ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ފިހާރައެއް ލޫޓުވުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިތްވަރުދީ ގޮވާލި މައްސަލައިގައި ހައްޔަރުކުރި ހއ. ބާރަށު، ކުއްޅަވައްގޭ، އަލީ ޖުމާން (25 އަހަރު) ގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ހުށަހެޅި މައްސަލައަކާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން، ޓެރަރިޒަމްގެ ތުހުމަތުކުރެވޭ ޖުމާން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވަނީ ކަސްޓޯޑިއަލް ޖަލެއްގައެވެ. މި މުއްދަތު ފެށެނީ 4 ނޮވެންބަރު 2026 ން ފެށިގެން 19 ނޮވެންބަރު 2026 ގެ ނިޔަލަށެވެ.

ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޖުމާންގެ މައްޗަށް ތުހުމަތުކުރެވޭ އެކަށީގެންވާ މިންވަރަށް ފުލުހުން ވަނީ ހެކި ހުށަހަޅާފައެވެ. އޭގެ ތެރޭގައި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި، ސޯޝަލް މީޑިއާ 'އެކްސް' ގައި "ޑެތު ޕުހު" ނަމަކަށް ކިޔާ އެކައުންޓަކުން ކޮށްފައިވާ ޕޯސްޓުތަކާ ގުޅޭ ރިޕޯޓުގެ އިތުރުން ފުލުހުންގެ ބަޔާނާއި، މި މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި މަސްލަހަތު ހިމެނޭ ފަރާތަކުން ހުށަހެޅި ސިޓީ އަދި ލިޔެކިޔުންތައް ހިމެނެއެވެ.

އޭނާ ބަންދުގައި ބަހައްޓަން އަމުރުކުރީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 އަދި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ ކަމަށް ކޯޓު އަމުރުގައިވެއެވެ. މީގެއިތުރުން، ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ ދަށުން ބަންދުގައި ބަހައްޓަންޖެހޭ ހާލަތްތައް ފުރިހަމަވާ ކަމަށްވެސް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

މާލޭގައި ދިރިއުޅެމުންދާ ޖުމާން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ސަރުކާރުން ޔަހޫދީންނަށް ބިންތައް ދޭތަން ބަލަން ނުތިބެވޭނެ ކަމަށާއި، އިމާރާތްތަކާއި އުޅަނދުފަހަރުގައި ރޯކޮށް، ހަމަނުޖެހުން ހިންގައި މުޒާހަރާ ވެސް ކުރަންޖެހޭ ކަމަށެވެ. މީގެއިތުރުން ރެޑްވޭވް ފިހާރަ ލޫޓުވާލަން ވެސް އޭނާ ވަނީ ގޮވާލާފައެވެ.

ޖުމާނަކީ މީގެކުރިން އިދިކޮޅު އެމްޑީޕީން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހު މާލޭގައި ބޭއްވި މުޒާހަރާގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ވެސް ހައްޔަރުކުރި މީހެކެވެ. ނަމަވެސް، އެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ފަހުން ވަނީ ނިންމަވާފައެވެ.

އަލީ ޖުމާންގެ ބަންދަށް މުއްދަތު ޖަހާފައިވާއިރު، ރައީސް އޮފީހާއި، ރައްޔިތުންގެ މަޖިލީހުގެ އިމާރާތާއި، ސުޕްރީމް ކޯޓުގައި ހުޅުޖަހަން ގޮވާލި މައްސަލައިގައި ފުވައްމުލަކުން ހައްޔަރުކުރި އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނަންޓް އަދި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހަސަންގެ ބަންދަށް ވެސް މިދިޔަ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހު ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުން ވަނީ 15 ދުވަސް ޖަހައިފައެވެ.