ރާއްޖޭގައި ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތަކުގެ ތެރެއިން 37 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރުނު ތަފާސްހިސާބުގައި ބަޔާންކޮށްފައިވާގޮތުން 29 ނޮވެމްބަރުން 15 ޑިސެމްބަރު 2025 ގެ ނިޔަލަށް 252 ޝަކުވާއެއް އެ މިނިސްޓްރީއަށް ލިބިފައިވެއެވެ. އެގޮތުން 98 ވިޔަފާރިއެއް ބަލާ ފާސްކޮށްފައިވާކަމަށާއި، އަދި އޭގެތެރެއިން 37 ވިޔަފާރިއެއް ބަންދުކުރެވިފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
އިކޮނޮމިކް މިނިސްޓްރީގެ ތަފާސްހިސާބުން ހާމަވާގޮތުގައި އިކޮނޮމިކް މިނިސްޓްރީގެ ގާނޫނާއި ހިލާފުވެގެން މި މުއްދަތުގައި 25 ވިޔަފާރިއެއް ބަންދުކޮށްފައިވާއިރު، އެހެނިހެން ގާނޫނުތަކާއި ހިލާފުވެގެން 12 ވިޔަފާރިއެއް ވަނީ ބަންދުކޮށްފައެވެ. އަދި 8 ވިޔަފާރިއަކަށް ވަނީ އަލުން ހުޅުވުމުގެ ފުރުސަތު ދީފައެވެ.
ފާހަގަކުރެވޭ ގޮތުގައި ދިވެއްސެއްގެ ނިވަލުގައި ފިލައިހުރެ އަމިއްލަ ވިޔަފާރި ހިންގާ އެއްވެސް ބިދޭސީއަކަށް ޖާގަ ނުދިނުމަށް އެންމެން އެއް ރޫހެއްގައި އެއްބާރުލުން ދީގެން މަސައްކަތްކުރުމަށް މީގެ ކުރިން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވެއެވެ.
ބިދޭސީން ރާއްޖޭގައި ވިޔަފާރި ކުރުން މަނާ 34 ދައިރާއެއް ކަނޑައޅާފައިވާއިރު އިކޮނޮމިކް މިނިސްޓްރީން ބުނީ ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރީއާ ގުޅިގެން ލިބޭ މައުލޫމާތުތައް "ނެޝަނަލް ޓާސްކްފޯސް އޮން ކޮމްބެޓިން އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް" މެދުވެރިކޮށް، އަވަސް ފިޔަވަޅު އަޅާނެކަމަށެވެ.
