އީރާނާއެކު ވިޔަފާރީގެ މުއާމަލާތްތައް ކުރާ ގައުމުތަކާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައިވަނިކޮށް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ބައްދަލުކުރައްވައިފިއެވެ.

ކިރްގިސްތާނުގައި ކުރިއަށްދާ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގެމޯދީ ހަވާސާގައި ހޯމަ ދުވަހު ބޭއްވި މި ބައްދަލުވުމަކީ، މީގެ ހަ މަސް ކުރިން ހަނގުރާމަ ފެށުނު ފަހުން މި ދެ ބޭފުޅުން ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. އީރާނުން ނެރުނު ބަޔާނަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަނގުރާމައިގެ ބަދަލުގައި މަޝްވަރާގެ މަގު އިހުތިޔާރުކުރުމަށް ބާރުއެޅުމަށް އިންޑިއާގެ ގުޅުންތައް ބޭނުންކުރުމަށް ޕެޒެޝްކިއަން ވަނީ މޯދީގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި އީރާނާއެކު އިންޑިއާއިން ސާބިތުވެ އޮތްކަމަށްޓަކައި އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. މޯދީ ވިދާޅުވި ގޮތުގައި އިންޑިއާއިން ބޭނުންވަނީ އީރާނާއެކު އޮންނަ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް، ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރި ފުޅާކުރުމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އަންނަނީ "އޮޕަރޭޝަން އިކޮނޮމިކް އައުޓްކާސްޓް"ގެ ނަމުގައި އީރާނާ ދެކޮޅަށް އިގުތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަކުރަމުންނެވެ. އަދި އީރާނާއެކު ވިޔަފާރިކުރާ ގައުމުތަކާ ދެކޮޅަށް ސެކަންޑަރީ ސެންކްޝަންތައް ނުވަތަ ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމެރިކާއިން ވަނީ ދީފައެވެ. ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވި ގޮތުގައި، ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވުމަށް އެއްވެސް ގައުމަކުން އީރާނަށް އެހީތެރިވެގެން ނުވާނެއެވެ. އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމަށާއި ޓެރަރިޒަމަށް ހަރަދުކުރުމަށް އާމްދަނީ ހޯދާނެ މަގުތައް ފަހިކޮށްދޭ ގައުމުތަކާ ދެކޮޅަށްވެސް ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެމެރިކާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އީރާނަށް ނިއުކްލިއާ ހަތިޔާރު ނުލިބޭނެކަން ކަށަވަރުކުރުމަށްޓަކައި އެމެރިކާގެ އިގުތިސާދީ ބައިވެރިންނާއެކު އަންނަނީ މަޝްވަރާތައް ކުރަމުންނެވެ.

ފާއިތުވި އަހަރުތަކުގައި އިންޑިއާއަކީ އީރާނާއެކު އެންމެ ގިނައިން ވިޔަފާރިކުރާ ފަސް ގައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ނަމަވެސް 2018 އިން 2019 އަށް އޮތް މިންވަރާ އަޅައިބަލާއިރު ދެ ގައުމުގެ ވިޔަފާރި ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އިންޑިއާއިން އީރާނަށް މައިގަނޑު ގޮތެއްގައި އެކްސްޕޯޓުކުރަނީ އިންސާނީ އެހީގެ ގޮތުގައި އިސްތިސްނާކުރެވޭ ބާވަތްތަކާއި ބޭހުގެ ބާވަތްތަކެވެ. މީގެ އިތުރުން އީރާނަކީ އިންޑިއާގެ ހަނޑޫ އެންމެ ގިނައިން އެކްސްޕޯޓުކުރާ ދެވަނަ ގައުމެވެ. މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އިންޑިއާއިން ވަނީ 383 މިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ ހަނޑޫ އީރާނަށް އެކްސްޕޯޓުކޮށްފައެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ހަކަތައިގެ އަގުތަކަށް އަންނަ ބަދަލުތައް ކުޑަކުރުމަށްޓަކައި ޓްރަމްޕްގެ ސަރުކާރުން ވަގުތީ ގޮތުން ފިޔަވަޅުތަކަށް ލުއި ދިނުމާ ގުޅިގެން، ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު އިންޑިއާއިން ވަނީ މިދިޔަ އޭޕްރީލް މަހު އީރާނުން ސާފުނުކުރާ ތެޔޮ އެތެރެކުރަން ފަށާފައެވެ. މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އީރާނުން އިންޑިއާއަށް އެތެރެކުރި ތެލުގެ އަގު ގާތްގަނޑަކަށް 707 މިލިއަން ޑޮލަރަށް އަރައެވެ. އީރާނުގެ ތެލާއި ޕެޓްރޯކެމިކަލް ވިޔަފާރިއާ ގުޅުންހުރި ކަމަށް ތުހުމަތުކޮށް، އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން ވަނީ އިންޑިއާގެ ހަތަރު ކުންފުންޏަކާއި ތިން ރައްޔިތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.

