"ވެށިފަހި މާލެ ޕްރޮގްރާމް" ގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތަކުގެ ތެރެއިން 48 ބިމެއް ގަތުމުގެ ފުރުސަތު، އެ ބިންތައް ހިމެނޭ ގޯތިތަކުގެ ބެހެނިވެރިންނަށާއި އިންވެގެންވާ ގޯތިތަކުގެ ވެރިފަރާތްތަކަށް ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުން ކޮށްފައިވާ އިއުލާނެއްގައި ހާމަކޮށްފައިވަނީ، 2011 ވަނަ އަހަރު ހިންގި "ވެށިފަހި މާލެ ޕްރޮގްރާމު" ގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ގުޅޭގޮތުން 28 ޖޫން 2021 ގައި ގެޒެޓުކޮށްފައިވާ އުސޫލުގެ ދަށުން، މި ބިންތައް ގަތުމުގެ ފުރުސަތު 08 ނޮވެންބަރު 2026 ވާ އާދީއްތަ ދުވަހުން ފެށިގެން ހުޅުވާލެވިފައިވާ ކަމަށެވެ.

މި އުސޫލުގެ ދަށުން ވިއްކުމަށް ހަމަޖެހިފައިވަނީ މާލެ އަދި ވިލިނގިލީގެ އެކި ސަރަޙައްދުތަކުން ޖުމްލަ 48 ބިމެކެވެ. މީގެ ތެރޭގައި ހިމެނެނީ:

  • މާފަންނުގެ 21 ބިން
  • މައްޗަންގޯޅީގެ 10 ބިން
  • ހެންވޭރުގެ 9 ބިން
  • ގަލޮޅުގެ 7 ބިން
  • ވިލިނގިލީގެ 1 ބިން

މިނިސްޓްރީން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި ބިންތައް ވިއްކުމަށް ކަނޑައަޅާފައިވާ އަގަކީ އަކަފޫޓަކަށް -/2,000 (ދެހާސް) ދިވެހި ރުފިޔާއެވެ.

މި ބިންތައް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާބެހޭ އުސޫލުގައިވާ ފޯމު ފުރިހަމަކޮށް، ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާބެހޭ އުސޫލުގައިވާ ފޯމާއެކު ހުށަހަޅަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ އެންމެހާ ލިޔެކިޔުންތައް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 08 ޑިސެންބަރު 2023 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިންނެވެ.