ނަސްރުގެ ދުވަހުގެ ހާއްސަ މުނާސަބަތާ ގުޅުވައިގެން، 1988 ވަނަ އަހަރުގެ ނޮވެމްބަރު ތިނެއްގެ އުދުވާނުގައި ހިތްވަރާއެކު ރެކީ ޕެޓްރޯލްގައި ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ދުނިޔޭގައި ތިއްބެވި ފަސް ބޭފުޅެއްގެ ގައުމީ ހިދުމަތުގެ އަގުވަޒަންކޮށް، "ނޮވެމްބަރު 3 ގެ އައްޑަނަ" އެ ބޭފުޅުންނަށް އަރުވައިފިއެވެ.

ޖުމްހޫރީ މައިދާނުގައި ރޭ ބޭއްވި މި ރަސްމިއްޔާތުގައި މި ބޭފުޅުންނާ އައްޑަނަ ހަވާލުކޮށްދެއްވީ ސިފައިންގެ އެންމެ މަތީ ވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒެވެ.

މި ޝަރަފުވެރި އައްޑަނަ ލިބިވަޑައިގެންނެވި ބޭފުޅުންނަކީ:

  1. ސާޖެންޓް ފަސްޓްކްލާސް (ރިޓަޔާޑް) އިބްރާހީމް ޝަރީފް
  2. ސްޓާފް ސާޖެންޓް (ރިޓަޔާޑް) ހުސައިން އަލީ
  3. ސާޖެންޓް (ރިޓަޔާޑް) ހުސައިން މަނިކު
  4. ކޯޕްރަލް (ރިޓަޔާޑް) އަބްދުﷲ ނަސީމް
  5. ލާންސް ކޯޕްރަލް (ރިޓަޔާޑް) އަބްދުﷲ މުފީދު

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މި ޖަލްސާއަށް ވަޑައިގެންނެވުމުން އިސްތިގްބާލު ކުރެއްވީ ޑިފެންސް މިނިސްޓާ ގައްސާން މައުމޫނާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. އަދި އެމަނިކުފާނުގެ ޝަރަފުގައި އެ ވަގުތު ވަނީ ރިޔާސީ ކުރުނީހެއް އަރުވާފައެވެ.

ނަސްރުގެ ދުވަހުގެ މި ޖަލްސާގައި، އެ ދުވަހުގެ ހިތާމަވެރި އަދި ބިރުވެރި ވަގުތުތަކާއި ސިފައިންގެ ޖިހާދު ސިފަކޮށްދޭ "ލޭގެ ޖިހާދު" ގެ ނަމުގައި ތައްޔާރުކުރި ހާއްސަ ތަމްސީލެއް ދިވެހި ސިފައިން ވަނީ ހުށައަޅައިދީފައެވެ. މީގެއިތުރުން ސިފައިންގެ ގައުމީ ލަވަ އަލްބަމް ނެރެދެއްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ގައުމާ މުހާޠަބު ކުރައްވައި ތާރީޚީ ވާހަކަފުޅެއް ދައްކަވާފައެވެ.

ދައުލަތުގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި، ވަޒީރުން ބައިވެރިވެވަޑައިގެންނެވި މި ޖަލްސާ ނިމިގެންދިޔައީ ނަސްރުގެ ދުވަހުގެ ބަތަލުންގެ ޒިކުރާ އައުކުރަމުންނެވެ.