ތެހެރާންގައި ދިރިއުޅޭ އުމުރުން 35 އަހަރުގެ އަފްސާނާ (އަސްލު ނަމެއް ނޫން) އާއި އޭނާގެ ފިރިމީހާއަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު ފިކުރަކީ، ލިބޭ އާމްދަނީން މަސް ނިމެންދެން ދެކޮޅު ޖެއްސުމެވެ. އެއް އަހަރުގެ ދަރިފުޅު ޑޭކެއާއަށް ފޮނުވުމަށް ދުވާލަކު 500،000 ތޯމާން (5 މިލިއަން ރިޔާލު ނުވަތަ 2.5 ޑޮލަރު) ހޭދަކުރަން ޖެހޭއިރު، މިއީ އެ އާއިލާއަށް އުފުލަން ދަތި ބުރައެއް ކަމަށް އަލްޖަޒީރާއަށް އޭނާ ކިޔައިދިނެވެ. ކުރިން ތިން މަސް ނުވަތަ ހަ މަސް ދުވަހުގެ ރޭވުންތައް ރޭވި ނަމަވެސް، މިއަދު އެ އާއިލާގެ ހުރިހާ ވެސް އަމާޒަކީ ދުވަހުން ދުވަހަށް ބޭނުންވާ ކާބޯތަކެތި ހޯދުމެވެ.

އަފްސާނާގެ އާއިލާއަށް ކުރިމަތިވެފައިވާ މި ހާލަތަކީ، 92 މިލިއަން މީހުންގެ އާބާދީއެއް އޮތް އީރާނުގެ ގިނަ އާއިލާތަކުން މިއަދު ތަހައްމަލުކުރަމުންދާ ހިތްދަތި ހަގީގަތެވެ. އެމެރިކާއިން އެޅި ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކާއެކު، އީރާނުގެ ފައިސާގެ އަގު ވަނީ ތާރީހުގައި ވެސް ނުވެއްޓޭހާ ދަށަށް ގޮސްފައެވެ. މިހާރު ކަޅު ބާޒާރުގައި އެއް އެމެރިކާ ޑޮލަރަށް 2 މިލިއަން އީރާން ރިޔާލު ޖެހޭއިރު، ފެބްރުއަރީ 28 ގައި ފެށުނު އެމެރިކާއާއި އިސްރާއީލުގެ ހަނގުރާމައިގެ ސަބަބުން އިގުތިސާދީ މައްސަލަތައް ވަނީ އިތުރަށް ގޯސްވެފައެވެ.

އަސާސީ ތަކެތީގެ އަގުތައް އިންތިހާއަށް މައްޗަށް

ހަނގުރާމައިގެ ކުރިން 2 މިލިއަން ރިޔާލަށް 4 ކިލޯ ޓޮމާޓޯ، ބައި ކިލޯ ކުކުޅު އަދި ގާތްގަނޑަކަށް ލީޓަރެއްގެ ކައްކާތެޔޮ ލިބެއެވެ. ނަމަވެސް އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއަދު އެ އަދަދަށް ގަނެވެނީ އޭގެ ދެބައިކުޅަ އެއްބަޔެވެ. ޓޮމާޓޯގެ އަގު 71 އިންސައްތަ، ކުކުޅުގެ އަގު 74 އިންސައްތަ އަދި ކައްކާތެޔޮ 177 އިންސައްތަ ވަނީ އުފުލިފައެވެ.

އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ބޭހުގެ އަގުތައް އުފުލިފައިވާ މިންވަރާމެދުގައެވެ. ހަކުރުބަލީގެ މީހުންނަށް ކޮންމެހެން ބޭނުންވާ އިންސިއުލިންގެ އަގު 642 އިންސައްތަ އުފުލިފައިވާއިރު، ޕެރަސެޓަމޯލްގެ އަގު 93 އިންސައްތަ އަދި ތުއްތުކުދިންނަށް ދޭ ކިރުގެ އަގު 95 އިންސައްތަ ވަނީ ބޮޑުވެފައެވެ. ތުއްތުކުދިންގެ ކިރަށް ސަރުކާރުން ސަބްސިޑީ ދިން ނަމަވެސް، ކުދިންގެ ސިއްހީ ފަރުވާއަށް ކުރަންޖެހޭ ހޭދަތައް އިންޝުއަރެންސް އިން ކަވަރު ނުކުރާތީ އާއިލާތަކަށް ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިވެފައެވެ.

