަހަރުގެ މަސައްކަތް ފެންނާނެ ފޮތެއް އިފްތިތާހުކޮށްފިއެވެ
މި ފޮތް އިފްތިތާހުކޮށްފައިވަނީ ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ހާއްސަ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ. އެގޮތުން މި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ފުރަތަމަ 3 އަހަރުގެ މަސައްކަތް ފެންނަ މި ފޮތް ޑައުންލޯޑުކޮށްގެން ކިޔޭގޮތަށް ރައީސް އޮފީހުގެ ވެބްސައިޓުން ފެންނަން ހުންނާނެކަމަށެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މި ފޮތް ޕްރިންޓު ކުރުމަށް ފަހު ރައްޔިތުންނަށް ލިބޭނެގޮތް ހައްދަވާނެކަމަށެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތުގެ އެންމެ މުހިންމު ކަމަކީ އިސްލާމްދީނުގެ އަސާސްތައް ނެގެހެއްޓުންކަމަށާއި، އެ ސިޔާސަތުތައް ތަންފީޒުކުރުންކަމަށެވެ. އެގޮތުން މިދިޔަ 3 އަހަރު ތެރޭ ވަގުފްގެ މަސައްކަތް ކުރެވުނުކަމަށާއި މި އިންވެސްޓްމެންޓުތަކުން ދީނީ ކަންކަމަށް ހަރަދުކުރުމަށް ފައިސާ ހަމަޖެހިގެންދާނެކަމަށާއި، މިއީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި އިސްލާމްދީން ކުރިއެރުވުމަށް ލިބިގެންދާނެ ބޮޑު އެހީއެއްކަމަށެވެ.
ރައީސް ވިދާޅުވީ މިދިޔަ 3 އަހަރަކީ ރާއްޖޭގެ ތާރީހުގައިވެސް އެންމެ ގިނަ ފަރާތްތަކުން ޒަކާތް ދެއްކި އަހަރުކަމަށާއި، ޒަކާތް އެންމެ ގިނައިން ދެއްކި އަހަރަށް ވުމަކީ މި ނިޒާމަށް ރައްޔިތުން އިތުބާރުކުރާކަން ދޭހަވާކަމެއް ކަމަށެވެ.
އިތުރަށް ރައީސް ވިދާޅުވީ އިސްލާމްދީނާ ފުށުއަރާނެފަދަ އެއްވެސް ގާނޫނެއް ރާއްޖޭގައި ނުހެދޭނެކަމަށާއި، އެފަދަ ކަމާ ގުޅޭ ބިލެއް މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވަމުންދާކަމަށެވެ.
