ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝް މީހުންނަށް އަނބުރާ ގައުމަށް ފައިސާ ފޮނުވުމުގެ ނިޒާމު ލުއިފަސޭހަކޮށްދިނުމާ ގުޅޭ ގޮތުން، ބަންގްލަދޭޝް ބޭންކުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ތިން ހުށަހެޅުމެއް ހުށަހަޅައިފިއެވެ.
ބަންގްލަދޭޝް ބޭންކުގެ ގަވަރުނަރު އެމްޑީ މުސްތާގުރް ރަހްމާން، އެމްއެމްއޭގެ ގަވަރުނަރު ޑރ. އަހުމަދު މުނައްވަރަށް ފޮނުއްވި ސިޓީއެއްގައި ވަނީ ރަސްމީ ނިޒާމުގެ ތެރެއިން ފައިސާ ފޮނުވުމަށް ހުރި ދަތިތައް ހައްލުކުރުމަށް އެދިވަޑައިގެންފައެވެ. ރާއްޖޭގައި ރަސްމީކޮށް ފައިސާ ފޮނުވޭނެ ނިޒާމުތައް ހަރުދަނާކުރަން މަސައްކަތްކުރި ނަމަވެސް، މަސައްކަތްތެރިންނަށް އަދިވެސް ބޮޑެތި ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.
ހުށަހަޅާފައިވާ މައިގަނޑު ތިން ކަންތައް:
- އޭޝިއަން ކްލިއަރިން ޔޫނިއަން (އޭސީޔޫ): އޭސީޔޫގެ ދަށުން ދިވެހި ރުފިޔާ ބޭނުންކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ހުށަހަޅާފައިވެއެވެ. މިގޮތުން ބަންގްލަދޭޝްގައި ތިބޭ މީހުންނަށް ފައިސާ ލިބޭނީ އެ ގައުމުގެ ފައިސާ ކަމަށްވާ ޓާކާއިންނެވެ.
- ޓާކާ ކާޑު ތައާރަފުކުރުން: ރާއްޖެއަށް ދަތުރުކުރާ ބަންގްލަދޭޝް މީހުންނަށް ރުފިޔާއިން މުއާމަލާތްކުރެވޭނެ ގޮތް ހެދުމާއެކު، ބަންގްލަދޭޝްގެ ބޭންކުތަކުން ޓާކާ ކާޑު ދޫކުރަން ހުށަހަޅާފައިވެއެވެ.
- ކަރަންސީ ސްވޮޕް އެއްބަސްވުން: ދެ ގައުމުގެ ދެމެދުގައި ކަރަންސީ ސްވޮޕް އެއްބަސްވުމެއް ގާއިމުކުރުމަށް ހުށަހަޅާފައިވެއެވެ.
ބަންގްލަދޭޝް ބޭންކުން ބުނީ މި ކަންކަން ތަންފީޒުކުރެވޭނީ ދެ ގައުމުގެ ގާނޫނުތަކާ، ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަދި މިކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބަންގްލަދޭޝްގެ ވަފުދެއް ރާއްޖެ ފޮނުވަން ތައްޔާރަށް އޮތްކަން ހާމަކޮށް އެ ބޭންކުން ބުނީ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރާނީ ގާނޫނީ އޮނިގަނޑާ އަމަލީ ގޮތުން މި ކަންކަން ތަންފީޒުކުރާނެ ގޮތްތަކާ ގުޅޭގޮތުން ކަމަށެވެ.
2024 ވަނަ އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ރާއްޖޭގައި ދެ ލައްކައަށް ވުރެ ގިނަ ބިދޭސީން އުޅޭއިރު، އޭގެ ތެރޭގައި ބަންގްލަދޭޝްގެ އެއް ލައްކައަށް ވުރެ ގިނަ މީހުން ހިމެނެއެވެ.ނަމަވެސް، ރާއްޖޭގައި އޮތް ޑޮލަރުގެ ތާށިކަމާއި ރިޒާވް ދަށްވުމުގެ ސަބަބުން ބޭންކުތަކުން ޑޮލަރު ދޫކުރާ މިންވަރު ހިފަހައްޓާފައިވުމުން، ގިނަ މަސައްކަތްތެރިންނަށް އެކަމުގެ އުނދަގޫ އުފުލަންޖެހެއެވެ.
