ޕޯޗުގަލްގެ ކެޕްޓަން އަދި ލެޖެންޑް ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފިއެވެ.

އިންސްޓްރާމްގައި އާއްމު ކުރި ވީޑިއޯއެއްގައި އުމުރުން 41 އަހަރުގެ ރޮނާލްޑޯ ބުނީ ޕޯޗުގަލްގެ 7 ނަމްބަރު ޖާޒީ އަނބުރާ ދޭންވީ ދުވަސް އަތުވެއްޖެ ކަމަށާ އެ ޖާޒީއަކީ އޭނާގެ އެކަނި މިލްކެއް ކަމަށް ނުދެކޭ ކަމަށެވެ. އެހެން ނަމަވެސް ވޭތުވެދިޔަ 23 އަހަރު އެ 7 ނަމްބަރު ޖާޒީ ލައިގެން ދުނިޔޭގެ އެކި އެކި ސްޓޭޑިއަމްތަކުގައި ކުޅެން ލިބުމަކީ ފަހުރެއް ކަމަށާ އެއީ ޝަރަފުވެރި ޒިންމާއެއް ކަމަށް ގަބޫލުކުރާ ކަމަށް ވެސް ރޮނާލްޑޯ ބުންޏެވެ.

ސްޕެއިން އަތުން ބަލިވެ ޕޯޗުގަލް ކެޓި މެޗަށް ފަހު ރޮނާލްޑޯ/ފޮޓޯ: އެކްސް

ރޮނާލްޑޯ ބުނީ މިއަދު މިއޮތީ އެޒިންމާ ޒުވާން ޖީލާ ހަވާލުކުރާ ވަގުތު އައިސްފައި ކަމަށާ މިއީ ފަސޭހައިން ނިންމި ނިންމުމެއް ނޫން ކަމަށެވެ. އަދި އޮގަސްޓް 2003 ގައި އޭނާ ގައުމީ ޓީމާއެކު ފެށި ދަތުރު މިއަދު ނިމުމަކަށް ގެންނަ އިރު މިދަތުރުގައި އޭނާގެ ހަޔާތަށް ގިނަ ބަދަލުތަކެއް އައިސްފައިވާ ކަމަށް ވެސް ރޮނާލްޑޯ ބުންޏެވެ.

ޕޯޗުގަލް ޓީމާ ރޮނާލްޑޯ ވަކި ވިއިރު އޭނާ މިވަނީ 234 މެޗުގައި ޓީމަށް 146 ގޯލު ޖަހާ އެތަށް ރިކޯޑެއް ހަދާފައެވެ. އެހެން ނަމަވެސް، މި ފަހަކަށް އައިސް ދުވަސްވީ ފޯވަޑަށް ގައުމީ ޓީމުގައި ރަނގަޅު ކުޅުމެއް ދެއްކިފައި ނުވާ އިރު އެންމެ ފަހުން ކުޅުނު ބައިނަލްއަޤްވާމީ މެޗުތަކަށް ރޮނާލްޑޯ ނޭރުވި މައްސަލަ ބޮޑުވެ ޓީމުގެ ކޭމްޕް ދޫކޮށް ދާ ހިސާބަށް މައްސަލަ ގޯސްވިއެވެ.

ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ރޮނާލްޑޯގެ ނިންމުން ގަބޫލުކުރާ ކަމަށް ބުނެފައެވެ. އަދި ރޮނާލްޑޯ ފަދަ އަގުހުރި ކުޅުންތެރިއަކަށް ބޮޑެތި ޝަރަފުތައް ހައްގުކަމަށާ މިކަންކަން ރާވަމުންދާ ކަމަށް ވެސް ބުންޏެވެ.

ރޮނާލްޑޯގެ ރަންޒަމާނުގައި ކްލަބް ފެންވަރުގައި އޭނާއާ އެންމެ ވާދަކުރި އާޖެންޓީނާގެ ލައިނަލް މެސީ ވަނީ މިދިޔަ އޮކްޓޯބަރު މަހު ގައުމީ ޓީމަށް ކުޅެން ހުއްޓާލާފައެވެ.