ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޯ ބޭންކިން ނިޒާމު ޒަމާނީ ކުރުމަށްޓަކައި ފިނާސްޓްރާ ކުންފުންޏާއެކު ސްޓްރެޓީޖިކް ޕާޓްނާޝިޕެއް ގާއިމު ކޮށްފިއެވެ.

ފިނާސްޓްރާއިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ބީއެމްއެލްއިން ބޭނުންކުރަން ފަށާ ފިނާސްޓްރާ އެސެންސް އަކީ ކްލައުޑް ޓެކްނޮލޮޖީގެ މައްޗަށް ބިނާކޮށްފައިވާ ނިޒާމެކެވެ. މި ނިޒާމުގެ ދަށުން ބީއެމްއެލްގެ އާންމު ބޭންކިންގެ އިތުރުން އިސްލާމިކް ބޭންކިންގެ ހިދުމަތްތައް ވެސް ޒަމާނީ ކުރެވޭނެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި ގޮތުގައި، ކްލައުޑް-ފަސްޓް ކޯ ބޭންކިން ޓެކްނޮލޮޖީގެ ސަބަބުން ކަސްޓަމަރުންނަށް ދޭ ހިދުމަތްތަކުގެ ތަޖުރިބާ ރަނގަޅުވެ، އާ އީޖާދުތަކަށް މަގުފަހިވެގެން ދާނެއެވެ.

މި ބަދަލާއެކު ބޭންކަށް ލިބޭނެ ފައިދާތަކުގެ ތެރޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ތަޖުރިބާއާއި، އީޖާދީ ފީޗާތައް ހިމެނޭ ކަމަށް ފިނާސްޓްރާއިން ބުނެފައި ވެއެވެ. މީގެ އިތުރުން، ކަސްޓަމަރުން ބޭނުންވާ ފަދަ ހާއްސަ ޕްރޮޑަކްޓުތަކާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ފްލެކްސިބިލިޓީއާއި ސްކޭލަބިލިޓީ މި ނިޒާމުގެ ތެރެއިން ލިބިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ފާހަގަކޮށްފައި ވެއެވެ.

ބޭންކުގެ ސީއީއޯ އާއި މުވައްޒަފަކު ފިނޭސްޓްރާގެ ވެރިއަކާ ބައްދަލު ކުރައްވަނީ --- ސްކްރީންގެރެބް

މާލޭގައި ހެޑްކުއާޓަރު ގާއިމުކޮށްފައިވާ ބީއެމްއެލް އަކީ 1982 ވަނަ އަހަރު އުފެއްދި ބޭންކެކެވެ. ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ގޮތުގައި ހިންގަމުން އަންނަ އެ ބޭންކުން މިހާރު ވެސް 390،000 ކަސްޓަމަރުންނަށް ހިދުމަތް ދެމުންގެންދެއެވެ. ފިނާސްޓްރާ އެސެންސް އަކީ ޒަމާނީ ޓެކްނޮލޮޖީއާއެކު ބޭންކިންގެ ފުޅާ ހިދުމަތްތަކެއް އެކުލެވޭ ގޮތަށް ފަރުމާކޮށްފައިވާ ނެކްސްޓް-ޖެން ކޯ ބޭންކިން ސޮލިއުޝަނެކެވެ.