ކެނެޑާއާއި އެކުވެރި އަރަބި އިމާރާތް (ޔުނައިޓެޑް އަރަބް އެމިރޭޓްސް - ޔޫއޭއީ) އިން ދެ ގައުމުގެ ދެމެދުގައި އިގުތިސާދީ ގުޅުން ބަދަހިކުރުމުގެ ފުޅާ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ. ދެ ގައުމުގެ ސަރުކާރުން ބުނި ގޮތުގައި، ކޮމްޕްރިހެންސިވް އިކޮނޮމިކް ޕާޓްނާޝިޕް އެގްރީމެންޓް (ސީއީޕީއޭ) ގެ ދަށުން އެ ދެ ގައުމުގެ އިގުތިސާދުގެ ދެމެދުގައި ހުރި ވިޔަފާރީގެ ހުރަސްތައް ކުޑަކޮށް، އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަގުފަހިވެގެންދާނެއެވެ. މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ވިޔަފާރިތަކަށް ބާޒާރުތަކަށް ވަނުމުގެ ފުރުސަތު ފަހިވެ، އިދާރީ ތަކުލީފުތައް ކުޑަވެ، ޓެރިފްތައް ދަށްވެގެންދާނެ ކަމަށް ވެސް ދެ ސަރުކާރުން ބުންޏެވެ.
އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އެއްބަސްވުމުގައި ދެ ގައުމުން ސޮއިކޮށްފައި މިވަނީ އެމެރިކާއާއެކު އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއިން، ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ އެހެން ގައުމުތަކާއެކު ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ގުޅުންތައް ފުޅާކުރެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. އެ ނޫހުން ބުނި ގޮތުގައި، މި އެއްބަސްވުމުގެ މައިގަނޑު އަމާޒަކީ ދެ ގައުމުގެ ވިޔަފާރިވެރިންނަށާއި ކުންފުނިތަކަށް އެއް ގައުމުން އަނެއް ގައުމުގެ ބާޒާރުތަކުގައި ހަރަކާތްތެރިވުމަށް ހުރި ދަތިތައް ނައްތާލައި، ވިޔަފާރީގެ މުއާމަލާތްތައް އިތުރަށް ހަރުދަނާކުރުމެވެ.
އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ސީއީޕީއޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތައްތައް ކުރިއަށް ގެންދެވީ ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީއާއި އަބޫދާބީގެ ވަލީއަހުދު ޝައިހް ހާލިދް ބިން މުހައްމަދު ބިން ޒާޔިދު އަލް ނަހްޔާންގެ ހާޒިރުފުޅުގައެވެ. މި އެއްބަސްވުމުގައި ޔޫއޭއީގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ފޮރިން ޓްރޭޑް މިނިސްޓަރު ސާނީ ބިން އަހްމަދު އަލް ޒައްޔޫދީއެވެ. އަދި ކެނެޑާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ގައުމުގެ ކަމާބެހޭ މިނިސްޓަރު މަނިންދަރ ސިދޫއެވެ.
ކެނެޑާގެ ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މި އެއްބަސްވުން ފުރިހަމައަށް ތަންފީޒުކުރަން ފެށުމުން، ކެނެޑާއިން މިހާރު ޔޫއޭއީއަށް އެކްސްޕޯޓްކުރާ މުދަލުގެ 99 ޕަސެންޓަށް ވުރެ ބޮޑު ބަޔަކުން ޓެރިފް ކުޑަކުރެވި ނުވަތަ އެއްކޮށް އުވާލެވޭނެއެވެ. މީގެ ސަބަބުން ކެނެޑާގައި މުގާއި ކެނޯލާ ހައްދާ ދަނޑުވެރިންނަށާއި، ސިނާއީ މެޝިނަރީއާއި ކަރަންޓު އުފައްދާ ސާމާނު އުފައްދާ ފަރާތްތަކުގެ އިތުރުން، އެ ގައުމުގެ ވައިގެ އުދުހުންތަކާ ބެހޭ ސިނާއަތަށާއި އީޖާދީ މަސައްކަތްތެރިންނަށް އާ ބާޒާރުތައް ހުޅުވިގެންދާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
މީގެ އިތުރުން، ޓެރިފް ނޫން އެހެނިހެން ވިޔަފާރީގެ ހުރަސްތަކަށް ވެސް މި އެއްބަސްވުމުގެ ދަށުން ހައްލު ލިބި، ވިޔަފާރިއާއި އިންވެސްޓްމަންޓަށް އިތުބާރު ހުރި މާހައުލެއް ގާއިމުވެގެންދާނެ ކަމަށް ކެނެޑާގެ ބޮޑުވަޒީރުގެ އޮފީހުން ބުންޏެވެ. އަދި ސިނާއީ ދާއިރާއާއި، ދަނޑުވެރިކަމާއި، ޖަންގަލީގެ އުފެއްދުންތަކާއި، މަހާއި ކަނޑުގެ އުފެއްދުންތަކާއި، ތިމާވެއްޓާއި، އިންޖިނިއަރިންގެ ދާއިރާ ހިމެނޭހެން ކެނެޑާގެ މުދަލާއި ހިދުމަތްތަކަށް ބާޒާރު ފުޅާވެގެންދާނެ ކަމަށާއި، މި އެއްބަސްވުމަށް 2027 ވަނަ އަހަރު އަމަލުކުރަން ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ. ހަމައެއާއެކު، ހަކަތައާއި، ޑިޕްލޮމެޓިކް ގުޅުންތަކާއި، ދިފާއީ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭ އިބްތިދާއީ އެއްބަސްވުންތަކެއްގައި ވެސް ދެ ގައުމުން ވަނީ ސޮއިކޮށްފައެވެ.
