ޕާކިސްތާނާއި ދިވެހިރާއްޖެއާ ދެގައުމުގެ ދެމެދުގައި އޮތް ވިޔަފާރިއާއި އިގްތިސާދީ ގުޅުންތައް އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގައި "ރާއްޖެ-ޕާކިސްތާން ބިޒްނަސް ފޯރަމް 2026" ޕާކިސްތާނުގެ އިސްލާމްއާބާދުގައި ހުންނަ ސެރީނާ ހޮޓެލްގައި ބާއްވައިފިއެވެ.

މި ފޯރަމް އިންތިޒާމުކޮށްފައިވަނީ އިކޮނޮމިކް މިނިސްޓްރީގެ ފަރާތުންނެވެ. މި ބައްދަލުވުމުގައި ދެގައުމުގެ ސަރުކާރުގެ މަތީ ފަންތީގެ ވެރިންނާއި، އިންވެސްޓަރުންނާއި، ވިޔަފާރިވެރިންގެ އިތުރުން މީޑިއާތަކުން ބައިވެރިވެފައިވެއެވެ.

މި ފޯރަމް ބޭއްވިގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި ފޯރަމްގައި ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝަހްބާޒް ޝަރީފް ވެސް ބައިވެރިވެވަޑައިގެންފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މިއީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސާފިރުކަމުގެ ގުޅުން ގާއިމުކުރެވުނުތާ 60 އަހަރު ފުރުން ފާހަގަކުރާ އަހަރު ކަމަށްވުމާއެކު، މި ބައްދަލުވުމަކީ ދެގައުމުގެ އިގްތިސާދީ ގުޅުން އާ އުސްމިންތަކަކަށް ގެންދިއުމަށް ލިބުނު މުހިންމު ފުރުސަތެއްކަމަށެވެ.

މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހައުސިން، ލޭންޑް ރިކްލެމޭޝަން އަދި ގުޅުވާލުމުގެ މަޝްރޫއުތަކުގެ ޒަރީއާއިން ރާއްޖެއަށް އަންނަމުންދާ އުމްރާނީ ބޮޑު ބަދަލާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ރައީސް މުއިއްޒު ވަނީ އިމާރާތްކުރުމާއި އިންޖިނިއަރިން ދާއިރާގެ ކުންފުނިތަކުގެ ހުނަރާއި، ޓެކްނޮލޮޖީއާއި، އިންވެސްޓްމަންޓްތައް ބޭނުންކޮށްގެން އެކުގައި ކުރިއަރައި ދިއުމަށް ބައިވެރިންނަށްވުމަށް ޕާކިސްތާނު ކުންފުނިތަކަށް ދައުވަތު އަރުވާފައެވެ.

މީގެއިތުރުން، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފެއްދުމަށް ރާއްޖެއިން ވެފައިވާ އުއްމީދީ އަމާޒު ފާހަގަކުރައްވައި، އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތަކަށް އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކަށް ވެސް ރައީސް އަލިއަޅުވާލެއްވިއެވެ.

އިސްލާމިކް ފައިނޭންސް، ހަލާލް އުފެއްދުންތައް އަދި ހަލާލް ޓޫރިޒަމަށް އޮތް ބޮޑު އެދުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން، އިސްލާމިކް ފައިނޭންސިން، ސުކޫކު ދޫކުރުން، އަދި ހަލާލް ވެލިއު ޗެއިންތަކުގެ ތެރެއިން ހުރި ފުރުސަތުތަކުގެ ބޭނުން ހިފުމަށް ޕާކިސްތާނުގެ މާލީ އިދާރާތަކަށާއި ވިޔަފާރިތަކަށް ރައީސް ވަނީ ގޮވާލައްވާފައެވެ.

ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ދެގައުމުގެ ވިޔަފާރިތަކުގެ ދެމެދުގައި ސީދާ ގުޅުން ގާއިމުކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރީގެ ބައިވެރިވުން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އަދި އިންވެސްޓްމަންޓްތަކާއި ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ދޭ އެއްބާރުލުން އޭނާ ތަކުރާރު ކުރެއްވިއެވެ.

މި ފޯރަމްގައި ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝަހްބާޒް ޝަރީފް ދެއްވި ހާއްސަ ތަގުރީރުގައި، ރާއްޖެއާއެކު އޮތް އިގްތިސާދީ ގުޅުން އިތުރަށް ބަދަހިކުރުމަށް ޕާކިސްތާނުން ދޭ އިސްކަން ހާމަކުރެއްވިއެވެ. އަދި ދެގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރި ފުޅާކުރުމުގެ މުހިންމުކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ފޯރަމްގެ މައިގަނޑު މަގުސަދަކީ ދެގައުމުގެ ވިޔަފާރިވެރިންގެ މެދުގައި އޮތް ގުޅުން ބަދަހިކޮށް، ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތައް ދައްކާލުމާއި، ފައިދާހުރި ވިޔަފާރި ބައިވެރިވުންތައް އުފެއްދުންކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން ޕާކިސްތާނުގެ އުފެއްދުންތެރިކަމާއި، ދަނޑުވެރިކަމާއި، ޓެކްނޮލޮޖީގެ ދާއިރާގެ ގާބިލުކަމުގެ ބޭނުންހިފާ، ރާއްޖޭގެ ތަރައްގީގެ އަމާޒުތަކާ އެއްގޮތަށް ދެގައުމުގެ ވިޔަފާރި އިތުރަށް ފުޅާކުރުމުގެ ބޮޑު ފުރުސަތެއް އޮތްކަން މި ފޯރަމްގައި ފާހަގަކުރެވުނެވެ.