ރާއްޖެ ކައިރިން އަދި ރާއްޖޭގެ ކަނޑުއޮޅިތަކުން ދަތުރުކުރާ ބޭރުގެ އާގުބޯޓުފަހަރަށް ފޯރުކޮށްދެމުންދާ އިންޓަނޭޝަނަލްމޮރެ ބަންކަރިންގެ ހިދުމަތުން ރާއްޖެއަށް 90 މިލިއަން ޑޮލަރު (1.39 ބިލިއަން ރުފިޔާ) ގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުން ބޯޓު ގެނެސްގެން ބަންކަރިންގެ ހިދުމަތް ފެށުމުގެ ސަބަބުން ގައުމީ އުފެއްދުންތެރިކަމާއި އިގްތިސާދަށް ބޮޑެތި ކުރިއެރުމެއް ލިބެމުންދާ ކަމަށެވެ. އަދި މިއީ އެސްޓީއޯއިން ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް ގެންދާ މަސައްކަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެސްޓީއޯގެ އަހަރީ ހިސާބުތައް ކިޔާ އިރުގައި ވެސް އެންމެ ފައިދާވާ ކަންކަމުގެ ތެރޭގައި އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ހިމެނޭކަން ސައީދު ފާހަގަކުރެއްވިއެވެ.
މި ހިދުމަތުގެ ދަށުން ފޯރުކޮށްދިން ތަކެތީގެ 70 ޕަސެންޓަށްވުރެ ބޮޑު ބަޔަކީ ލޯ ސަލްފާ ފިއުލް ކަމަށާއި، މިފަދަ ތަކެތި ކުރިން ލިބެންހުންނީ ރާއްޖެއާ ކައިރި އެހެން ގައުމުތަކުން ކަމަށް ސައީދު ވިދާޅުވިއެވެ. ނަމަވެސް އެ ފުރުސަތު އެހެން ގައުމުތަކަށް ބަންދުކޮށް، ދިވެހީންނަށް އެކަނި ކުރެވޭ ވިޔަފާރިއަކަށް ހެދުމުން މިހާރު ބޮޑު ފައިދާއެއް ލިބެމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިތުރަށް ސައީދު ވިދާޅުވީ ރާއްޖޭގެ ކަނޑުއޮޅިތަކުން ދަތުރުކުރާ އުޅަނދުތަކުން ނެގެން އޮތް ފައިދާގެ ވާހަކައަކީ ހުރިހާ ސަރުކާރުތަކުން ދައްކާފައިވާ ވާހަކައެއް ކަމަށާއި ނަމަވެސް، އެކަން ކުރީ މި ސަރުކާރުން ކަމަށެވެ.
