540 އަށް ވުރެ ގިނަ ބައިވެރިންނާ އެކު އަލީބާބާގެ ވެބިނާ މިއަދު ބާއްވައިފިއެވެ.
މިކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "މޯލްޑިވްސް އިން ގްލޯބަލް މާކެޓްތަކަށް - އަލިބާބާއާއެކު އީ-ކޮމާސް އަށް މަގުފަހިކުރުން" ގެ ނަމުގައި ބޭއްވި ވެބިނާއަކީ ރާއްޖޭގެ މާކެޓް އެކްސެސް ފުޅާކޮށް، އިގުތިސާދު ތަފާތު ދާއިރާތަކަށް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
އެގޮތުން އަލީބާބާ.ކޮމް ގެ ޕްލެޓްފޯމްގައި ވިޔަފާރި ކުރަން ބޭނުންވާ ދިވެހިންނަށް ސެލާ އެކައުންޓުތައް ހުޅުވޭނެ ގޮތް ފަހިވެފައިވާކަމަށާއި، މިއީ އޮންލައިން ވިޔަފާރި ކުރާ މީހުންނަށާއި އެ ވިޔަފާރިއަށް ވަންނަން ޝައުގުވެރިކަން ހުރި މީހުންނަށް ވެސް ރަނގަޅު ފުރުސަތެއް ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.
ސައީދު ވިދާޅުވީ މިކަން ހަގީގަތަކަށް ހެދުމަށްޓަކައި އެހީތެރިވެދެއްވި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ އަދި އެމްބަސީގެ ޓީމަށް ހާއްސަ ޝުކުރެއް އަދާކުރާ ކަމަށެވެ. އަދި އަލީބާބާ ކުންފުނީގެ ޖެނެރަލް މެނޭޖަރާއި، ހަންގްޒޫ ބޫސްޓާ ޓެކްނޮލޮޖީގެ ބާނީ އަދި ސީނިއާ ސާވިސް މެނޭޖަރަށްވެސް ހާއްސަ ޝުކުރެއް އަދާކުރައްވާކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.
ސައީދު އިތުރަށް ވިދާޅުވީ މިއީ ޗައިނާ ރާއްޖެ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކޮށް، 1 ޖަނަވަރީ 2025 ގައި ތަންފީޒުކުރަން ފަށާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ނަތީޖާތައް ހާސިލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
އަދި ބައިނަލްއަގުވާމީ އީ ކޮމާސްއަށް ވާސިލުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއްކަންވެސް ސައީދު ވަނީ ފާހަގަކުރައްވާފައެވެ.