މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއިން ޗައިނާގެ އަލީބާބާ އާއި ގުޅިގެން އޮންލައިން ވޯކްޝޮޕެއް ކުރިއަށް ގެންދިއުމަށް ނިންމާ މި ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ވޯކްޝަޕާއި ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީ އާއި ދުނިޔޭގެ ނަން މަޝްހޫރު އީކޮމާސް ޕްލެޓްފޯމްތަކާއެކު ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ އީކޮމާސް އަދި އޮންލައިން ވިޔަފާރިކުރާ އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން މިމަހުގެ 16 ވަނަ ދުވަހު އޮންލައިން ވޯކްޝޮޕެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ވޯކްޝޮޕްގައި އަލީބާބާ.ކޮމް ގެ ތަޖުރިބާކާރުންގެ ފަރާތުން ގިނަ މައުލޫމާތު ތަކެއް ހިއްސާކުރުމަށް ހަމަޖެހިފައިވާއިރު ސައީދު ވިދާޅުވީ އެ މިނިސްޓްރީ އާއި އަލީބާބާ.ކޮމް އާއެކު މިކުރެވުނު މަސައްކަތުގެ ސަބަބުން ދިވެހީންގެ ތެރޭގައި އޮންލައިން ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް އަލީބާބާ.ކޮމްގެ ޕްލެޓްފޯމްގައި އެފަރާތްތަކުގެ މުދާ އޮންލައިންކޮށް ވިއްކޭނެ ގޮތަށް، ސެލާ އެކައުންޓް ހުޅުވޭނެ ފުރުސަތު ފަހިވެގެންދާނެކަމަށެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅެއްކަމުގައިވާ ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވެމުންދާ އީކޮމާސް ޕްލެޓްފޯމްތަކުގައި ދިވެހީންނަށް ސެލާ އެކައުންޓްސް ހުޅުވޭނެގޮތް ހަދައިދީ، މި ޕްލެޓްފޯމްތަކުގައި އޮންލައިން ވިޔަފާރި ކުރެވޭނެގޮތް ހަމަޖައްސަވައިދެއްވުމަށް، ވެވަޑައިގެންނެވި ވައުދުފުޅު ފުއްދެވުމުގެ މަސައްކަތްކުރުމުގެ ތެރެއިން ހުޅުވިގެންދާ ފުރުސަތެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.