ވިއްކަން ބަހައްޓާ މުދަލުގައި ގާނޫނާ އެއްގޮތަށް އަގު ނުޖަހާ ވިޔަފާރިތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
އެގޮތުން އިކޮނޮމިކް މިނިސްޓްރީން ބުނީ އޮކްޓޫބަރު 15 އިން 20 އަށް މާލޭގައި ވިޔަފާރިތަކަށް ހާއްސަކޮށްގެން އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފައިވާކަމަށެވެ.
އެ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ބަލައި ފާސްކުރި 34 ފިހާރައިގެ ތެރެއިން ގާނޫނާ އެއްގޮތަށް ވިއްކަން ބަހައްޓާ މުދަލުގައި އަގު ޖަހަމުންދިޔައީ 17 ފިހާރައަކުންނެވެ. ބާކީ 17 ފިހާރައަށް ވަނީ ގާނޫނާ އެއްގޮތަށް އަގު ޖެހުމަށް އަންގައި ނޯޓިސް ދީފައެވެ.
ވިޔަފާރިކުރާ ތަންތަނުގައި ވިއްކަން ބަހައްޓާ މުދަލުގެ އަގު ފެންނާނެހެން ޖަހަންޖެހޭނެ ކަމަށް އެ މިނިސްޓްރީން އޮކްޓޫބަރު 14 ގައި އާންމުކުރި އިއުލާނެއްގައި ބުނެފައިވެއެވެ.
އެ އިއުލާނުގައިވާ ގޮތުން މުދަލުގައި ނުވަތަ މުދާ ބަހައްޓާފައި ހުންނަ ތަނުގައި ވަކިވަކިން އަގު އެނގޭނެހެން ލިޔެ، ޕްރިންޓްކޮށް ނުވަތަ ތަތްކޮށްފައި ހުންނަންޖެހެއެވެ.
އަދި ކޮންސިއުމާ ހިމާޔަތްކުރުމުގެ ގާނޫނުގެ 66 ވަނަ މާއްދާގެ ދަށުން ވިޔަފާރިތައް ބަލައިފާސްކުރުން ކުރިއަށްގެންދާނެ ކަމަށާއި، އަގު ނުޖަހައި މުދާ ވިއްކާ ފަރާތްތަކާ މެދު އެ ގާނޫނުގެ 84 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
އެހެންކަމުން ވީހާވެސް އަވަހަކަށް ވިޔަފާރިތަކުން މި މިންގަނޑުތަކަށް ފެތޭގޮތަށް މުދަލުގައި އަގު ޖެހުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