ވިޔަފާރިތަކާއި އާމްދަނީގެ ފަރަގު

ތެހެރާންގައި ފިރިހެނުންގެ އަންނައުނު ވިއްކާ ފިހާރައެއް ހިންގާ އުމުރުން 35 އަހަރުގެ ޒަމީރު (އަސްލު ނަމެއް ނޫން) ބުނި ގޮތުގައި، މިދިޔަ އަހަރާ އަޅައިބަލާއިރު އޭނާގެ ވިޔަފާރި ވަނީ 40 އިންސައްތަ ދަށަށް ގޮސްފައެވެ. އޭނާ ލަފާކުރާ ގޮތުގައި ފިނި މޫސުން ނިމުމުގެ ކުރިން ގިނަ ވިޔަފާރިތަކެއް ބަނގުރޫޓުވެ، ބަންދުކުރަން މަޖުބޫރުވާނެއެވެ. “މަސައްކަތްތެރިންގެ މުސާރައާއި، މުދާ ގަންނަން ލިބޭ އަގާއި، އެހެނިހެން ހުރިހާ އެއްޗެއްގެ އަގު ވަނީ ބޮޑުވެފައި،” ޒަމީރު ބުންޏެވެ. އޭނާ ފާހަގަކުރި ގޮތުގައި ކޮފީއާއި ފެން ފަދަ އާދައިގެ ކަންކަމަށް ވެސް ދުވާލަކު މަދުވެގެން 2 މިލިއަން ތޯމާން (10 ޑޮލަރު) ހޭދަވެއެވެ.

ތޯމާން އަކީ އީރާނުގެ އާންމުން ފައިސާގެ އަދަދުތައް ކިޔަން ފަސޭހައަކަށް ބޭނުންކުރާ ނުރަސްމީ މިންގަނޑެކެވެ. އެއް ތޯމާން އަކީ 10 ރިޔާލެވެ. އީރާނުގެ ސަރުކާރުން ކަނޑައަޅާފައިވާ އެންމެ ކުޑަ މުސާރައަކީ 166 މިލިއަން ރިޔާލު (82 ޑޮލަރު) އެވެ. ސަރުކާރުގެ އެހީތަކާއެކު ވެސް މުސާރައިގެ ގޮތުގައި ލިބެނީ 220 މިލިއަން ރިޔާލު (108 ޑޮލަރު) އަށް ވުރެ ކުޑަ އަދަދެކެވެ.

އާމްދަނީއާއި ހަރަދާ ދެމެދު އޮތް ފަރަގު ބޮޑުވަމުންދާކަން، ހޯރްމުޒްގާން ޕްރޮވިންސްގައި މަސްވެރިކަން ކުރާ އުމުރުން 28 އަހަރުގެ ސަލާމާ (އަސްލު ނަމެއް ނޫން) ގެ ވާހަކައިން ވެސް އެނގެއެވެ. އޭނާ ބުނި ގޮތުގައި ކުރިން 500،000 ތޯމާން (2.5 ޑޮލަރު) އިން ކުރި ހަފުތާގެ ބާޒާރު، މިހާރު 5 މިލިއަން ތޯމާން (25 ޑޮލަރު) އަށް ވަނީ އަރާފައެވެ. މީގެ ސަބަބުން ކުކުޅާއި މަސް ފަދަ ބާވަތްތައް ގަތުން މަދުކުރަން ނުވަތަ ހުއްޓާލަން ވަނީ މަޖުބޫރުވެފައެވެ. ކުޑަކުދިންނަށް ދޭ އާދައިގެ ރޯގާ ބޭހެއް ވެސް މިހާރު 300،000 ތޯމާން (1.5 ޑޮލަރު) އަށް އަރާއިރު، އާދައިގެ ޑޮކްޓަރަކަށް ދެއްކުމަށް ވެސް މަދުވެގެން 1 މިލިއަން ތޯމާން (5 ޑޮލަރު) ހޭދަވާ ކަމަށް އޭނާ ބުންޏެވެ.

އީރާނުގެ އިގުތިސާދީ މައްސަލަތަކަކީ ހަނގުރާމައިގެ ސަބަބުން އުފެދުނު ކަންތައްތަކަކަށް ނުވިޔަސް، އުފެއްދުންތެރިކަމަށް އައި ހީނަރުކަމާއި، އެމެރިކާގެ ކަނޑުގެ ސިފައިން އީރާނުގެ ބަނދަރުތައް ބަންދުކުރުމުގެ ސަބަބުން މައްސަލަތައް ވަނީ ގޯސްވެފައެވެ. މިއަދު އީރާނުގެ އެތައް މިލިއަން ރައްޔިތުންނަކަށް އޮތް ސުވާލަކީ ތަކެތީގެ އަގު އުފުލުނު މިންވަރެއް ނޫނެވެ. އެމީހުންނަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ، މަހު މުސާރައިން ކާބޯތަކެއްޗާއި ބޯހިޔާވަހިކަމަށް ހޭދަކޮށްފައި، އެ ފައިސާކޮޅު މަސް ނިމެންދެން ހިފަހައްޓާލެވޭނެތޯ އުފެދިފައިވާ ސުވާލެވެ.