އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ 'ޕިކްއެކްސް މައުންޓަން' އަށް ވަރަށް އަވަހަށް ހަމަލާދޭނެ ކަމަށް ވިދާޅުވެފައެވެ. ސީއެންއެންއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިކަމަށް ރައްދުދީ އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނެފައިވަނީ އީރާނުގެ ނިއުކްލިއަރ މަރުކަޒަކަށް އެމެރިކާއިން ދޭ ކޮންމެ ހަމަލާއަކީ ސަރަހައްދީ ހަނގުރާމަ ފުޅާކުރުން ކަމުގައި ބަލާނެ ކަމަށެވެ. މިއާއެކު، އީރާނުގެ ސިއްރު ނިއުކްލިއަރ މަރުކަޒެއް ކަމަށް ބެލެވޭ މި ތަނަކީ ކޮބައިކަމާއި، މި ތަނުގެ މުހިންމުކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ.
ޕިކްއެކްސް މައުންޓަން އަކީ ކޮބާ؟
ޕިކްއެކްސް މައުންޓަން އަކީ އީރާނުގެ މެދުތެރޭގައި، ބިމުގެ ވަރަށް އަޑީގައި ހަދާފައިވާ ސަލާމަތީ ގޮތުން ވަރުގަދަ މަރުކަޒެކެވެ. އިންސްޓިޓިއުޓް ފޯ ސައިންސް އެންޑް އިންޓަނޭޝަނަލް ސެކިއުރިޓީ (އައިއެސްއައިއެސް) އިން ބުނާ ގޮތުގައި، މި މަރުކަޒު ހަދާފައިވަނީ 'ކޫހް-އެ ކޮލަންގް ގަޒް ލާ' ކިޔާ ބޮޑު ފަރުބަދައެއްގެ ދަށުގައި، މަދުވެގެން 100 މީޓަރު (328 ފޫޓު) އަޑީގައެވެ. 'ކޮލަންގް' ގެ މާނައަކީ ޕިކްއެކްސް (އުދަލި ފަދަ ކޮންނަ ހަތިޔާރެއް) އެވެ. މި ތަން ހުންނަނީ އެމެރިކާއާއި އިސްރާއީލުން ކުރިން ބޮން އަޅާފައިވާ ނަތާންޒް ޔުރޭނިއަމް ފައްކާކުރާ މަރުކަޒާ ގާތްގަނޑަކަށް އެއް މޭލު ދެކުނުގައެވެ. އެހެންކަމުން މިއީ އެމެރިކާއާއި އިސްރާއީލަށް ވައިގެ މަގުންނާއި އެއްގަމު މަގުން ހަމަލާދޭން އުނދަގޫވާނެ ތަނެއް ކަމަށް ބެލެވެއެވެ.
މަރުކަޒުގެ ބޭނުމަކީ ކޮބާ؟
މި މަރުކަޒު ބިނާކުރުމުގެ މަސައްކަތް ފެށީ 2020 ވަނަ އަހަރުއެވެ. އެ ދުވަސްވަރު އީރާނުން އދ.ގެ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީއަށް އަންގާފައިވަނީ، މިއީ ނިއުކްލިއަރ ހަކަތަ އުފެއްދުމަށް ބޭނުންކުރާ ސެންޓްރިފިއުޖްތައް ރޭވުމަށް މުސްތަގުބަލުގައި ބޭނުންކުރާނެ ތަނެއް ކަމަށެވެ. އައިއެސްއައިއެސްގެ ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ސެޓެލައިޓް މަންޒަރުތަކުން ދައްކާ ގޮތުގައި މި ތަނުގައި ބިމުއަޑީގެ ގިނަ މަގުތަކަކާއި، ސަލާމަތީ ގޮތުން ވަރުގަދަ ސަރަހައްދެއްގެ އިތުރުން، ވައިގެ ހަމަލާތަކުން ރައްކާތެރިވުމަށް ކޮންކްރީޓުން ވަރުގަދަކޮށްފައިވާ ވަންނަ ދޮރުތައް ހުރެއެވެ.
