ވޭތުވެދިޔަ ދެ އަހަރަކީ އެންމެ ބޮޑެތި އިންވެސްޓްމެންޓުތަކުން ފެށިގެން އެންމެ ކުދި ވިޔަފާރިތަކާ ހަމައަށް ވަށާޖެހޭ ގޮތެއްގައި އިންވެސްޓްމެންޓް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެވި، ބޮޑެތި ކުރިއެރުންތަކެއް ހާސިލުކުރެވުނު ދުވަސްތަކެއް ކަމަށް އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ "މޯލްޑިވްސް އެކްސްޕޯ 2026" ގެ ވަނަތައް ހާސިލުކުރި ފަރާތްތަކަށް އިނާމު ދިނުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި އެކްސްޕޯގެ ބައިވެރިންގެ މަސައްކަތް ފާހަގަކުރައްވައި އެ ފަރާތްތަކަށް މަރުހަބާ ދަންނަވައި އިނާމުތައް ވަނީ ހަވާލުކޮށްފައެވެ.

ރާއްޖޭގެ އިގުތިސާދު އައު ހަރުފަތަކަށް ގެންދިއުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވަނީ ހާއްސަ ތަސައްވުރެއްކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ، ދިމާވެފައިވާ ގޮންޖެހުންތަކާއެކުވެސް ގައުމު ކުރިއަށް ގެންދިއުމުގެ ސާފު މިސްރާބެއް ރައީސް ކަނޑައަޅުއްވާފައިވާ ކަމަށެވެ. އަދި ރާއްޖެއިންނާއި ބޭރުން ލިބެންހުރި ފުރުސަތުތައް ހޯދުމަށް ރެޔާއި ދުވާލު މަސައްކަތް ކުރުމަށް ރައީސް އިރުޝާދު ދެއްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، ރާއްޖޭގެ އިގުތިސާދުގައި އެންމެ އިސް ދައުރެއް އަދާކުރާނީ އުފެއްދުންތެރި ރައްޔިތުން ކަމަށެވެ. އެގޮތުން އެންމެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، އަލަށް ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކާއި ޒުވާނުންނަށް އަމާޒުކޮށް، 2030 ވަނަ އަހަރާ ހަމައަށް އަންނައިރު ރާއްޖޭގެ އިގުތިސާދުގެ 15 އިންސައްތައަކީ ކްރިއޭޓިވް އިކޮނޮމީ ކަމުގައި ހެދުމަކީ ރައީސްގެ ތަސައްވުރެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ފާއިތުވި ދެ އަހަރުގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ސައީދު ވިދާޅުވީ، ކުދި އަދި ބޮޑެތި ހުރިހާ ވިޔަފާރިތަކަށް ފައިދާވާނެ ގޮތަށް އިންވެސްޓްމެންޓުތައް ފަހިކޮށްދިނުމުގައި ސަރުކާރުން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ.

މިއަހަރުގެ އެކްސްޕޯއަކީ މިހާތަނަށް ވަރަށް ފުޅާ ދާއިރާއެއްގައި ބޭއްވުނު މައުރަޒެއްކަން ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މިދިޔަ އަހަރު 240 ފަރާތަކުން ބައިވެރިވި މި މައުރަޒުގައި މިއަހަރު 600 ފަރާތަކުން ބައިވެރިވެފައިވާ ކަމަށެވެ. އަދި މައުރަޒަށް ހުށަހެޅި އުފެއްދުންތަކުގެ އަދަދު 4،400 އަށް އަރާފައިވާއިރު، މައުރަޒު އިންތިޒާމުކުރި ޑިސްޓްރިކްޓްތަކުގެ އަދަދު ފަހަކުން ހަތަކަށް އިތުރުކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން، އަލަށް ތައާރަފުކުރި ދެ ޑިސްޓްރިކްޓާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސައީދު ފާހަގަކުރެއްވީ، "ވިޒިޓާ އިކޮނޮމީ ޑިސްޓްރިކްޓް" ގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ފުރުސަތުތަކެއް ހުޅުވި، އެ ދާއިރާއަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށެވެ. ހަމައެއާއެކު "އިންޓަނޭޝަނަލް ޑިސްޓްރިކްޓް" ގެ ސަބަބުން ރާއްޖެއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން ހަދާފައިވާ އަދި ހަދަން މަސައްކަތްކުރާ ގައުމުތަކުގެ އުފެއްދުންތައް ފެނިގެންދާނެ ކަމަށާއި، މީގެ ސަބަބުން ދިވެހި ވިޔަފާރިވެރިންގެ އުފެއްދުންތައް ދުނިޔޭގެ އައު މާކެޓުތަކަށް ނެރުމުގެ މަގު ފަހިވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.