އީރާނުގެ ދެކުނު އައްސޭރިފަށަށް އެމެރިކާއިން ދިން ވަރުގަދަ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 18 އަށް އަރާފައިވަނިކޮށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް އިތުރު ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދެއްވައިފިއެވެ.

އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާގެ އެންމެ ފަހުގެ ހަމަލާތަކުގައި މަދުވެގެން 108 މީހަކު ވަނީ ޒަހަމްވެފައެވެ. އެމެރިކާގެ އަސްކަރިއްޔާއިން އަމާޒުކޮށްފައިވަނީ ބަންދުކޮށްފައިވާ ހޮރުމުޒް ކަނޑުއޮޅި ކައިރީގައިވާ އީރާނުގެ ދެކުނުގެ ރަށްތަކަށާއި ސަރަހައްދުތަކަށެވެ. މީގެ ތެރޭގައި ސިރިކް ކައުންޓީގެ ކުހެސްތާންގައި ކުރިއަށްދިޔަ ކައިވެނި ޕާޓީއަކަށް ދިން ހަމަލާއެއް ވެސް ހިމެނެއެވެ. މިއީ ޖުލައި މަހަށްފަހު ދެ ގައުމުގެ ދެމެދުގައި ބަދަލުކުރެވުނު އެންމެ ވަރުގަދަ ހަމަލާތަކެވެ. މިއަށް ރައްދުދިނުމުގެ ގޮތުން އީރާނުން ވަނީ މެދުއިރުމަތީގެ އެކި ގައުމުތަކުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައެވެ. އޭގެ ތެރޭގައި ބަހްރޭން، އިރާގު އަދި އުރުދުންގައި ހުންނަ މަރުކަޒުތައް ހިމެނެއެވެ.

ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވި ގޮތުގައި، އަންގާރަ ދުވަހުގެ ރޭ އެމެރިކާއިން ވަނީ އީރާނަށް ވަރަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އަދި ހޮރުމުޒް ކަނޑުއޮޅި ކައިރީގައި އީރާނުން ބަހައްޓަން މަސައްކަތްކުރި އާ އާލާތްތައް މި ހަމަލާތަކުގައި އެއްކޮށް ނައްތާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ބޭނުން ކޮންމެ ވަގުތަކު އިތުރު ހަމަލާއެއް ދިނުމަށް އެމެރިކާ އޮތީ ތައްޔާރަށް ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އީރާނުން ކުރާ ހުރިހާ ކަމެއް އެމެރިކާއަށް ފެނެއެވެ.

އީރާނުގެ ހެލްތު މިނިސްޓަރު މުހައްމަދު ރިޒާ ޒަފަރްގަންދީ ވިދާޅުވި ގޮތުގައި، އެމެރިކާގެ ހަމަލާތަކުގައި މަރުވި 18 މީހުންގެ ތެރޭގައި ދެ ކުޑަކުދިން ހިމެނެއެވެ. އޭގެ ތެރެއިން އެއް ކުއްޖަކީ ކުހެސްތާންގައި އޮތް ކައިވެނި ޕާޓީއަށް ދިން ހަމަލާގައި މަރުވި ހަތަރު އަހަރުގެ ކުއްޖެކެވެ. އެ ހަމަލާގައި މަދުވެގެން ހަތަރު މީހުން މަރުވެފައިވާ ކަމަށް އީރާނުގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ބުނެއެވެ. އީރާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ކުހެސްތާންގައި މަރުވި ހަތަރު މީހުންގެ ޖަނާޒާ ބުރާސްފަތި ދުވަހު ބާއްވާނެއެވެ.

އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވަނީ ކުހެސްތާނަށް ދިން ހަމަލާއަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށް ސިފަކުރައްވާފައެވެ. އާންމުންނަށް އަމާޒުކޮށް ހަމަލާ ނުދޭ ކަމަށް އެމެރިކާއިން ބުނާ ބުނުމަށް ރައްދުދެއްވައި، ބަގާއީ އެކްސްގައި ލިޔުއްވާފައިވަނީ ހަގީގަތް އޮތީ ވަރަށް ބިރުވެރިކޮށް ކަމަށާއި، އެމެރިކާގެ ޕްރޮޕެގެންޑާއިން ވެސް މިއަދު އެމެރިކާގެ އަސްކަރިއްޔާއިން ކުރާ ފަދަ ދައުވާއެއް ކުރަން ނުކެރޭނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ސިރިކް އަކީ ހިޔާލީ ވާހަކައެއް ނޫނެވެ. އަދި އާންމުންނާއި ޝިކާރައަކަށްވި މީހުންނަކީ ހަގީގަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ފެބްރުއަރީ 18 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން ދިން ހަމަލާތަކާ ގުޅިގެން ފެށުނު ހަނގުރާމައަށް ހަ މަސް ވެފައިވާއިރު، މީގެ ސަބަބުން ދުނިޔޭގެ އިގުތިސާދަށް ވަނީ ބޮޑެތި އަސަރުތަކެއް ކޮށްފައެވެ. ހަނގުރާމަ ފެށުމާއެކު އީރާނުން ހޮރުމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ބައިނަލްއަގުވާމީ މިންގަނޑު ކަމަށްވާ ބްރެންޓް ކްރޫޑް ތެޔޮ ފީފާއެއްގެ އަގު މިހާރު އުޅެނީ 95 ޑޮލަރުގައެވެ. މިއީ ހަނގުރާމަ ފެށުނުއިރާ އަޅައިބަލާއިރު 30 ޕަސެންޓަށް ވުރެ ބޮޑު ކުރިއެރުމެކެވެ.

އެމެރިކާގައި ނޮވެމްބަރު މަހު ބާއްވާ މިޑްޓާމް އިންތިހާބު ކައިރިވަމުން އަންނައިރު، ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށް ވަނީ ސިޔާސީ ގޮތުން ގޮންޖެހުންތަކާ ކުރިމަތިވެފައެވެ. ރޮއިޓާސް އަދި އިޕްސޯސް އިން އޮގަސްޓު މަހު ނެގި ހިޔާލު ހޯދުމުގެ ވޯޓަކުން ދައްކާ ގޮތުގައި، ހަނގުރާމައަށް ތާއީދުކުރަނީ އެމެރިކާގެ ރައްޔިތުންގެ 31 ޕަސެންޓެވެ. އަދި 63 ޕަސެންޓު މީހުން ހަނގުރާމައާ ދެކޮޅެވެ. ވޯޓުލާ މީހުން އެންމެ ބޮޑަށް ހިތްހަމަނުޖެހެނީ ގޭހުގެ އަގު ބޮޑުވުމާ ގުޅިގެންނެވެ. ހަމައެހެންމެ، ހަނގުރާމަ ފެށުނު ފަހުން ޓްރަމްޕްގެ މަގުބޫލުކަން ވަނީ 40 ޕަސެންޓުން 33 ޕަސެންޓަށް ވެއްޓިފައެވެ.

ނަމަވެސް، ޓްރަމްޕް ބުދަ ދުވަހު ވިދާޅުވި ގޮތުގައި އަލުން ފެށި އަސްކަރީ ހަރަކާތްތައް ގިނަ ދުވަހަކަށް ދެމިގެންދާނެ ކަމަކަށް އޭނާ ގަބޫލެއް ނުކުރައްވައެވެ. އަދި އީރާނާ މެދު ގެންގުޅޭ ސިޔާސަތުގައި ކުރިއަށް އޮތް އިންތިހާބުގެ ދައުރެއް ނެތް ކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ. އޯވަލް އޮފީހުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ އޭނާ އިންތިހާބުގައި ވާދަނުކުރައްވާ ކަމަށާއި، ވާދަކުރަނީ އޭނާގެ ޕާޓީން ކަމަށެވެ. އަދި އޭނާ މަސައްކަތްކުރައްވާނީ ޕާޓީއަށް އެހީތެރިވުމަށް ކަމަށް ވިދާޅުވިއެވެ. ޓްރަމްޕް ފާހަގަކުރެއްވި ގޮތުގައި އީރާނުން ނިއުކްލިއާ ހަތިޔާރު ހޯދުމަށް ފުރުސަތު ނުދޭނެކަން އޭނާގެ ޕާޓީން ގަބޫލުކުރާނެއެވެ. އީރާނުން ވަނީ ނިއުކްލިއާ ހަތިޔާރު ހޯދަން މަސައްކަތްކުރާ ކަމަށް ބުނާ ބުނުން ދޮގުކޮށްފައެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާގެ ފްރޮންޓިއާ ކޯޕްސްގެ ކުރީގެ ކޮމާންޑަރު އަދި ރިޓަޔާޑް ލެފްޓިނެންޓް ޖެނެރަލް ތާރިގް ހާން އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި، އީރާނުގެ ހަނގުރާމައިގައި އެމެރިކާ މިހާރު އޮތީ ސްޓްރެޓީޖިކް ގޮތުން އުނދަގޫ ހާލަތެއްގައެވެ. ހަނގުރާމައިގެ ކުރިން ކަނޑުމަތީގައި އޮތް މާހައުލު އިއާދަކުރުމުގައި އެމެރިކާއަށް ކާމިޔާބުވެފައި ނުވާ ކަމަށާއި، މިހާރު އަސްކަރީ ވަސީލަތްތައް ބޭނުންކުރަމުންދަނީ ހަނގުރާމައިގެ ސަބަބުން އުފެދުނު މައްސަލައެއް ހައްލުކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ އީރާނުން ހޮރުމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން އުފެދިފައިވާ މައްސަލައެކެވެ.

ތާރިގް ހާން ފާހަގަކުރެއްވި ގޮތުގައި އީރާނަށް އެނގޭ ގޮތުގައި އާދައިގެ ހަނގުރާމައެއްގައި އެމެރިކާ ބަލިނުކުރެވޭނެއެވެ. އެހެންކަމުން އީރާނުން މަސައްކަތްކުރަނީ ޓްރަމްޕަށް މި ހަނގުރާމައިގެ އަގު ބޮޑުކުރުމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޓްރަމްޕް ހަމަލާތައް ވަރުގަދަކޮށްފިނަމަ، އެމެރިކާ މެދުއިރުމަތީގެ އިތުރު ހަނގުރާމައެއްގެ ތެރެއަށް ވަންނަ ކަމަށް އީރާނަށް ދެއްކިދާނެއެވެ. އަދި ޓްރަމްޕް ހަމަލާތައް މަޑުޖައްސާލައިފިނަމަ، އެމެރިކާގެ އަސްކަރީ ބާރުވެރިކަމަށް އީރާން އަމާންދޭން މަޖުބޫރު ނުކުރެވޭނެ ކަމަށް އީރާނަށް ބުނެވިދާނެއެވެ. ތާރިގް ހާން ވިދާޅުވި ގޮތުގައި އީރާނަށް ހަނގުރާމައިގެ މައިދާނުގައި ކާމިޔާބީއެއް ބޭނުމެއް ނުވެއެވެ. އީރާނަށް ބޭނުންވަނީ އިގުތިސާދީ ދަތިތައް ދެމެހެއްޓުމަށާއި، އަސްކަރީ، އިގުތިސާދީ އަދި ސިޔާސީ ގޮތުން އެމެރިކާއަށް މި ހަނގުރާމައިގެ އަގު ބޮޑުކުރުމަށެވެ.

