ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިގްތިސާދީ ތަސައްވުރުގެ ދަށުން، ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި "މޯލްޑިވްސް-އިންޑިއާ ބިޒްނަސް ކައުންސިލް" އުފެއްދުމަށް ނިންމައިފިއެވެ.

މި ނިންމުން ނިންމާފައި ވަނީ މިއަދު ބޭއްވި "މޯލްޑިވްސް-އިންޑިއާ ބިޒްނަސް އެންގޭޖްމަންޓް ސީރީޒް" އަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި، އިންވެސްޓް މޯލްޑިވްސް އަދި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން ގުޅިގެން ކުރިއަށްގެންދިޔަ މުހިންމު ބައްދަލުވުމުގެ ތެރެއިންނެވެ.

ސަރުކާރުގެ އިސް ބޭފުޅުންނާއި އަމިއްލަ ވިޔަފާރިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ދެ ގައުމުގެ ދެމެދުގައި އާ ފުރުސަތުތައް ހޯދައި، އިގުތިސާދީ ގޮތުން ފައިދާހުރި ނަތީޖާތަކެއް ނެރުމެވެ.

މި ބައްދަލުވުމުގެ ތެރެއިން ކުރިއަށްދިޔަ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން ހުރި ހުރަސްތައް ނައްތާލައި، ފަހި މާހައުލެއް ގާއިމުކުރުމަށެވެ. މީގެ ތެރޭގައި ފަތުރުވެރިކަމާއި، އިއާދަކުރަނިވި ހަކަތައާއި، އުމްރާނީ ތަރައްގީގެ އިތުރުން ޓެކްނޮލޮޖީގެ ދާއިރާއިން އިންވެސްޓްމަންޓްތައް އިތުރުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.

އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި "މޯލްޑިވްސް-އިންޑިއާ ބިޒްނަސް އެންގޭޖްމަންޓް ސީރީޒް" ބައްދަލުވުމުގެ ތެރެއިން

ހާއްސަކޮށް، އަމިއްލަ ވިޔަފާރިތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް، ދެމެހެއްޓެނިވި އަދި މާނަހުރި ޕާޓްނާޝިޕްތަކެއް އުފެއްދުމުގެ މުހިންމުކަމުގެ މައްޗަށް ބައްދަލުވުމުގައި އަލިއަޅުވާލާފައި ވެއެވެ.

މި ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދާއި، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ޖީ. ބަލަސުބްރަމާނިއަންގެ އިތުރުން އިންޑިއާއާއި ދިވެހިރާއްޖޭގެ ބައެއް އިސް ވިޔަފާރިވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.