މިއަހަރުގެ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 34.52 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން ހާމަކޮށްފިއެވެ.

ފައިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން، މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 32.79 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 5.3 ޕަސެންޓްގެ ކުރިއެރުމެކެވެ. ދައުލަތުގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓެކްސް އާމްދަނީއަށް އައި ހެޔޮ ބަދަލެވެ. އެގޮތުން ވޭތުވެދިޔަ އަހަރުގެ އެ މުއްދަތުގައި ޓެކްސްގެ ގޮތުގައި 24.48 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރުގެ މި މުއްދަތުގައި އެ އަދަދު ވަނީ 9.1 ޕަސެންޓް އިތުރުވެ، 26.70 ބިލިއަން ރުފިޔާއަށް އަރާފައެވެ.

ދައުލަތުގެ އާމްދަނީގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރާ ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތްތަކުން ނެގޭ ޓެކްސް (ޓީޖީއެސްޓީ) އިން ލިބުނު އާމްދަނީ ވަނީ 5.0 ޕަސެންޓް އިތުރުވެފައެވެ. އެއީ މިދިޔަ އަހަރު ލިބުނު 8.88 ބިލިއަން ރުފިޔާއިން 9.32 ބިލިއަން ރުފިޔާއަށެވެ. ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ އެއްވަރެއްގައި ހިފެހެއްޓިފައިވާއިރު، ވޭތުވެދިޔަ ހަފުތާގައިވެސް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓީޖީއެސްޓީއިންނެވެ.

މީގެއިތުރުން، ވިޔަފާރި އާއި މުދަލުން ނެގޭ ޓެކްސް 23.7 ޕަސެންޓް އިތުރުވެ 6.07 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އިމްޕޯޓް ޑިއުޓީގެ ގޮތުގައި 12.3 ޕަސެންޓްއިގެ ކުރިއެރުމަކާއެކު 2.90 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި އާންމު މުދަލާއި ހިދުމަތްތަކުން ނެގޭ ޓެކްސް (ޖީޖީއެސްޓީ) ގެ ގޮތުގައި 4.63 ބިލިއަން ރުފިޔާ އަދި ގްރީން ޓެކްސްގެ ގޮތުގައި 1.88 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ޓެކްސް ނޫން އާމްދަނީގެ ތެރެއިން ރިސޯޓުތަކުގެ ކުލިން ލިބުނު އާމްދަނީ އިތުރުވުމާ ގުޅިގެން މުދަލުން ލިބުނު އާމްދަނީ 28.2 ޕަސެންޓް އިތުރުވެ 2.27 ބިލިއަން ރުފިޔާއަށް އަރާފައިވީ ނަމަވެސް، ޖުމްލަ ޓެކްސް ނޫން އާމްދަނީ ވަނީ 8.8 ޕަސެންޓް ދަށަށް ގޮސްފައެވެ. އަދި ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 0.53 ބިލިއަން ރުފިޔާއެވެ.

ދައުލަތުގެ ހަރަދުތަކަށް ބަލާއިރު، 29 އޮކްޓޫބަރުގެ ނިޔަލަށް ޖުމްލަ ހަރަދު ވަނީ 16.2 ޕަސެންޓް އިތުރުވެ، 38.99 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރެއިން ހިނގަމުންދާ ހަރަދު (ރިކަރަންޓް އެކްސްޕެންޑިޗާ) 16.9 ޕަސެންޓް އިތުރުވެ 33.68 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ކެޕިޓަލް ހަރަދު ވަނީ 12.0 ޕަސެންޓް އިތުރުވެ 5.30 ބިލިއަން ރުފިޔާއަށް އަރާފައެވެ.

ހަރަދުތަކުގެ ތަފްސީލަށް ބަލާއިރު، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް 6.15 ބިލިއަން ރުފިޔާ ހޭދަވެފައިވާއިރު، އިދާރީ އަދި ހިންގުމުގެ ހަރަދުތަކަށް 20.28 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އަދި ބިމާއި އިމާރާތް ފަދަ އިންފްރާސްޓްރަކްޗާ ތަރައްގީއަށް ކުރި ހޭދަ 10.4 ޕަސެންޓް އިތުރުވެ 4.63 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ބިންތަކާއި އިމާރާތްތަކަށް ކުރި ހަރަދު 35.4 ޕަސެންޓް އަދި ފާލަންތަކާއި ބަނދަރުތަކަށް ކުރި ހަރަދު 20.1 ޕަސެންޓް ވަނީ އިތުރުވެފައެވެ. މީގެއިތުރުން ސަބްސިޑީއަށް 4.31 ބިލިއަން ރުފިޔާ، އާސަންދައަށް 1.96 ބިލިއަން ރުފިޔާ އަދި ކައުންސިލްތަކަށް ދޭ ގްރާންޓުގެ ގޮތުގައި 2.08 ބިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

ފައިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، 29 އޮކްޓޫބަރު 2026 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓުގެ ޖުމްލަ އޯވަރޯލް ބެލެންސް ހުރީ 4.47 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގައެވެ. އަދި ދައުލަތުގެ ޕްރައިމަރީ ބެލެންސް ހުރީ 0.33 ބިލިއަން ރުފިޔާއިން ޑެފިސިޓްގައެވެ.