ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް (އެމްއެސްއެމްއީ) އަމިއްލަ ފައިމައްޗަށް ތެދުވެ، ގުޅިފައިވާ އިގްތިސާދެއް ބިނާކުރުމަށްޓަކައި، އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެމެރިކާ ޑޮލަރުން ވިޔަފާރިކުރުމުގެ ފަހި ފުރުސަތު ތަނަވަސްކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ދެއްވައިފިއެވެ. މިކަން އެމަނިކުފާނު އިއުލާންކުރެއްވީ ބާސެލޯ ނަސަންދުރާގައި ބޭއްވުނު "މޯލްޑިވްސް އެކްސްޕޯ 2026" ގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ނޮވެމްބަރު 1 އިން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގޭޓްވޭ މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ހިސާބެއްގައި ކުރާ ވިޔަފާރިއެއް ކަމުގައި ވީ ނަމަވެސް، އެމްއެސްއެމްއީ ތަކަށް އެމެރިކާ ޑޮލަރުން ފައިސާ ލިބޭނެ ގޮތް ހަމަޖެހިގެންދާނެކަމަށެވެ. އަދި ރެމިޓެންސް މެދުވެރިކޮށް ރާއްޖެއިން ބޭރުން މުދަލާއި ހިދުމަތް ހޯދުމަށް މި ޑޮލަރު ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެހޭނެކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އެމްއެސްއެމްއީ ދާއިރާއަށް ހާއްސަ، ޓެކްސް-ފްރީ ޒޯންތަކެއް އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ގާއިމުކުރުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި 3 އަހަރުގެ ޕައިލެޓް ޕްރޮޖެކްޓް ފުރަތަމަ ފެށޭނީ އައްޑޫ ސިޓީއިންނެވެ. މި ޒޯންތަކުގައި ސަރުކާރުން ދޫކުރާ ބިމުން ފުރަތަމަ އަހަރު ކުލި ނުނެގުމާއި، އިންކަމް ޓެކްސް މައާފުވުމުގެ އިތުރުން 20 އިން 30 އަށް ކޯޓާގެ ލުޔެއް ދިނުން ފަދަ ކަންކަން ހިމެނޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހަމަ އެއާގުޅިގެން، ސަރުކާރަށް ދައްކަންޖެހޭ ޓެކްސް، ސަރުކާރުން އެ ފަރާތްތަކަށް ދޭންޖެހޭ ފައިސާއިން އޮފްސެޓް ކުރެވޭނެ އިންތިޒާމު ހަމަޖައްސާނެކަމަށާއި، ޖީއެސްޓީ ރަޖިސްޓްރީ ކުރުމުގެ ތްރެޝޯލްޑް 1 މިލިއަން ރުފިޔާއިން 1.5 މިލިއަން ރުފިޔާއަށް ޖެނުއަރީ 1 އިން ފެށިގެން ބޮޑުކުރެވޭނެކަން ވެސް ރައީސް މުއިއްޒު ހާމަކުރެއްވިއެވެ.
އެމްއެސްއެމްއީ ތަކުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް، 2027 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން، އެތެރެކުރާ ރޯ މެޓީރިއަލުން ނަގާ އިމްޕޯޓް ޑިއުޓީ 0 ޕަސެންޓަށް ބަދަލުކުރުމަށް ނިންމަވާފައިވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިކަންކަން ތަންފީޒުކުރުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް ކުރެވެމުންދާކަމުގެ ފެހި ސިގުނަލް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
ޒުވާން ވިޔަފާރިވެރިންނަށް ލޯނު ލިބޭނެ އިންތިޒާމުތައް ތަނަވަސްކުރުމުގެ މަސައްކަތް މިހާރުވެސް ކުރެވެމުންދާކަމަށާއި، މި ލޯނު ސްކީމްގެ 2 ވަނަ ފިޔަވަހި އަންނަ ނޮވެމްބަރު މަހު ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޤައުމީ އިގްތިސާދުގައި ބައިވެރިވުމުގެ ހަމަހަމަ ފުރުސަތު ފަހިކޮށްދީ، އެންމެން ޝާމިލުވާ (އިންކްލޫސިވް) މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ދެއްވާ އަހަމިއްޔަތުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
"މޯލްޑިވްސް އެކްސްޕޯ 2026" ގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ހުރިހާ ގިންތިތަކުން ޝަރަފުވެރި ރަން 5 ވަނަ އަދި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ހަވާލުކޮށްދެއްވާފައެވެ. ދާއިރާތަކުން 1 ވަނަ ހާސިލުކުރެއްވި ފަރާތްތަކަށް އިނާމާއި ފައިސާގެ އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ. މި ދާއިރާތަކުގެ ތެރޭގައި އަމިއްލަ ފަރުދުން، ޖަމުއިއްޔާ ޖަމާއަތްތައް، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް، ތައުލީމުދޭ މަރުކަޒުތައް، އަދި ސަރުކާރުގެ ކުންފުނިތައް ހިމެނެއެވެ.
އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން އިންތިޒާމުކުރާ މި މައުރަޒު ކުރިއަށްދަނީ 'ފިއުޗާ މޯލްޑިވްސް – އިނޮވޭޝަން، ކްރިއޭޓިވިޓީ އެންޑް ގްލޯބަލް ކަނެކްޝަންސް' މި ޝިއާރުގެ ދަށުންނެވެ. 2040 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖެއަކީ ފުރިހަމައަށް ތަރައްގީވެފައިވާ، ސިންދަފާތުކުރެވިފައިވާ އިގްތިސާދެއް އޮންނަ ގައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ އުންމީދީ ތަސައްވުރު ހާސިލުކުރުމަށް ބޭނުންވާ އީޖާދީ އުފެއްދުންތެރިކަން ކުރިއެރުވުމުގެ މުހިންމު މަންސައަކަށް މި އެކްސްޕޯ ވެފައިވެއެވެ.
"މޯލްޑިވްސް އެކްސްޕޯ 2026" ރަސްމީކޮށް އިފްތިތާހުކުރުން އޮންނާނީ 2026 އޮކްޓޫބަރު 25 ވާ އާދީއްތަ ދުވަހުގެ ރެއެވެ. 7 ޑިސްޓްރިކްޓްއެއް ހިމެނޭ ގޮތަށް، ހުޅުމާލޭ ސެންޓްރަލް ޕާކުގައި 9 ދުވަހުގެ މުއްދަތަށް މި އެކްސްޕޯ ކުރިއަށްދާނެއެވެ.
