މިއަހަރުގެ އޮކްޓޯބަރު މަހު އެކަނިވެސް ސްކޭމްގެ 162 މައްސަލައެއް ހުށަހަޅާފައިވާއިރު އެ މައްސަލަތަކުގައި ޖުމްލަ 2.1 މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މައްސަލަތަކުގައި ޖުމްލަ 2 މިލިއަން ރުފިޔާ(2,152,788.49 ރުފިޔާ) ގެއްލިފައިވާއިރު މީގެތެރެއިން 986,342.07 ރުފިޔާ އަނބުރާ ހޯދާފައިވެއެވެ.

މި ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ހުށަހަޅާފައިވަނީ އީ ކޮމާސް މައްސަލަތަކެވެ. އެގޮތުން މިދިޔަ މަހުގެ ތެރޭގައި އީކޮމާސް 59 މައްސަލައެއް ހުށަހަޅާފައިވެއެވެ. އަދި ފައިސާ މާރުކުރުމުގައި މަކަރުހަދާފައިވާ ކަމުގެ 49 މައްސަލައެއް ހުށަހަޅާފައިވާއިރު އިންވެސްޓްމަންޓްގެ ނަމުގައި 18 މައްސަލަ ހުށަހަޅާފައިވެއެވެ.

މިދިޔަ މަހު ހިންގާފައިވާ ސްކޭމްތަކުގެ ތަފާސް ހިސާބު

މީގެ އިތުރުން ބުކިން ކެންސަލް ނުވަތަ ރިފަންޑާއި ގުޅުން ހުރި 13 މައްސަލައެއް ހުށަހަޅާފައިވާއިރު އޮޅުވާލައިގެން އެހެން މީހަކަށް ހެދިގެން ފައިސާ ހޯދާފައިވާ 8 މައްސަލައެއްވަނީ ހުށަހަޅާފައެވެ. މީގެ އިތުރުންވެސް ސްކޭމާ ގުޅުން ހުރިއެހެނިހެން 15 މައްސަލައެއް ހުށަހަޅާފައިވެއެވެ.

ފުލުހުންވަނީ އޮންލައިންކޮށް ވިޔަފާރިކުރުމުގެ ކުރިން ވިއްކާ ފަރާތް ރަނގަޅަށް ކަށަވަރުކުރުމަށާއި، މުދާ ނުލިބެނީސް ފައިސާ ނުފޮނުވުމަށް އިލްތިމާސްކޮށްފައެވެ.