ކެނެޑާއިން އެހެން ގައުމުތަކާއެކު ވިޔަފާރީގެ ގުޅުންތައް ފުޅާކުރުމުގެ މަސައްކަތް ފަށާފައި މިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެޅުއްވި ޓެރިފްގެ ފިޔަވަޅުތަކުގެ ސަބަބުން ކެނެޑާގެ އިގުތިސާދަށް އޭގެ އަސަރުކޮށްފައިވާ ދަނޑިވަޅެއްގައި ކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ. އެ ފިޔަވަޅުތަކާ ގުޅިގެން، ކުރިއަށް އޮތް ދިހަ އަހަރުގެ ތެރޭގައި އެމެރިކާ ފިޔަވައި އެހެން ގައުމުތަކާއެކު ކެނެޑާއިން ކުރާ ވިޔަފާރި ދެގުނަ ކުރެއްވުމަށް ބޮޑުވަޒީރު މާކް ކާނީ ވަނީ ވައުދުވެވަޑައިގެންފައެވެ.
އެ ނޫހުން ބުނި ގޮތުގައި، ޓެރިފްގެ މައްސަލައިގައި އެމެރިކާގެ ސަރުކާރާއެކު އެއްބަސްވުމަކަށް އައުމަށް ކެނެޑާއިން ފަހުން ކުރި މަސައްކަތްތައް ވަނީ ނާކާމިޔާބުވެފައެވެ. އެމެރިކާއާއެކު ކުރިއަށްގެންދިޔަ މަޝްވަރާތައް ހުއްޓުމަކަށް އައުމުގެ ސަބަބުން، އެމެރިކާގެ ބާޒާރަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ކެނެޑާގެ ސަރުކާރަށް ވަނީ އިތުރު ބާރެއް ލިބިފައެވެ.
މިކަމުގެ ނަތީޖާއެއްގެ ގޮތުން، އޭޝިއާ ޕެސިފިކް ސަރަހައްދާއި، ވިލާތުގެ ގައުމުތަކުގެ އިތުރުން މެދުއިރުމަތީގެ ގައުމުތަކާއެކު ވިޔަފާރީގެ އެއްބަސްވުންތައް ގާއިމުކުރެއްވުމަށް ބޮޑުވަޒީރު މާކް ކާނީ ހަލުވިކަމާއެކު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމަށް ވެސް އެ ނޫހުން ބުންޏެވެ. ޔޫއޭއީއާއެކު ސޮއިކުރި ސީއީޕީއޭ އެއްބަސްވުމަކީ އެ ސިޔާސަތުގެ ދަށުން ކެނެޑާއިން އެޅި މުހިންމު ފިޔަވަޅެކެވެ.
ޔޫއޭއީގެ ފޮރިން ޓްރޭޑް މިނިސްޓަރު ސާނީ ބިން އަހްމަދު އަލް ޒައްޔޫދީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެ ގައުމުގެ އެކްސްޕޯޓަރުންނަށް ބާޒާރަށް ވަނުމުގެ ފުރުސަތު ފަހިވުމާއި، ލޮޖިސްޓިކްސްއާއި، ކޮމިއުނިކޭޝަންސްއާއި، ޒަމާނީ ޓެކްނޮލޮޖީ އަދި އުފެއްދުންތެރިކަން ފަދަ ހަލުވިކަމާއެކު ކުރިއަރަމުންދާ ދާއިރާތަކުން އިންވެސްޓްމަންޓްގެ ފުރުސަތުތައް ލިބިގެންދިއުމަކީ އެ ގައުމުގެ އަމިއްލަ ވިޔަފާރީގެ ދާއިރާއަށް އޮތް ބޮޑު ފުރުސަތެއް ކަމަށެވެ. އަދި މި ހުރިހާ ކަމަކީ ވެސް ދެމެހެއްޓެނިވި، ސިންދަފާތުކުރެވިފައިވާ އަދި ދުނިޔެއާ ގުޅިފައިވާ އިގުތިސާދެއް ބިނާކުރުމަށް ޔޫއޭއީން ކުރާ މަސައްކަތަށް ލިބޭނެ އެއްބާރުލުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މެދުއިރުމަތީގެ ސަރަހައްދުގައި ކެނެޑާގެ މުދާ އެންމެ ގިނައިން އެކްސްޕޯޓްކުރާ ބާޒާރަކީ ޔޫއޭއީއެވެ. އަދި އެ ގައުމަކީ ކެނެޑާއިން އުފައްދާ އެއްގަމު އުޅަނދުތަކާއި، އުޅަނދުތަކުގެ ސްޕެއާ ޕާޓްސްގެ އިތުރުން މެޝިނަރީ ގަންނަ މައިގަނޑު އެއް ގައުމެވެ. ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރު ދެ ގައުމުގެ ދެމެދުގައި ކުރެވުނު ވިޔަފާރީގެ އަގު 3.5 ބިލިއަން ކެނެޑިއަން ޑޮލަރު (2.48 ބިލިއަން އެމެރިކާ ޑޮލަރު) އަށް އަރައެވެ.
ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ފާއިތުވި މަދު އަހަރުތަކުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރި އަހަރަކު 10 ޕަސެންޓުގެ ރޭޓުން ދިޔައީ ކުރިއަރަމުންނެވެ. މީގެ އިތުރުން، މިދިޔަ އަހަރު ޔޫއޭއީން ވަނީ ކެނެޑާގައި 50 ބިލިއަން އެމެރިކާ ޑޮލަރާ ހަމައަށް އިންވެސްޓްކުރުމަށް ވެސް އެއްބަސްވެފައެވެ.
