ބޭންކް އޮފް މޯލްޑިވްސް އިން ވިޔަފާރިތަކަށް ޓީޓީ ހެދުމަށް ދެމުން އައި ޑޮލަރު ސަޕޯޓް ކުއްލިއަކަށް ހުއްޓާލައިފިކަމަށް ބުނެ އަދަދު ނޫހުން ޝާއިއުކޮށްފައިވާ ހަބަރު އެ ބޭންކުން ދޮގުކޮށްފިއެވެ.
ބީއެމްއެލް އިން ބުނީ ކުރިންވެސް ވިޔަފާރިތަކަށް ޑޮލަރު ވިއްކަމުން އައި އުސޫލުން، ކޮންމެ ވިޔަފާރިއަކަށް ވެސް ކަނޑައެޅިފައިވާ ލިމިޓްގެ ތެރެއިން ޓީޓީ ފޮނުވުމަށް މެދުނުކެނޑި ޑޮލަރު ވިއްކަމުން އަންނަކަމަށެވެ. މިގޮތުން މިމަހުގެ ތެރޭގައިވެސް ޓީޓީ އަށް ޑޮލަރު ބޭނުންވުމުން ކޮންމެ ކަސްޓަމަރަކަށްވެސް އެކަސްޓަމަރަށް ދެވޭނެ އެންމެ ބޮޑު އަދަދަކަށް ޑޮލަރު ވިއްކާފައިވާކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
މިހާތަނަށް ޓީޓީ ހަދަން ޑޮލަރުގެ އެހީއަށް އެދިފައިވާ އެއްވެސް ވިޔަފާރިއަކަށް ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްނުދެވިފައި ނުވާނެކަން ފާހަގަކޮށް ބީއެމްއެލްއިން ބުނީ އެހެންނަމަވެސް އެ ވިޔަފާރީގެ ޓީޓީއަށް ބޭނުންވާ ޖުމްލަ އަދަދު ބޭންކުން ނުދެވުން އެކަށީގެންވާ ކަމަށެވެ.
މެދު އިރުމަތީގެ ހަމަނުޖެހުމާއި ގުޅިގެން، ބޭރުން ރާއްޖެއަށް ބޭންކް މެދުވެރިކޮށް އަންނަ ފައިސާ އަށްވުރެ ރާއްޖެއިން ބޭރަށް ބޭންކް މެދުވެރިކޮށް ފޮނުވާ ފައިސާގެ އަދަދު މިދުވަސްކޮޅު އިތުރުވެފައި ވީނަމަވެސް، ބޭންކުން އަންނަނީ ބޭރު ފައިސާގެ ލިކުއިޑިޓީ ހަރުދަނާކަމާއެކު ބަލަހައްޓައި، ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް އެހީތެރިކަން ފޯރުކޮށްދެމުންކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
މި ހައްސާސް މުއްދަތުގައިވެސް ބޭންކުން އަންނަނީ މެދު ނުކެނޑި ކާބޯތަކެއްޗާއި، އެކިއެކި ބޭނުންތަކަށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށް ވިޔަފާރިތަކަށް ކުރިއަށްވުރެ އިތުރަށް ޑޮލަރު ފޯރުކޮށްދެމުންކަމަށްވެސް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
އެގޮތުން ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށް މިއަހަރުގެ ފުރަތަމަ ކްއާޓަރުގައި 106.2 މިލިއަން ޑޮލަރު ވިއްކާފައިވާކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ. މިއީ އެވްރެޖްކޮށް މަހަކަށް 35.4 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދަކަށްވާއިރު ބީއެމްއެލް އިން ބުނީ މިބޭނުމަށް މިދިޔަ އަހަރު އެވްރެޖްކޮށް މަހަކަށް ވިއްކި 14.6 މިލިއަން ޑޮލަރާއި އަޅާބަލާއިރު މިއީ %142 އިތުރު އަދަދެއް ކަމަށެވެ.
ބީއެމްއެލް އިން ބުނީ މިއަހަރުގެ މިހާތަނަށް 38،855 ޓިޓީ އަށް ބޭރު ފައިސާ ފޯރުކޮށްދީފައިވާއިރު، މި ހިނގާ އެޕްރީލް މަހު އެކަނިވެސް 6،800 އަށް ވުރެ ގިނަ ޓީޓީ ފޮނުވުމަށް ބޭރު ފައިސާގެ އެހީ ފޯރުކޮށްދީފައިވާނެ ކަމަށެވެ. އަދި އިއްޔެ އެކަނިވެސް 327 ޓީޓީ އަށް 9 ލައްކައަށްވުރެ ގިނަ ޑޮލަރު ވިއްކާފައިވާކަން ބީއެމްއެލް އިން ވަނީ ފާހަގަކޮށްފައެވެ..
އިތުރަށް އެ ބޭންކުން ބުނީ ބޭންކުގެ ކަސްޓަމަރުންނާއި ބޭހޭ އަދި ބޭންކުން ހިންގާ ފައިސާގެ މުއާމަލާތްތަކުގެ ސައްހަ މައުލޫމާތު ތަކަކީ ހަމައެކަނި ބޭނަކަށް ދެވޭނެ މައުލޫމާތުތަކެއް ކަމަށެވެ. "އެހެންކަމުން މިފަދަ މުހިންމު ކަމަކާއި ގުޅޭގޮތުން ބޭންކުގެ ކަސްޓަމަރުންގެ މެދުގައި އަދި މުޅި މުޖުތަމައުގައި ނުތަނަވަސްކަން އުފެދޭގޮތަށް، ޒިންމާދާރުކަމެއްނެތި މިފަދަ މައުލޫމާތު ފެތުރުމަކީ ބޭންކުން އެކަމާއި މެދު ވަރަށް ހިތާމަކުރާކަމެއް" ބީއެމްއެލް އިން ވަނީ ބުނެފައެވެ.
