ދިވެހިރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގައި ފަންނީ ގޮތުން ގާބިލު އިންވެސްޓިގޭޓަރުން މަދުވުމުގެ ސަބަބުން ކުރިމަތިވެފައިވާ އިންސާނީ ވަސީލަތުގެ ދަތިކަން ހައްލުކުރުމުގެ ގޮތުން، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން އެކްރެޑިޓްކޮށްފައިވާ "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ރަސްމީކޮށް ފެށުމަށް މޯލްޑިވްސް ނޭޝަނަލް އެންޓި-ކޮރަޕްޝަން އެކަޑަމީ (އެމްނާކާ) އިން ނިންމައިފިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނީ ރާއްޖޭގައި ކޮރަޕްޝަން ހުއްޓުވުމަށް އެޅިފައިވާ އެންމެ ބޮޑު އެއް ހުރަހަކީ މި ދާއިރާއަށް ހާއްސަވެގެން ތަމްރީނު ލިބިފައިވާ އިންވެސްޓިގޭޓަރުން މަދުވުންކަމަށާއި، މި ހުސްކަން ފުރައިލުމަކީ ދައުލަތުގެ އަދުލުގެ ނިޒާމަށާއި މުއައްސަސާތަކުގެ އިތުބާރު ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަމަށެވެ.

މި ކޯހާ ގުޅޭގޮތުން އެމްނާކާގެ ޑިރެކްޓާ ޖެނެރަލް އިބްރާހީމް ތައްޔިބު ވިދާޅުވީ، ދިވެހިރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތައް ފުރިހަމައަށް ތަހުގީގުކުރުމަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ފަންނީ ގޮތުން ގާބިލު، ތަމްރީނުވެފައިވާ އިންވެސްޓިގޭޓަރުން ލިބެން ނެތުން ކަމަށެވެ. އަދި އެމްނާކާއިން ފަށަން ތައްޔާރުވާ މި ކޯހަކީ ގައުމީ ފެންވަރުގައި އުފެދިފައިވާ ހުސްކަން ފުރައިލާ، ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ޒަމާނީ ހުނަރުތަކާއެކު އާ ޖީލެއްގެ އިންވެސްޓިގޭޓަރުން ބިނާކުރުމަށް އެޅޭ ވަރަށް މުހިންމު ބިންގަލެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ޑިޕްލޮމާ ޕްރޮގްރާމަކީ ތަހުގީގީ ދާއިރާގެ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ފަރުމާކުރެވިފައިވާ ކޯހެއްކަން ފާހަގަކޮށް އޭސީސީން ބުނީ މި ކޯހުގެ ތެރެއިން ސުލޫކީ މިންގަނޑުތަކާއި ކޭސް މެނޭޖްމަންޓާއި، ފޮރެންސިކްސް، ހެކި ބެލެހެއްޓުން އަދި މާލީ ނިޒާމުތަކަށް އަހުލުވެރިވުމުގެ އިތުރުން އިންޓަވިއުކޮށް ބަޔާން ނެގުމުގެ ހުނަރާއި އިންޓެލިޖެންސް މައުލޫމާތު އެއްކޮށް ތަހުލީލުކުރުމުގެ ޒަމާނީ އުކުޅުތަކުގެ މައްޗަށް ތަމްރީނު ދެވޭނެކަމަށެވެ.

ދައުލަތުގެ ނިޒާމުގެ ތެރޭގައި ނަޒާހަތްތެރިކަން އަށަގަންނުވައި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކުގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް އެމްނާކާއިން އޭސީސީގެ މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމާއި، މުއައްސަސާތަކާއި އެސްއޯއީތަކަށް އަމާޒުކުރާ ކުރު ކޯސްތައް ހިންގުމަށް ހަމަޖެހިފައިވާކަމަށް ވެސް ވަނީ ބުނެފައެވެ.