ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނަށް އަމިއްލަ ބޯހިޔާވަހިކަމެއް ހޯދުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހާއްސަ ހޯމް ފައިނޭންސިން ފެސިލިޓީއެއް އިފްތިތާހުކޮށްފިއެވެ.

މި ފެސިލިޓީއަކީ މައިގަނޑު ގޮތެއްގައި ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކަށް އަމާޒުކޮށްގެން ތައާރަފުކުރި ފުރުސަތެއްކަމަށް ބީއެމްއެލް އިން ބުނެއެވެ. ބޭންކުން ހާމަކުރި ގޮތުގައި، މި ފެސިލިޓީ ދޫކުރުމަށް ހަމަޖެހިފައިވަނީ އަހަރަކު 7.5 އިންސައްތައިގެ ކުޑަ އިންޓްރެސްޓް ރޭޓެއްގައެވެ. މިއީ މިހާރު ރާއްޖޭގެ ބޭންކިންގ މާކެޓުގައި، ސަރުކާރުގެ "ހިޔާވަހި" ސްކީމް ފިޔަވައި ބޯހިޔާވަހިކަމަށް ދޫކުރާ އެންމެ ކުޑަ ރޭޓެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓާ މުހައްމަދު ޝަރީފް ވިދާޅުވީ، ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، ހޮޓާ އަދި ސަފާރީތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ރާއްޖޭގެ އިޤްތިޞާދުގެ މައިބަދަ ކަމަށްވާތީ، އެފަރާތްތަކަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ބޭންކުން ބޮޑު އަހުމިއްޔަތުކަމެއް ދޭ ކަމަށެވެ. މި ފެސިލިޓީގެ ސަބަބުން ރާއްޖޭގެ ކޮންމެ ސަރަޙައްދަކުންވެސް ގެދޮރު އެޅުމަށާއި ގަތުމަށް ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

މި ސްކީމުގެ ދަށުން ފައިނޭންސިން އަށް އެދި ހުށަހެޅޭނީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ، ޑޮލަރުން މުސާރަ ލިބޭ ދިވެހީންނަށެވެ. އާމްދަނީގެ ގޮތުގައި ބަލާނީ ހަމައެކަނި އަސާސީ މުސާރައެއް ނޫނެވެ. މީގެ އިތުރުން ކޮންމެ މަހަކު ލިބޭ ސާވިސް ޗާޖަކީވެސް އާމްދަނީގެ ގޮތުގައި ބަލައިގަންނާނެ އެއްޗެކެވެ. ނަމަވެސް، ޝަރުތަކީ އެމީހަކަށް ލިބޭ އާމްދަނީ ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާވުމެވެ.

އިސްލާމީ އުސޫލުން މުއާމަލާތް ކުރަން ބޭނުންވާ ފަރާތްތަކަށް ބީއެމްއެލް އިސްލާމިކް މެދުވެރިކޮށްވެސް މި ފެސިލިޓީ ލިބޭނެއެވެ. ބޭންކުން މަޢުލޫމާތު ދޭ ގޮތުގައި، ކަސްޓަމަރުންނަށް ބީއެމްއެލް މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް މިކަމަށް އެދި ފަސޭހަކަމާއެކު ހުށަހެޅޭނެއެވެ. މި ފެސިލިޓީއާ ގުޅޭ އިތުރު ތަފްސީލު ބީއެމްއެލްގެ ވެބްސައިޓުން މިހާރު ލިބެން ހުންނާނެކަމަށް އެބޭންކުން ބުނެއެވެ.