ސެންޓަރ ފޯ ސްޓްރެޓީޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒްއިން ލަފާކުރާ ގޮތުގައި، 2025 ވަނަ އަހަރުގެ ޖޫން މަހު އީރާނުގެ އެހެން ނިއުކްލިއަރ މަރުކަޒުތަކަށް ދިން ހަމަލާތަކަށްފަހު، މި ތަނުގެ މަސައްކަތްތައް ވަނީ އިތުރުކޮށްފައެވެ. އެ ފަރާތުން ބުނާ ގޮތުގައި އީރާނުން މި ތަނުގައި ސެންޓްރިފިއުޖް ހެދުމަކީ، ނުވަތަ ހަލާކުވި އެހެން މަރުކަޒުތަކުގެ މަސައްކަތް މި ތަނަށް ބަދަލުކުރުމަކީ އެކަށީގެންވާ ކަމެކެވެ. ނުވަތަ މިއީ ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް ބޭނުންވާ ޔުރޭނިއަމް ފައްކާކުރާ ސިއްރު މަރުކަޒަކަށް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
ފައްކާކޮށްފައިވާ ޔުރޭނިއަމް އެބަހުރިތަ؟
ސީއެންއެންއަށް މައުލޫމާތު ދިން އިސްރާއީލުގެ މަސްދަރަކުން ބުނެފައިވާ ގޮތުގައި، ޖޫން މަހުގެ ހަމަލާތަކަށްފަހު އީރާނުން ވަނީ ފައްކާކޮށްފައިވާ ޔުރޭނިއަމްގެ ބައެއް އަދި ކުރިއަރާފައިވާ ސެންޓްރިފިއުޖްތައް ޕިކްއެކްސް މައުންޓަންއަށް ބަދަލުކޮށްފައެވެ. އެ 12 ދުވަހުގެ ހަނގުރާމައިގައި އިސްރާއީލާއި އެމެރިކާއިން ވަނީ ނަތާންޒް، އިސްފަހާން އަދި ފޯޑޯގައި ހުރި އީރާނުގެ މުހިންމު ތިން މަރުކަޒަކަށް ހަމަލާދީފައެވެ. ނަމަވެސް ޕިކްއެކްސް މައުންޓަންއަށް ހަމަލާދީފައެއް ނުވެއެވެ.
ސީއެންއެންއިން ކުރިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބޮމެއް ހެދޭ ވަރަށް ފައްކާކޮށްފައިވާ ޔުރޭނިއަމް ރައްކާތެރިކުރުމަށްޓަކައި އީރާނުން ވަނީ ބިމުއަޑީގެ މަގުތައް ގަސްތުގައި ހަލާކުކޮށް، ވަންނަ ދޮރުތަކުގައި ގޮވާތަކެތި ހަރުކޮށްފައެވެ. އެމެރިކާއާއި އިސްރާއީލުގެ އަމާޒަކީ އީރާނުގެ އަތުގައި ހުރި 1،000 ޕައުންޑުގެ ފައްކާކޮށްފައިވާ ޔުރޭނިއަމް ނައްތާލުން ނުވަތަ އެ ތަކެތި އަތުލުމެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ އީރާނުން ސެންޓްރިފިއުޖްތައް އެ ތަނަށް ބަދަލުކުރި ކަމަށް ބުނާ ވާހަކަތަކަށް މާބޮޑު ސަމާލުކަމެއް ނުދެއްވައި، އެކަމުގެ ރެކޯޑެއް ނެތް ކަމަށް ވިދާޅުވެފައެވެ. އަދި ތެހެރާންގެ ސަލާމަތީ އިސް އޮފިޝަލަކު ވެސް ވަނީ އެ ތަނުގައި ނިއުކްލިއަރ މަސައްކަތްތަކެއް ހިނގާ ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފައެވެ. އީރާނުން ބުނަމުންދަނީ އެ ގައުމުގެ ނިއުކްލިއަރ ޕްރޮގްރާމަކީ ހަމައެކަނި ހަކަތަ އުފެއްދުމުގެ ބޭނުމުގައި ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.
ހަމަލާއެއް ދިނުމުގެ ފުރުސަތު
މި މަރުކަޒަށް ހަމަލާދިނުމާ ގުޅޭގޮތުން ތަޖުރިބާކާރުންގެ ހިޔާލު ތަފާތެވެ. ނިއުކްލިއަރ ހަތިޔާރު ފެތުރުން ހުއްޓުވުމާ ގުޅޭ ތަޖުރިބާކާރެއް ކަމަށްވާ އެންޑްރިއާ ސްޓްރިކަރ ބުނި ގޮތުގައި، އީރާނުން އަލުން ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ މަސައްކަތް ފެށިޔަ ނުދިނުމަށްޓަކައި ޓްރަމްޕް އެ މަރުކަޒު ހަލާކުކޮށްލަން ޖެހެއެވެ. އައިއެސްއައިއެސްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެ ތަނަށް ވައި ވަންނަ ގޮތާއި، ކަރަންޓު ފޯރުކޮށްދޭ ނިޒާމު ފަދަ ކަންކަމަކީ އެމެރިކާއާއި އިސްރާއީލަށް ހަމަލާދިނުމުގައި ބޭނުންކުރެވިދާނެ ބަލިކަށި ކަންތައްތަކެކެވެ.
ނަމަވެސް، ކާނެގީ އެންޑޯމަންޓްގެ ނިއުކްލިއަރ ސިޔާސަތާ ގުޅޭ މަސައްކަތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ޖޭމްސް އެކްޓަން ބުނި ގޮތުގައި، އެމެރިކާއަށް ކުރެވޭނެހާ ވެސް ކަމަކީ އެ މަރުކަޒަށް ވަންނަން ހަދާފައިވާ މަގުތައް ހަލާކުކޮށްލުމެވެ. އޭނާ ފާހަގަކުރި ގޮތުގައި އެއީ މުޅި މައްސަލައަށް ބޮޑު ބަދަލެއް ގެނެވޭނެ ކަމެއް ނޫނެވެ. ސަބަބަކީ މަރުކަޒުގެ މައިގަނޑު ބައިތައް ބިމުގެ ވަރަށް އަޑީގައި ހުރުމެވެ.
