ހޮރުމުޒް ކަނޑުއޮޅި ހަތް ދުވަހުގެ ތެރޭގައި ވިޔަފާރި ބޯޓުފަހަރަށް އަލުން ހުޅުވާލުމަށް އީރާނުން ހުށަހެޅި ހުށަހެޅުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގަބޫލުނުކުރައްވައި އަނބުރާ ފޮނުވާލައްވައިފިއެވެ.
ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ އީރާނުން ވަގުތުން ކަނޑުއޮޅި ހުޅުވާލުމުގެ އެއްބަސްވުމަކަށް އަންނަން ބޭނުންވަނީ އެ ގައުމަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާތީ ކަމަށެވެ. އަދި އެމެރިކާގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ކަނޑުއޮޅި އޮތް ކަމަށާއި، ގިނަ އަދަދެއްގެ ތެޔޮ އެ މަގުން މިހާރުވެސް ބޭރު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޓްރަމްޕްގެ މި ވާހަކަތަކާ ގުޅިގެން އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ޓެލެގްރާމްގައި ވިދާޅުވީ، އީރާނުން ގޮތެއް ނިންމާނީ މެދުވެރިންގެ ފަރާތުން ލިބޭ ރަސްމީ ޖަވާބަކަށް ބެލުމަށްފަހު ކަމަށެވެ.
މީގެ ކުރިން ނިއުޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އަރަގްޗީ ވިދާޅުވެފައިވަނީ، ޖޫން މަހު ދެ ގައުމުން ސޮއިކޮށްފައިވާ ފަހުމުނާމާގައިވާ ޝަރުތުތައް ފުރިހަމަވެއްޖެނަމަ އެއްބަސްވުމަކަށް އާދެވިދާނެ ކަމަށެވެ. އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ސީބީއެސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ވެފައި ވަނީ، ޕާކިސްތާނުގައި ސޮއިކުރި އެ ފަހުމުނާމާއާ އެއްގޮތަށް ކުރިއަށްދާން އެމެރިކާއިން އެއްބަސްވެއްޖެނަމަ ހުރިހާ ކަމެއް ކުރިން އޮތް ގޮތަށް ބަދަލުވާނެއެވެ.
ނަމަވެސް، ޓްރަމްޕްގެ ފުރަތަމަ ދައުރުގައި ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގައި މަސައްކަތްކުރެއްވި ކާސްޓެން ފޮންޓެންރޯސް ބީބީސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ ފަހުމުނާމާއަކީ އެމެރިކާއަށް ގެއްލުންހުރި އެއްބަސްވުމެއް ކަމަށް ދެކޭތީ، އެ މަޝްވަރާތައް އަލުން ފެށުމުގެ ޝައުގުވެރިކަމެއް އެމެރިކާގައި ނެތް ކަމަށެވެ.
ސާދަ ނުކުތާގެ މައްޗަށް އެކުލެވޭ އެ ފަހުމުނާމާގައި، އީރާނުން ނިއުކްލިއާ ހަތިޔާރު ނުހެދުމަށް ހިމަނާފައި ވެއެވެ. އަދި އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ކަނޑުމަގުން ކޮންޓްރޯލްކުރުން ނިމުމަކަށް ގެނައުންވެސް އޭގައި ހިމެނެއެވެ. ނަމަވެސް ދެ ފަރާތުން އަލުން ހަމަލާދޭން ފެށުމާއެކު އެ އެއްބަސްވުން ވަނީ ރޫޅިފައެވެ.
ދުނިޔޭގެ ތެލާއި ގޭހުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ހޮރުމުޒް ކަނޑުއޮޅި ވަނީ ފެބްރުއަރީ މަހު ފެށުނު ހަނގުރާމައާ ގުޅިގެން ބަންދުވެފައެވެ. ރޮއިޓާސްއިން ހަވާލާދީފައިވާ ކެޕްލާ ކުންފުނީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ފަހަކަށް އައިސް އެ ކަނޑުއޮޅިން ދުވާލެއްގެ މައްޗަށް ނެރެވެނީ އެވްރެޖްކޮށް 18 ބޯޓެވެ. އަދި ބައެއް ދުވަސްދުވަހު މި އަދަދު ނުވައަކަށް ވެއްޓެއެވެ.
ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިޒްރޭލުން ދިން ވައިގެ ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން އީރާނުން ވަނީ އިޒްރޭލަށާއި ގަލްފުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައެވެ. އަދި ހޮރުމުޒް ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން ހަކަތައިގެ އަގުތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.
ވޯލް ސްޓްރީޓް ޖާނަލްއިން އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނުން އެމެރިކާގެ ޝަރުތުތައް ފުރިހަމަކުރާނެ ކަމާމެދު ޓްރަމްޕް ޝައްކު ކުރައްވައެވެ. އަދި އަލުން ބޮމުގެ ހަމަލާތަކެއް ދިނުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާގެ މުވައްޒަފުން ގާތު ވިދާޅުވެފައިވާ ކަމަށްވެސް އެ ނޫހުން ރިޕޯޓުކޮށްފައި ވެއެވެ.
މި ހަމަނުޖެހުމުގެ ތެރޭގައު ޔަމަނުގެ ހޫތީންގެ ހަމަލާތައްވެސް ވަނީ އިތުރުވެފައެވެ. އީރާނާ ގުޅުން އޮންނަ ހޫތީން ވަނީ ރަތް ކަނޑު ހުރަސްކޮށް ސައުދީ އަރަބިއްޔާއިން ބޭރުކުރާ ތެލަށް ހުރަސްއެޅުމުގެ ގޮތުން ހަމަލާތައް ވަރުގަދަކޮށްފައެވެ. އެ ޖަމާއަތުން ވަނީ ބާބުލް މަންދަބް ކަނޑުއޮޅިއަށް ހުޅުވިފައިވާ މޮހާ ބަނދަރު ހިމެނޭ ގޮތަށް ޔަމަނުގެ ރަތް ކަނޑުގެ އައްސޭރީގެ މުހިންމު ސަރަހައްދުތަކެއް މި މަހު ހިފާފައެވެ.
ސައުދީ އިސްވެ އޮންނަ ކޯލިޝަނުން ބުނި ގޮތުގައި، ހޫތީން ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް ފޮނުވާލި ދެ ބެލިސްޓިކް މިސައިލަކާއި ޑްރޯންތަކެއް ހޮނިހިރު ދުވަހު ވަނީ ވައްޓާލާފައެވެ.
އދ.ގެ އާންމު މަޖިލީހުގައި މި ހަފުތާގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާނާއެކު އެއްބަސްވުމަކަށް އާދެވޭނީ ނޮވެމްބަރު މަހު އޮންނަ އިންތިހާބަށްފަހު ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާ ނައްތާލުމަށްފަހު އަވަހަށް އަލުން ބިނާކުރުމާމެދު ވިސްނަވަމުން ގެންދަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިކަމަށް ރައްދުދެއްވައި އީރާނުގެ ހާރިޖީ ވަޒީރު އަރަގްޗީ ވިދާޅުވީ، ނައްތާލާނެ ކަމުގެ އިންޒާރުދީގެން ސުލްހަ ގާއިމުނުކުރެވޭނެ ކަމަށެވެ.