ހަނގުރާމައިގެ ކުރިން ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި ދަތުރުކުރީ ހޮރުމުޒް ކަނޑުއޮޅިންނެވެ. އެމެރިކާއިން ކަނޑުއޮޅި ހުޅުވިފައިވާ ކަމަށް ތަކުރާރުކޮށް ބުނަމުންދިޔަ ނަމަވެސް، މިހާރު ދުވާލެއްގެ މައްޗަށް އެ ސަރަހައްދުން ހުރަސްކުރަނީ މަދު ބޯޓުތަކެކެވެ. އަދި ކަނޑުއޮޅި ހުރަސްކުރަން މަސައްކަތްކުރާ ބޯޓުތަކަށް އީރާނުން ދަނީ ހަމަލާދެމުންނެވެ. އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ބުދަ ދުވަހު ބުނި ގޮތުގައި ހުއްދަނެތި ކަނޑުއޮޅި ހުރަސްކުރަން އުޅުނު ތެޔޮ އުފުލާ ދެ ބޯޓެއް ވަނީ މައިންތަކެއްގައި ޖެހި ހަލާކުވެފައެވެ. މީގެ އިތުރުން، ސައުދީ އަރަބިއްޔާގެ ޝިޕިން ކުންފުނި ބަހްރީން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހަފުތާގެ ކުރީކޮޅު އެ ކުންފުނީގެ ބޯޓަކަށް ދިން ހަމަލާއެއްގައި ފިލިޕީންސްގެ ދެ ފަޅުވެރިން ވަނީ މަރުވެފައެވެ.

ހޮރުމުޒް ކަނޑުއޮޅި ބެލެހެއްޓުމަށް އީރާނުން އުފައްދާފައިވާ ޕާޝިއަން ގަލްފް ސްޓްރެއިޓް އޮތޯރިޓީ (ޕީޖީއެސްއޭ) އިން ވަނީ ގަވާއިދާ ހިލާފުވި ކަމަށް ބުނެ މި ހަފުތާގައި އިތުރު 11 ބޯޓެއް ބްލެކްލިސްޓުކޮށްފައެވެ. މިއީ ފާއިތުވި ހަފުތާގައި ބްލެކްލިސްޓުކުރި 45 ބޯޓުގެ އިތުރުންނެވެ. ޕީޖީއެސްއޭއިން ބުނި ގޮތުގައި ކަނޑުއޮޅި ހުރަސްކުރުމުގެ ކުރިން އީރާނަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަނާޅައިފިނަމަ، އެ ބޯޓުތައް ޖޫރިމަނާކުރުން ނުވަތަ ހިފެހެއްޓުން ފަދަ ފިޔަވަޅުތަކާ ކުރިމަތިލާންޖެހޭނެއެވެ.

ހަމައެއާއެކު، އެމެރިކާއިން ދަނީ އީރާނާ އެކު ވިޔަފާރިކުރާ ގައުމުތަކަށް ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ދެމުންނެވެ. އަދި އެމެރިކާއިން ވެސް ދަނީ ހޮރުމުޒް ކަނޑުއޮޅީގައި ބްލޮކޭޑެއް ދަމަހައްޓަމުންނެވެ. ޓްރަމްޕް ބުދަ ދުވަހު ވިދާޅުވި ގޮތުގައި ކަނޑުއޮޅީގެ ކޮންޓްރޯލް އޮތީ އެމެރިކާގެ އަތުގައެވެ. އަދި އެމެރިކާގެ ސިފައިން ދަނީ ކޮންމެ ދުވަހަކު އެތައް މިލިއަން ފީފާގެ ތެޔޮ އުފުލާ ގިނަ އަދަދެއްގެ ބޯޓުތަކަށް ކަނޑުއޮޅިން ނުކުތުމަށް އެހީތެރިވަމުން ކަމަށް އޭނާ ވިދާޅުވިއެވެ. އަންގާރަ ދުވަހު ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ކަނޑުގެ ސިފައިން ދުވާލަކު 30 ބޯޓަށް އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ. ހަނގުރާމައިގެ ކުރިން ދުވާލަކު 130 ބޯޓު އެ ކަނޑުއޮޅިން ދަތުރުކުރިއެވެ.