ބޭންކް އޮފް މޯލްޑިވްސް އިން 'ވީރަން މޯލްޑިވްސްއާ' އެކު ޕާޓްނާޝިޕެއް ގާއިމްކޮށްފިއެވެ.

މި އެއްބަސްވުމަކީ ކުންފުނިތަކާއި މުއައްސަސާތަކާއި ޖަމިއްޔާތަކުގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމާއި ގުޅިގެން މަސައްކަތް ކުރުމުގެ ރޫހު އާލާކުރުމަށް ވީރަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ ކޯޕަރޭޓް ރަންއަށް އެއްބާރުލުންދިނުމުގެ ގޮތުންވި އެއްބަސްވުމެއްކަމަށް ބީއެމްއެލް އިން ހާމަކޮށްފައިވެއެވެ.

މި ޕާޓްނާޝިޕްގެ ދަށުން، ކުރިއަށް އޮތް ދެ އަހަރު ދުވަހު މި ހަރަކާތް އިންތިޒާމުކޮށް ކުރިއެރުވުމަށް ބޭންކުން ވީރަން މޯލްޑިވްސްއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. ވީރަން މޯލްޑިވްސް އިން ބާއްވާ ފުރަތަމަ ދުވުން މިއަހަރު ބާއްވާނެއެވެ.

މި ހަރަކާތަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި، މުއައްސަސާތަކާއި އަދި ޖަމިއްޔާ ޖަމާއަތްތަކަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ، ކޮންމެ ޓީމެއްގައި 5 ދުވުންތެރިން ހިމެނޭ، ކޮންމެ ދުވުންތެރިއަކު 1 ކިލޯމީޓަރު ދުވަންޖެހޭ ރިލޭ ރޭހެކެވެ. މި ރޭހަކީ ކުޅިވަރުގެ ވާދަވެރިކަމާއި ކޯޕަރޭޓް ވަކިވަކި ސިފަތައް އެކުލެވޭ، ޓީމް ރޫހު ވަރުގަދަކުރުމަށާއި ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމަށް ލިބޭ ފުރުސަތެކެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ދަނީ ގައުމީ ފެންވަރުގެ މަޝްރޫއުތަކާއި، ސްޓްރެޓީޖިކް ޕާޓްނާޝިޕްތަކާއި، ޒުވާނުން ބާރުވެރިކުރުވުމާއި، މަސައްކަތުގެ މާހައުލުގައި ދުޅަހެޔޮކަން އިތުރުކުރުމާއި، މުޅި ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް މެދުކެނޑުމެއްނެތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.