އީރާނާއެކު ވިޔަފާރީގެ މުއާމަލާތްތައް ކުރުން އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިން ހުއްޓާލުމާ ގުޅިގެން އިންޑިއާގެ ވިޔަފާރިވެރިންނަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. ދުބާއީއަކީ އީރާނާއެކު ވިޔަފާރިކުރުމުގައި މުހިންމު މަރުކަޒެއްގެ ގޮތުގައި ބޭނުންކުރަމުން އައި ތަނެކެވެ. ވިޔަފާރީގެ އިތުރުން، ޕާކިސްތާނު މެދުވެރިނުކޮށް މެދުތެރޭ އޭޝިއާއާއި ޔޫރަޕަށް މުދާ ފޮނުވުމަށް އިންޑިއާއިން ބޭނުންކުރާ އީރާނުގެ ޗާބަހާރު ބަނދަރަކީވެސް އިންޑިއާއަށް މުހިންމު ތަނެކެވެ. ނަމަވެސް އެމެރިކާގެ ފިޔަވަޅުތަކާ ގުޅިގެން އެ ބަނދަރުގެ އޮޕަރޭޝަންތަކަށް ވަނީ ހުރަސްއެޅިފައެވެ. އެމެރިކާގެ އަމަލުތަކަށް އެއްބާރުލުންދޭ ގައުމުތަކަށް ނުރައްކާތެރި ނަތީޖާއަކާ ކުރިމަތިލާންޖެހިދާނެ ކަމުގެ އިންޒާރު އީރާނުން ވަނީ ދީފައެވެ.

ކައުންސިލް އޮން ފޮރިން ރިލޭޝަންސްގެ ސީނިއަރ ފެލޯ ސަދާނަންދު ދޫމޭ ފޮކްސް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި، މޯދީގެ މި ބައްދަލުވުމަކީ ޓްރަމްޕްގެ ނުފޫޒުގެ ދަށަށް އިންޑިއާ ނުދާކަން އެ ގައުމުގެ ރައްޔިތުންނަށް ދެއްކުމަށް ކުރެއްވި ކަމެކެވެ. ކުރިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އިންޑިއާއާއި އީރާނުގެ ގުޅުން މިހާރުވެސް ވަރަށް ބޮޑަށް ހީނަރުވެފައިވާ ކަމަށާއި، އެހެންކަމުން އެމެރިކާއާއި އީރާނާ ދެމެދު ހަމަހަމަކަމެއް ގެންގުޅުމަށް އިންޑިއާއިން މަސައްކަތް ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ރަޝިޔާއާއެކު އިންޑިއާއިން ބާއްވާ ގުޅުމަކީ އީރާނާ އޮންނަ ގުޅުމަށްވުރެ މާ މުހިންމު، އަސްކަރީ އަދި ޑިޕްލޮމެޓިކް ގުޅުމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޗައިނާގެ ބާރު ކުޑަކުރުމަށްޓަކައި އިންޑިއާއާއެކު ގުޅުން ބޭއްވުމަކީ އެމެރިކާއަށް މުހިންމު ކަމެއް ކަމަށް އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ އޮފިޝަލުން ފާހަގަކުރެއެވެ. ނަމަވެސް ވިޔަފާރީގެ ގޮތުން އިންޑިއާގެ މައްޗަށް އެމެރިކާގެ ނުފޫޒު ބޮޑުކަމުން، ދެ ގައުމުން ކުރެ ގައުމެއް އިހުތިޔާރުކުރަން ޖެހިއްޖެ ހާލަތެއްގައި އިންޑިއާއިން އިސްކަންދޭނީ އެމެރިކާއަށް ކަމަށް ދޫމޭ ވިދާޅުވިއެވެ. މިކަންކަން މިހެން ހުރިއިރު، އަންނަ ހަފުތާގައި އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބްރިކްސް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގް އިންޑިއާއަށް ވަޑައިގަންނަވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިންއާއި އީރާނުގެ ރައީސް ޕެޒެޝްކިއަންވެސް މި ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވަނީ ބެލެވިފައެވެ.