ދައުލަތުގެ އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާ ވިޔަފާރިއާ ބެހޭ މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތް ކަމަށް ބުނެ، އިދިކޮޅު މައި ޕާޓީ އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ މަޖިލީހުގެ ތަޅުމުން މިއަދު ބޭރުކޮށްލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރިޔާސަތު ބެލެހެއްޓެވި މިއަދުގެ ޖަލްސާގައި މި މައްސަލައިގައި ނެގުނު ވޯޓުގައި، މިނިސްޓަރު ސައީދުގެ އިތުބާރު ދަމަހައްޓަން ފެންނަ ކަމަށް 54 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ. އަދި މިނިސްޓަރު މަގާމުން ވަކިކުރުމަށް ވޯޓު ދެއްވީ އެންމެ 10 މެންބަރުންނެވެ. މިއާއެކު މި މައްސަލަ ވަނީ މަޖިލީހުން ބޭރުވެފައެވެ.
މި މައްސަލައަކީ އެމްޑީޕީގެ 13 މެންބަރެއްގެ ސޮޔާއެކު މިދިޔަ އޮގަސްޓު މަހު މަޖިލީހަށް ހުށަހެޅި މައްސަލައެކެވެ. މިއަދުގެ ޖަލްސާއަށް ވަޑައިގެން، އިދިކޮޅުން ކޮށްފައިވާ ތުހުމަތުތަކަށް އިންކާރުކުރައްވައި ޖަވާބުދާރީވެވަޑައިގަންނަވަމުން މިނިސްޓަރު ވަނީ ސަރުކާރުގެ އިގުތިސާދީ ސިޔާސަތުތަކާއި ހޯދާފައިވާ ކާމިޔާބީތަކުގެ ތަފާސްހިސާބުތައް ތަފުސީލުކޮށް ހާމަކުރައްވާފައެވެ.
އެގޮތުން، ގައުމުގެ މާލީ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ވޭތުވެދިޔަ އެމްޑީޕީ ސަރުކާރުގެ އެންމެ ފަހު ތިން އަހަރު ދުވަހުގެ ތެރޭގައި ރަސްމީ ރޭޓުގައި އާންމުންނަށް ދޫކުރެވުނީ އެންމެ 1.75 މިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި މިހާތަނަށް އައިއިރު އެ އަދަދު 1.9 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިއީ ކުރީ ސަރުކާރުގެ ފަހު ތިން އަހަރާ އަޅާބަލާއިރު، މަހެއްގެ މައްޗަށް ބަލާއިރު ގާތްގަނޑަކަށް 97 ޕަސެންޓުގެ ބޮޑު ކުރިއެރުމެކެވެ.
މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވީ ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ވަކި މިންވަރަކަށް ބޭންކުތަކަށް ޑޮލަރު މާރުކުރަން މަޖުބޫރުކުރުން ފަދަ ހަރުދަނާ ފިޔަވަޅުތަކެއް މި ސަރުކާރުން އެޅުމުގެ ނަތީޖާއެއްގެ ގޮތުން ޑޮލަރު ދޫކުރެވޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވާ ކަމަށެވެ. އަދި މިހާރު ގައުމުގައި ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ ކަމަށް ބުނެ އިދިކޮޅުން ދައްކަނީ އެއްވެސް އަސާސެއް ނެތް، ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ފާއިތުވި ހަތަރު ވެރިކަމުގެ ދައުރާ އަޅާބަލާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ މި ވޭތުވެދިޔަ މުއްދަތުގައި ބޭރުގެ 313 އިންވެސްޓްމެންޓެއް ރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ކަމަށާއި، މިއީ ތާރީހީ ބޮޑު ރެކޯޑެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ އިގުތިސާދު ސިންދަފާތު ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ރާއްޖެ ކައިރިންނާއި ކަނޑުއޮޅިތަކުން ދަތުރުކުރާ ބޭރުގެ އާގުބޯޓުފަހަރަށް އަމާޒުކޮށްގެން ފެށި އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، އެ ހިދުމަތުން މިހާތަނަށް ރާއްޖެއަށް 90 މިލިއަން ޑޮލަރު (1.39 ބިލިއަން ރުފިޔާ) ގެ ބޮޑު އާމްދަނީއެއް ލިބިފައިވާ ކަމަށެވެ. މި ސަރުކާރުން އިސްނަގައިގެން ބޯޓު ގެނެސް، އެސްޓީއޯ މެދުވެރިކޮށް ފެށި މި ހިދުމަތަކީ ވަރަށް ކާމިޔާބު މަސައްކަތެއް ކަމަށާއި، އެސްޓީއޯގެ އަހަރީ ހިސާބުތަކުން ވެސް ކުންފުންޏަށް އެންމެ ބޮޑު ފައިދާއެއް ލިބޭ އެއް ދާއިރާއަކީ ބަންކަރިންގެ ހިދުމަތްކަން އެނގޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ ސަބަބުން ގައުމީ އުފެއްދުންތެރިކަމަށާއި އިގުތިސާދަށް ވަރަށް ބޮޑު ދިރުމެއް ލިބިފައިވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ސައީދުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާ ވިޔަފާރިއާ ބެހޭ ވުޒާރާއަކީ ދައުލަތުގެ މައުލޫމާތުތައް ހާމަކުރުމުގައި ނަމޫނާ ދައްކަމުންދާ ދެފުށް ފެންނަ މިނިސްޓްރީއެއް ކަމަށެވެ.
